ރޯދަމަހަކީ ވަރަށް ޚާއްސަ މަހެކެވެ. ރޯދަމަހަށްޓަކައި ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑަށް ތައްޔާރު ވެއެވެ. ބައެއް މީހުންނަށް ރޯދަ ހިފައިގެން ދުވަސް ދިގުވެގެން ކުރާނެކަމެއް ނޭނގިފައި ތިބެއެވެ. އަނެއް ބަޔަކަށް ދުވަސް ކުރުވެގެން ކުރަން ހުރި ކަންތައްތައް ނިންމާނުލެވިގެން އުޅެއެވެ. ބައެއް މީހުން ރޯދަހިފައިގެން މަޑުމައިތިރި ކަމާއެކު އަޅުކަމުގައި ހޭދަކުރާއިރު އަނެއްބަޔަކު ޒުވާބުކުރުމާއި އަރާރުންވުން ފަދަ ކަންކަމުގައި މުޅިދުވަސް ދުއްވާލައެވެ.
ހަސަންބެއަކީ ރޯދަމަހު ވަރަށް ގިނައިން މީހުންނާއި ޒުވާބުކޮށް އަރާރުންވާ ރުޅިގަދަ މީހެކެވެ. ޚައްސަކޮށް ގާތް އަވައްޓެރިންނާ ޒުވާބުކޮށް އަރާރުންވުމަކީ ހަސަންބޭގެ އާދައެކެވެ. އެއްއަހަރެއްގެ ރޯދަމަހެވެ. ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ހަސަންބެ މިއަހަރުވެސް ޖެހިގެން ހުރިގޭ ރުކުން ވެއްޓުނު ކާއްޓެއްގެ މައްސަލައިގައި ވަނީ އެގޭ މީހުންނާ ޒުވާބުކޮށް ގަޔަށް އަތްލާވަރު ވެފައެވެ. މީގެ އިތުރުންވެސް އެގޭމީހުންނަށް ކުދިކުދި އުނދަގޫކުރުން ވަނީ ހައްދުފަހަނަ އަޅާފައެވެ.
އެއްދުވަހެއްގެ ހަވީރު ބާޒާރުމަތީގައި އުޅެއުޅެފައި ގެއަށް އަންނަން ހަސަންބެ ހިނގައިގަތީ ވަރަށް އިރުތިރިވީ ފަހުންނެވެ. އެދުވަހު ހަތަރުދަމު އަވީގެ ތެރޭގައި ބާޒާރުމަތީގައި އުޅުމުގެ ސަބަބުން ހަސަންބެ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެ، ފެން ބޮވައި ވަރުބަލިވެފައެވެ. ހަސަންބޭގެ މޫނުމަތިން ކޮކާ ބުރާވަރަށް ރޯދައިގެ ބުރާންތިކަމުގައި ހުރެގެން އިރު އޮއްސެން ވާއިރަށް ގެއަށް ދިއުމަށްޓަކައި ހަަސަންބެ ދިޔައީ ވަރަށް ބާރަށެވެ. ދުއްވާ އެއްޗަކަށް މަގު ހުރަސްކުރާ ތަނަކަށް އަދި ޓްރެފިކް ލައިޓަކަށް ވެސް ބެލުމެއްނެތިއެވެ.
މިގޮތަށް ހިނގަމުން ގޮސް ގޭ ހުންނަ މަގާ ހަމައަށް ނުދެވެނީސް ބަންގި ގޮވަން ފަށައިފިއެވެ. އެއިރު ހަސަންބޭގެ އެއް އަތުގައި ރޯމަސް ކޮތަޅެއް އަނެއް އަތުގައި ކޮތަޅަކަށް ލާފައި އޮތް ކަރައެއް އޮތެވެ. ބަންގީގެ އަޑު ހަމަ ކަންފަތުގައި ޖެހުމާއިއެކު ހަސަންބެއަށް އިޚްތިޔާރަކާ ނުލައި ދުއްވައިގަނެވިއްޖެއެވެ. ހަސަންބެ ދުއްވައިގަތީ މިސްކިތާ ދިމާއަކަށް ނޫނެވެ. އަވަހަށް ގެއަށް ގޮސް ބަނޑުފުރާ ކެއުމުގެ ބޭނުމުގައެވެ. ދުވަމުން ދުވަމުން ގޮސް ހަސަންބެ ގޭ ދޮރުއަށި ހުޅުވާލާފައި ގެއަށް ވަތްއިރު ހުރީ ހަމަ ބުއްދި ފިލާ ގޮސްފައި ކަހަލައެވެ. ހަސަންބެއަށް އެގެއަށް ވަދެވުނުއިރު އެގޭ އެންމެންހެން ތިބީ ބޮޑުފެންޑާގައި ބޮޑު މޭޒު ބަހައްޓައިގެން މޭޒު ވަށާލާފައި ރޯދަ ވީއްލާށެވެ.
