18 ވަނަ ރައްޔިތުންގެ މަޖިީހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހު އަނެއްކާ ވެސް ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.
އޭނާ ޕީޕީއެމް ސޮއި ކުރެއްވީ ޕީޕީއެމް، ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްްވި ރަސްމިއްޔާތުގައެވެ.
ހެންވޭރުގައި ހުންނަ ސްކައި ވިއު ރެސްޓޯރަންޓުގެ ތިރީގައި ހަދާފައިވާ ޖަގަހައިގާ ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް އަށް ސޮއި ކުރައްވާ މެމްބަރުކަމުގެ ފޯމު ހަވާލު ކުރެއްވީ ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމް އަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ ރައީސް ޔާމިންގެ އަރިހުން މައާފަށް އެދިވަޑައިގެންފައެވެ. އަދ އޭނާގެ ސިޔާސީ ހަޔާތް ފެށިގެން އައީ ރައީސް ޔާމިންގެ އަރިއަހުން ކަމަށާއި ޕީޕީއެމްއާއި ދުރަށް ވަޑައިގެންނެވުނީތީ ރައީސް ޔާމިންގެ އަރިހުންނާއި އަދި ޕީޕީއެމްގެ ސަޕޯޓަރުންގެ އަރިހުން ވެސް މައާފަށް އެދޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވަގުތާއި ހާލަތުގެ ގޮތުން ކުޑަ ދުވަސްކޮޅަކަށް ޕީޕީއެމްއާ ދުރަށް ދިޔަ ނަމަވެސް އޭނާއަކީ ރައީސް ޔާމިންއާއި މެޑަމް ފާތުންއާވެސް ވަރަށް ގާތްކަން ބޭއްވި ބޭފުޅެއް ކަމަށާއި ޕީޕީއެމްއާއި ދުރުގުގައި ހުންނެވިއިރުވެސް، އެހެން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ވެފައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ފަލާހު ވަނީ ޔާމިން މިނިވަންކުރުމަށް މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ އެކަމަށް ވެސް އޭނާ ހުންނެވީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވެފައެވެ.
ފަލާހު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިޚާބުވެވަޑައިގަތުމަށްފަހު، ތަންފީޒު ކުރައްވާނީ ރައީސް ޔާމިންގެ ތަރައްގީގެ ސިޔާސަތު ކަމަށާއި، ރާއްޖެ ދެންވެސް ތަރައްގީވެގެންދާނީ އެ ސިޔާސަތު ތަންފީޒު ކޮށްގެން ކަމުގައެވެ.
ދުވަސްތަކެއް ވަންދެން ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށްފަހު މީގެ ހަފްތާއެއް ކުރިން ފަލާހުވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނިކުންނަވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އޭނާ ގުޅިވަޑައިގަންނަވަނީ ކޮން ކެނޑިޑޭޓެއްގެ ކެމްޕޭނަކާކަމެއް އޭރު އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.











