Search Streamline Icon: https://streamlinehq.com

ރަސޫލާ އަވަހާރަކޮށްލަން ދިޔަ عُمَيْر بُن وَهْبُ !

Dheeneevaahaka


މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެެއްވުމަށްފަހު މައްކާގެ މުޝްރިކުންނާއި ދެކޮޅަށް ބަދުރުހަނގުރާމަ ކުރެވުނެވެ. އެއީ އެންމެފުރަތަމަ ކުރެވުނު ހަނގުރާމައެވެ.

އެހަނގުރާމައިގައި މުޝްރިކުންނަށް ލިބުނު ނާކާމިޔާބީގެ ސަބަބުން އެބައިމީހުންގެ ރުޅިވެރިކަން އިންތިހާއަށް ބޮޑުވިއެވެ. އެބައިމީހުންގެ ތެރޭގައި ބަދަލުހިފުމުގެ ރޫހާއި ހަސަދަވެރިކަމުގެ ހުޅުފަޅައިގެން ދިޔައެވެ. އެހެންކަމުން މާތްނަބިއްޔާއާއި ދެކޮޅަށް މުޅި މައްކާ ކެކި އުތުރި އަރައިގެން ދިޔައެވެ. އެބައިމީހުން ތިބީ ވެވުނުގޮތަކުން މާތްނަބިއްޔާ ޤަތުލުކޮށް އިސްލާމްދީނުގެ ދަންމަރު ލިއްވާލުމަށްޓަކައި ފެންބޮވައިގެންފައެވެ.

މިގޮތުން މައްކާގެ މުޝްރިކުންގެ ތެރެއިން عُمَيْر بُن وَهْبُ الجُمَحِى އާއި صَفْوَان بُن أُمَيَّة އާއި ދެ މީހުން ކައުބުތުﷲ ގެފުޅުގެ އަރިހުގައި ހިޖުރުޢިސްމާޢީލްގައި ބައްދަލު ކުރިއެވެ. މި عُمَيْرُއަކީ قُرَيْش ވަންހައިގެ شَيْطَانٌ ންގެ ތެރެއިން ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އަށް އުނދަގޫކޮށް ފުރައްސާރަކޮށް މަލާމާތް ކުރަމުންދިޔަ މީހެކެވެ. ބަދުރު ހަނގުރާމައިގައި އަސީރުވީ މީހުންގެ ތެރޭގައި މީނާގެ ދަރިފުޅު وَهْبُ بُن عُمَيْر ހިމެނެއެވެ.

ކޮންމެއަކަސް صَفْوَان بُن أُمَيَّة އާއި عُمَيْر بُن وَهْبُ އާއި ދެ މީހުން ކައުބުތުﷲ ގެފުޅުގެ އަރިހުގައި ހިޖުރުޢިސްމާޢީލްގައި ބައްދަލުކޮށް أَصْحَابُ الْقَلِيْبُ ގެ ވާހަކަ އާއި ބަދުރު ހަގުރާމައިގެ ހަނދާންތައް އާ ކުރުމަށްފަހު، صَفْوَان ބުންޏެވެ. “އަހަރެން މަރުވެދިޔުމަށްފަހު އަހަރެންގެ މިތިބަ ކުޑަކުދިންކޮޅު ހާލުގައި ޖެހިދާނެކަމުގެ ބިރާއި އަހަރެންގެ މަށްޗަށް އޮތް ދަރަންޏެއް ނުވާނަމަ އަހުރެން މަދީނާއަށް މުޙައްމަދުގެފާނު އަރިހަށް ގޮސް އެކަލޭގެފާނު ގަތުލުކޮށްލީމުހެވެ. އެކަލޭގެފާނުގެ އަރިހުގައި އަހަރެންގެ ދަރިޔަކުވެސް ހައްޔަރުވެފައި އެބަހުއްޓެވެ.”

ދެންފަހެ އުމައިރު މިހެން ހަމަ ބުނުމާއި އެކު އޭނާއަށް ހިތްވަރުދީ ބާރުދިމުނުގެ ގޮތުން ޞަފްވާނު ބުންޏެވެ. “ކަލޭގެ ފަރާތުން އަހުރެން އެ ދަރަނި އަދާ ކުރާނަމެވެ. ކަލޭގެ ދަރިން ވަނީ އަހަރެންގެ ދަރީންނާއި އެކުގައެވެ. ތިޔަ ކަމުގައި ކަލެއަށް ހުރަސް އަޅާނެ އެއްވެސް ފަރާތެއް ނެތެވެ.”

