ދުނިޔޭގެ އެއްވެސް ޤައުމެއްގެ ބާރާއި ނުފޫޒު ދިވެހިރާއްޖޭގެ މައްޗަށް ހިނގާ އެއްވެސް ޤައުމެއްގެ ސިފައިންނަށް ދިވެހިރާއްޖޭގައި ތިބެވިގެން ނުވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ ދުނިޔޭގެ ދެވަނަ ގައުމަކަށް ރާއްޖޭގެ ޙާލަތާއިމެދު ބަސް ބުނުމުގެ ހައްގު ނެތްކަމުގަ އެވެ. އަދި ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިންނަށް ތިބުމުގެ ފުރުސަތެއް ނެތްކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވިގޮތުގައި އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ރައްޔިތުންނަށް ގައުމުގެ ބަސް ބުނުމަށް ފުރުޞަތު ލިބިގެންދާ އެންމެ ފަހު ފަހަރުކަމަށް ދެކިވަޑައިގެން ވޯޓުލުމަކީ މުހިންމު ކަމެއް ކަމުގަ އެވެ. އަދި ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތްކުރާ ހީވާގި ބަޔަކު ތިބި ޤައުމަކަށްވާއިރު އެހެން ޤައުމަކަށް މި ޤައުމުގެ މައްޗަށް ނުފޫޒު ފޯރުވައި ބަސް ބުނުމުގެ ފުރުޞަތު ލިބިގެން ނުވާނެކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސީރިއަސް ސިފައެއްގައި ދިވެހި ޤައުމާއި މެދު ވިސްނަން ޖެހޭ ކަމުގަ އެވެ. އަދި ޤައުމެއްގެ ވެރިކަން ޙަވާލު ކުރަންވާނީ ޤައުމު ދެކެ ލޯބިވާ ޤައުމާއިމެދު ވިސްނާ ބަޔަކަށްކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.











