އަހަރެމެންގެ އާދަކާދަ ހުންނަގޮތުން ކޮންމެ ދުވަހަކުވެސް ގިނަ އަދަކަށް ހަކުރު އެކުލެވޭ ފޮނި ބުއިންތަކާއި ކެއުންތައް ބޭނުންކުރެވެއެވެ. ބައެއް ފަރާތްތަކުން މިބާވަތުގެ ބުއިންތަކާއި ކާތަކެތި ބޭނުންކުރުމަށް އާދެވެފައިވެއެވެ. މިއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ.
ބައެއް ދިރާސާ ތަކުން ދައްކާ ގޮތުގައި ގިނައިން ހަކުރު އެކުލެވޭ ފޮނި ބުއިންތަކާއި ކާތަކެތި ބޭނުން ކުރުމަކީ އެކަމުން ސިއްޚަތައް ބޮޑެތި ގެއްލުންތައް ވާނޭ ކަމެކެވެ. އެގޮތުން އަނގައިގެ ދަތްތައް ހަލާކުވުމާއި ފަލަވާ ބަލި ޖެހުމުގެ އިތުރުން ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާ ހޯދުންތަކުގައި ވެއެވެ.
ހަކުރު އެކުލެވޭ ކާނާއާއި ބުއިންތަކުގައި ގިނަ ފަހަރަށް ހަކަތަ ގިނައިން އެކުލެވޭ މާއްދާތައް ހުރި ނަމަވެސް މާގިނައިން އެފަދަ ބާވަތްތައް ބޭނުން ކުރާނަމަ ބަރުދަން އިތުރުވުމަށް މަގުފަހިވެ ފަލަވާ ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުގައި ވެއެވެ.
އެހެން ކަމުން ކޮންމެ ދުވަހަކުވެސް އަހަރެމެން ފޮނި ބުއިންތަކާއި ފޮނި ކާތަކެތި ކެއުމުގައި ވަކި މިންގަނޑެއް އޮންނަން ޖެހެއެވެ. މިބާވަތުގެ ތަކެތި ބޭނުން ކުރުމުގައި ސަމާލުވާން ޖެހެއެވެ.
ހަކުރު އެކުލެވޭ ދާއިމީކޮށް ބޭނުން ކުރުން ރަނގަޅު ނޫން ބައެއް ބުއިންތަކާއި ކާތަކެތީގެ ތެރޭގައި ހަކުރު އެކުލެވޭ ފިޒީ ބުއިންތަކާއި ހަކުރު އެކުލެވޭ ސީރިއަލްގެ ބާވަތްތަކާއި ކޭކު، ބިސްކޯދު، ޗޮކްލެޓު ފަދަ އެއްޗެހި ހިމެނެއެވެ. މި ފަދަ ބާވަތްތައް އާންމުކޮށް ބޭނުން ކުރުމުން ދުރުވާން ޖެހެއެވެ.