މޭޒުމަތީގައި ތަފާތު ވައްތަރުގެ ކާނާއާއި ބުއިންތައް ނަން ހުސްކޮށް ހުއްޓެވެ. ފުރަތަމަ ޖެހުނު ގޮނޑީގައި އިށީދެ މީހެއްކުރެން އެހުމެއް ކެއުމެއް ނެތި ކައެ ގަނެވިއްޖެއެވެ. އޭރު ހަސަންބޭގެ ދެއަތުގައި އޮތް ރޯމަސްކޮތަޅާއި ކަރާ ކޮތަޅު ހުރީ ކާތަކެތި ހުރި މޭޒުމަތީގައި ބަހައްޓާފައެވެ. ހަސަންބެ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ކަމުން ގެންދިޔައިރު މޭޒުދޮށުގައި ތިބި އެގޭ މީހުން ތިބީ އަޖައިބުވެ އަންތަރީސްވެފައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ވަގު ބުޅަލެއް ރޯމަސްގަނޑެއްގައި ދަތް އަޅައިގެން އަޑުގޮއްވަމުން ކާ ފަދައިން ހަސަންބެވެސް ދެލޯ މުދުނުގައި ބަހައްޓައިގެން ކަމުން ގެންދާއިރު މިއީ ކޮން ގެއެއްކަމެއް ޚިޔާލަށްވެސް ނާންނަ ކަހަލައެވެ.
ކައި ބަނޑުފުރުމުން ގޮނޑިއަށް ހަމަޖެހިލުމަށްފަހު ގާތުގާ ތިިބި މީހުންނަށް ބަލައިލިއެވެ. ކަމަކު ދާކަށް ނެތެވެ. މިވަދެވުނީ ނުބައި ގެއަކަށެވެ. މިއީ އަދި ޙަސަންބޭގެ ގެއެއްނޫނެވެ. މިއީ މިއަދު ޙަސަންބެ އެބަޔަކާ އަރާރުންވެ، ޒުވާބުކޮށް ހެދި ޙަސަންބެގެ ގެއާއި ޖެހިގެން ހުރި އިސްމާއީލުފުޅުގެ ގެއެވެ. ޙަސަންބެ ވަށާލާފައި އެތިބީ މިއަދު އެބަޔަކާ ދިމާއަށް ޙަސަންބެ ހަޅޭލަވާ، ހަޑިހުތުރު އެއްޗެހި ގޮވި މީހުންނެވެ. ޙަސަންބެއަށް މި ކައި ހުސްކޮށްލެވުނީ އެމީހުން ރޯދަ ވީއްލަން ތައްޔާރުކުރި ކާ އެތިކޮޅެވެ.
ޙަސަންބެ އެކި މީހުންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ގަން ލަދުން ދުއްވައިގަތެވެ. ކަރާ ކޮތަޅާއި ރޯމަސްކޮތަޅު އެގޭ މޭޒުމައްޗަށް ދޫކޮށްލާފާއި ޙަސަންބެ ނިކުމެގެން ގޮސް ދުވެ ގެއަށް ހިނގައްޖެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެނގޭ ޙަލީމާފުޅު އައިސް ޙަސަންބޭގެ އަންހެނުންގެ އަތަށް ރޯ މަސްކޮތަޅާއި ކަރާ ކޮތަޅު ދިނެވެ. އަދި ކަން ހިނގި ގޮތް ކިޔައިދިނެވެ. އެބައިމީހުން މިކަމާ ވަރަށް ބޮޑަށް ހީނހެދިއެވެ. އެއަށްފަހު އެދެގޭ މީހުން ޞުލްޙަވެ އެކުވެރިވެއްޖެއެވެ. ޙަސަންބެ އިސްމާލުފުޅު ގާތުގައި މާފަށް އެދުނެވެ.