އެހިނދު ‎عُمَيْر بُن وَهْبُ ބުންޏެވެ. މިވާހަކަ އެއްވެސް މީހަކަށް ނާންގާ ސިއްރު ކުރާށެވެ. އެއަށްފަހު ތެދުވެގެން ގޮސް އޭނާގެ ކަނޑި ތޫނުކޮށް، އެ ކަނޑިއަށް ޒަހަރު ލިއެވެ. އަދި މާތްނަބިއްޔާ ޤަތުލުކުރުމަށްޓަކައި މަދީނާއަށް ދަތުރު ކޮށްފައިދިޔައެވެ. އެގޮތުން المَسْجِد النَّبَوى ގެ ކައިރިއަށް ފޭބުމަށްފަހު އެތާގައި އޭނާގެ އަހުގެ ލަގަން އައްސާލިއެވެ. އޭރު ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް މާތް الله ލެއްވި ރަޙްމަތާއި ބެހޭގޮތުން ޞަޙާބީންގެ ޖަމާޢަތެއްގެ ބޭކަލުންްނާއި ވާހަކަފުޅު ދައްކަވަން عُمَرْ بِن الخَطَّابْ އިންނެވިއެވެ. އެކަލޭގެފާނަށް މި ވަހުބު ބުން އުމައިރު ފެނިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. “هَذَا الكَلْبُ عَدُوّ اللهِ عُمَيْر مَا جَاءَ اِلاَّ شَرً” މާނައީ: މި“ކުއްތާ“ މިއީ މާތް الله ގެ ޢަދުއްވު عُمَيْر بِن وَهْبُ އެވެ. މީނާ ނުބައިކަމަކާއިގެ ނޫނީ ނައަންނާނެއެވެ.“

މިހެން ވިދާޅުވުމަށްފަހު، ކީރިތި ރަސޫލާ ގެ އަރިއަހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ މާތް الله ގެ ނަބިއްޔާއެވެ. މާތް الله ގެ ޢަދުއްވު عُمَيْر بِن وَهْبُ ކަނޑިއެއް ހިފައިގެން އައިސް އެބަހުއްޓެވެ. ޖަވާބުގައި ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އަރިހަށް އޭނާ ވައްދާށެވެ.

ދެންފަހެ عمرގެފާނު އޭނާގެ ކަމަރުގައި ހިއްޕަވައިގެން ވަޑައިގެން އަންޞާރިއްޔަ ބޭކަލަކަށް ވިދާޅުވިއެވެ. މި ނުބައި ކަލޭގެއާއި މެދު ތިޔަބައި މީހުން ވެސް ވިސްނައި ތިބޭށެވެ. މިއީ އަމާން ކަމެއް އޮތް މީހެއް ނޫނެވެ. އެއަށްފަހު އޭނާ ގޮވައިގެން ކީރިތި ރަސޫލާ ގެ އަރިހަށް ވަޑައިގަތެވެ. އެހިނދު ކީރިތި ރަސޫލާއަށް ޢުމަރުގެފާނު އޭނާގެ ކަނޑީގެ އުރާގައި ހިއްޕަވައިގެން ހުންނަވަނިކޮށް ފެނިވަޑައިގެން ޙަދީޡް ކުރެއްވިއެވެ. އޭ عُمَرُ ވެ. އޭނާ ދޫކޮށްލައްވާށެވެ.

އެއަށްފަހު އިޒުނަ ލިބުމުން ވަހުބް ކީރިތި ރަސޫލާގެ އަރިހަށް ގޮސް أَنْعِمُوا صَبَاحاَ އޭ ބުނެ ޖާހިލިއްޔަ ޒަމާނުގެ ސަލާމުން ސަލާމް ގޮވައިލިއެވެ. ކީރިތި ރަސޫލާ އޭނާއަށް ޙަދީޡް ކުރެއްވިއެވެ. ކަލޭ ތިޔަ ބުނި ސަލާމަށް ވުރެ މާ ހެޔޮ ސަލާމަކުން މާތްالله ވަނީ މުސްލިމުންނަށް ދަރުމަވަންތަވެރިވެެެ ވޮޑިގެންފައެވެ. އެއީ އައްސަލާމް އެވެ.! އެއަށްފަހު ހަދީޘްކުރެއްވިއެވެ. “އޭ އުމައިރުއެވެ. ކަލޭތިއައީ ކޮންކަމަކާ ހެއްޔެވެ.؟” އޭނާ ދެންނެވިއެވެ. ކަލޭގެފާނުން އަރިހުގައި ހައްޔަރުވެފައިވާ އަޅުގަނޑުގެ ދަރިފުޅުގެ ކަންތަކާއެވެ. އޭނާއާއި މެދު ހެޔޮކޮށް ހިއްތެވުން އެދި އާދެވުނީއެވެ.

