ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ވަރަށް ފޯރީގައި ޔޫއެފާ ޔޫރޯގެ މެޗުތައް ބަލަމުން ދާއިއިރު މިފަދަ ގޮތަކަށް ފޯރިޔާއެކު ޔޫރޯ ބަލާ ބަޔަކު އުޅޭނެ ކަމަށް ޤަބޫލު ކުރެވޭ ހެއްޔެވެ؟
ށ.އަތޮޅު ނަރުދޫ މީހުންނަކީ އެހެން ރަށްރަށު މީހުންނާއި މުޅިން ތަފާތު ގޮތަކަށް އަދި އެހައިމެ ފޯރީގައި ޔޫރޯ ބަލާ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން އުފަލާއެކު ފާހަގަކުރަމެވެ.
ޔޫރޯފޯރި މެޗުތައް ބަލާ ގަޑީގައި ނަރުދޫ މީހުން އެންމެ މަޖަލުގައި ކުރަން ތައްޔާރުވާ ކަމަކީ ކޮބައިކަން އެނގޭހެއްޔެ؟
މިއީ ޖޯކެއް ނޫނެވެ. އެކަކު އަނެކަކަށް ބަހުގެ ގިނަ ހަމަލާތަކެއް ދެމުން ލޮނުމެދު ސްޕެގެޓީ ކައްކައިގެން ކެއްކުމަކީ ޔޫރޯ ފޯރީގައި ނަރުދޫ މީހުންކުރާ ކަންކަމުގެ ތެރެއިން ވަރަށް މަޖާވެފައިވާ މަޖާ ވާހަކައެކެވެ.
ޚާއްޞަކޮށް މެޗު ބަލަމުންދާ ގަޑީގައި އެރަށު މީހުނަށް އެއީ ވަރަށް މުޙިންމު ކެއުމެއް ކަން ވެސް ފާހަގަކުރެވެއެވެ.
ނަން ނުޖެހުމަށް ޝަރުޠުކޮށް ނަރުދޫ ޒުވާނަކު ބުނީ ޔޫރޯގެ ފޯރިގަދަ މެޗުތައް ބަލަމުންދާ ވަގުތަކީ އެކަމުގެ ފޯރިޔާއި ޖޯޝުގައި މީހާގެ ހަކަތަ މުޅިން ނެތިގެން ދާކަމެއްކަމުގައެވެ. އެހެން ކަމުން އެ ގަޑީގައި މީހާގެ ހަކަތަ އިތުރުކޮށް ހަށިގަނޑުގައި ޒުވާން ޖޯޝު އުފައްދައި މޮޅު ކެއުމަކީ ލޮނުމެދު ސްޕެގޭޓީ އެވެ.އަދި ލޮނުމެދު ސްޕެގެޓީ ކެއުމުން އެކަތަ އަށްވުރެވެސް ބާރުގަދަވެ ހަކަތަ އިތުރުވާކަމަށް އެ ރަށުގެ ބައެއް ހަރުމީހުން ބުނާ ކަމަށްވެސް އޭނާ ބުންޏެވެ.
ކޮންމެއަކަސް މިރޭގެ މެޗު ފަށަން ކުޑަތަންވަމުން ދަނީއެވެ. ވަރަށް ފޯރިޔާއެކު ނަރުދޫ މީހުން މެޗު ބަލަން މިހާރު އެދަނީ ތައްޔާރުވަމުންނެއެވެ.














