އޭނާ ދެދުވަހުން އެއްދުވަހު އޮފީހަކަށް ނާދެއެވެ. އޮފީހަށް އަންނަ ދުވަހަކުވެސް އޭނާ އަންނަނީ ގަޑި ޖެހިގެންނެވެ.
މިކަމާ އޮފީހުގެ ފަރާތުން ފިޔަވަޅެއް އަޅަން އުޅޭ ކޮންމެފަހަރަކު އޭނާ އަޑުހަރުކޮށް ރޮއިގަނެވެ. އަދި ﷲ ގަންދީ ހުވާކޮށްފައި ބުނެއެވެ.
”އަހަރެންގެ ބައްޕަވީ ހޮސްޕިޓަލުގަ އެވެ. ހެޔޮ ނުވާނެއެވެ. އަހަރެންނަށް ތިޔަހެން ނަހަދާށެވެ.“ ދެންފަހެ އޮފީހުގެ ވެރިން މީނާއާއި މެދު ހަމްދަރުދީވެ އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައެވެ.
ކޮންމެއަކަސް މިގޮތުގައި 7 އަހަރު ވީއިރުވެސް މީނާގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަބަދުވެސް ދައްކަނީ އެއްބަހަނާއެކެވެ.
”އަހަރެންގެ ބައްޕަވީ ހޮސްޕިޓަލުގަ އެވެ. ހެޔޮ ނުވާނެއެވެ. އަހަރެންނަށް ތިޔަހެން ނަހަދާށެވެ.“
ކޮންމެ ފަހަރަކު ﷲ ގަންދީ ހުވާވެސް ކުރެއެވެ. ދެން އޮފީހުގެ ވެރިން މީނާ މިދައްކާ ވާހަކައިގެ ތެދުދޮގު ބަލަން ބޭނުންވެއްޖެ އެވެ.
އެހެން ކަމުން އޮފީހުގެ އިސް ވެރިން މީނާ މިދައްކާ ވާހަކައިގެ ތެދުދޮގު ބެލުމަށް ހޮސްޕިޓަލްށް ގޮސް މީނާގެ ބައްޕައާއި ބެހޭ މަޢުލުމާތު އޮޅުންފިލުވިއިރު، އޭނާ އެ ދެއްކި ވާހަކައަކީ މުޅިން ތެދު ވާހަކަ އެކެވެ.
އޭނާ ދޮގެއް ނަހަދައެވެ. އޭނާ ހެދީ ތެދެވެ. އޭނާގެ ބައްޕަވީ ހޮސްޕިޓަލުގަ އެވެ.
އޭނާގެ ބައްޕަ އަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑަކުޓަރެކެވެ. އެހެން ވުމުގެ ސަބަބުން އޭނާގެ ބައްޕަ ގިނަވަގުތު ހޭދަކުރަން ޖެހެނީ ހޮސްޕިޓަލުގައެވެ.












