އިދިކޮޅު އެންމެ ބޮޑު ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ލީޑަރ ދިވެހިރައްޔިތުންގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި އޮންނެވީ ކޮން ސަބަބަކާއި ހުރެގެންތޯ އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ސުވާލު ކުރައްވާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީންދަ މީހަކު ޖަލުގައި އެބަ އިންތޯ އޭނާ ޖަލުގައި އިނީ ކޮން ސަބަބަކާއި ހުރެތޯ މިއިން އެއްވެސް ސުވާލެއް އެއްވެސް ގައުމަކުން އަދި މިހާތަނަށް އެމަނިކުފާނާއި ކޮށްފައި ނުވާކަމަށާއި، ރައީސް ޞާލިޙްގެ ސިޔާސަތުތައް ބޭރު ޤައުމުތަކުން ބަލައިގެންފިކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމުގަ އެވެ.
ބޯމަތިވަމުން އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އަތޮޅު ތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އިނގުރައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ދިވެހިރާއްޖެއާ ދުނިޔޭގެ ގައުމުތަކާއި އޮތް ގުޅުމާއި ދޭތެރޭގައި ސުވާލު އުފައްދާ ކަމަށާއި، މިއަދު އެކަހަލަ އެއްވެސް ދައްޗެއް އަދި ސުވާލެއްވެސް ނުއުފެއްދާ ކަމުގަ އެވެ.
ރައީސް ޞާލިޙް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާއި އެކަހެރިވެ އޮވެގެން އެއްވެސް ގައުމަކަށް ކުރިއެރުމެއް ނުލިބޭނެ ކަމުގަ އެވެ. އަދި މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމާއިއެކު ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށްގެންދަން ބޭނުންވާނަމަ ދުނިޔޭގެ ގައުމުތަކާއި އެކުގައި އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ޖެހޭ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް އެދި އިދިކޮޅުން ގޮވާލި ނަމަވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން އެކަން ނުކުރައްވާނެ ކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އަތޮޅު ތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކުޑަރިކިލަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުންނެވީ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައިގެމް ކަމަށާއި އެކުށް ބެލުމަށްފަހު ކޯޓުން ހުކުމެއް ކުރުމުން އެހުކުމަށް ނުފޫޒެއް ނުފޯރުވޭނެ ކަމުގަ އެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވި ނަމަވެސް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހީގުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އެގާރަ އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤަައްޔޫމް ގެއަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވާފަ އެވެ. ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެ ވަޑައިގެންއުޅުއްވާ އީޔޫގެ ވަފްދާއިވެސް ރައީށް ނަޝީދު ވަނީ ބައްދަލު ކުރައްވާފައެވެ.