އެހިނދު ‎ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ. އެހެން ކަމަށްވާނަމަ ތިބާގެ އުނަގަނޑުގައި އަޅައިފައި ތިޔަ އޮތީ ކޮން ކަނޑިއެއްހެއްޔެވެ؟ عُمَيْرُ ދެންނެވިއެވެ. މާތް الله މިފަދަ ކަނޑިތައް ހުތުރު ކުރައްވައިފިއެވެ. އެއިން އަޅުގަނޑުމެންނަށް އެއްވެސް ފައިދާއެއް ކުރިތޯއެވެ؟ ޙަދީޡް ކުރެއްވިއެވެ. ”ތިބާ ތިޔަ އައި ބޭނުމާ މެދު ތެދު ބަހުން ވާހަކަ ދައްކައި ބަލާށެވެ.“ عُمَيْرُދެންނެވިއެވެ. ”ކަލޭގެފާނުގެ އަރިހުގައި އަޅުގަނޑު މިދެންނެވި ކަންތަކުގައި މެނުވީ އަޅުގަނޑެއް ނާންނަމެވެ“

‎ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ. ”ނޫނެކެވެ. އަދި ކިއެއްހެއްޔެވެ. ތިބާ ތިޔައައީ ތިބާއާއި صَفْوَان بِن أُمَيَّة އާ ދެ މީހުން ހިޖްރުއިސްމާޢީލްގައި ގައި ބައްދަލުކޮށް أَصْحَابُ الْقَلِيْبُ އާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ފަހުއެވެ. ތިބާ ބުނީމުއެވެ. ތިމަންގެ ކޮނޑުގައި އެޅިފައިވާ ދަރަންޏާއި، ބަލަންޖެހިފައިވާ ދަރިން ނެތްނަމަ، މަދީނާއަށް ގޮސް މުޙައްމަދުގެފާނު ޤަތުލު ކޮށްފީމުހެވެ.“

ފަހެ މާތްނަބިއްޔާ، ވަހުބު އާއި ސަފްވާން ސައްލާކޮށް ދެއްކި ވާހަކަތައް ހަމަ އެގޮތަށް ވިދާޅުވުމުން ‎عُمَيْرُ ބުންޏެވެ. (أَشْهَدُ أَنَّكَ رَسُولُ الله) މާނައަކީ: ”ކަލޭގެފާނަކީ މާތް الله ގެ ރަސޫލާކަމަށް ތިމަން ހެކިވަމެވެ.“ ކަލޭގެފާނު އުޑުން ގެންނަވާ ޚަބަރުތައް ތިމަންމެން ދޮގު ކުރި ކަމުގައި ވިޔަސް ތިޔަ ކަމުގައި ތިމަންނާއާއި صَفْوَان بِن أُمَيَّة ނޫން މީހަކު ޙާޟިރެއް ނުވެއެވެ.

އަހަރެމެން މިވާހަކަ ދެއްކިއިރު އަހަރެމެން ކައިރީގައި އެއްވެސް މީހަކު ނެތެވެ. އަދި އަހަރެމެން އެތާނގައި ދެއްކި ވާހަކަތަކުގެ ޚަބަރު އެހެން އެވެސް މީހަކަށް ދީފައި ނުވާނެއެވެ. މާތް الله ގަންދީ ދަންނަވަމެވެ. ކަލޭގެފާނަށް ތިޔަ ޚަބަރުތައްް އަންގަވާފައި ވަނީ މާތް الله އެވެ. ތިމަންނާއަށް ހިދާޔަތް ދެއްވި މާތް الله އަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު އޭނާ ޝަހާދަތުގެ ދެ ކަލިމަ ކިޔައި އީމާން ވިއެވެ.

ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ. فَقِّهُوا أَخَاكُمْ فِي دِيْنِه وَأقْرَوه القُرْآن وَأَطْلَقُوالَهُ أَسِيْرَه މާނައަކީ:ތިޔަބައިމީހުންގެ އަޚާއަށް ދީން ދަސްކޮށްދޭށެވެ. އަދި ޤުރްއާން އުނގަނައިދޭށެވެ. އަދި އޭނާއަށްޓަަކައި އޭނާގެ އަސީރު ދޫކޮށްދޭށެވެ.“

މަސްދަރު:- އައްރަހީޤުލް މަޚްތޫމް

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި