އަގުހެޔޮކޮށް ހައި ސްޕީޑް އިންޓަނެޓް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަދު ހުއްދަ ދޭން ނިންމައިފިއެވެ.
މިއަދު ހަވީރު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މި ހުއްދަ ދިނުމަށް ރާއްޖެއިން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ފެބްރުއަރީމަހު ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ސްޓާލިންކް މަޝްރޫއުގެ ދަށުން ރާއްޖެއަށް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް ސްޕޭސް އެކްސް ކުންފުންޏާއި މަޝްވަރާކޮށްފައެވެ.
ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް މިހާރު ވެސް ބައެއް ގައުމުތަކުގައި ވަނީ ދޭން ފަށައިފައެވެ. ސްޕޭސް އެކްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ބިލިއަނަރު ކަމަށްވާ އީލޮން މަސްކްގެ ކުންފުންޏެކެވެ.
ސްޓާލިންކް އިންޓަނެޓްގެ އަގު މިހާރު ބޭނުން ކުރާ އިންޓަނެޓްގެ އަގަށް ވުރެ އެތައް ގުނައެއް ހެޔޮ ވާނެއެވެ. އަދި މިހާރު ބޭނުން ކުރާ އިންޓަނެޓް ސްޕީޑަށް ވުރެ އެތައް ގުނައެއް ސްޕީޑް އަވަސްވެސް ވާނެއެވެ.
ގިނަ އަދަދެއްގެ ސެޓެލައިޓްތަކެއް ލޯންޗްކޮށް، އޭގެ އެހީގައި ބިނާކޮށްފައިވާ ”ސްޓާލިންކް“ ގެ ހިދުމަތް ދުނިޔޭގެ ބައެއް ހިސާބުތަކަށް އެންމެ ފުރަތަމަ ދޭން ފެށީ 2019 ގެ ފަހުކޮޅު އެވެ. ދާދި ފަހުން ”އެކްސް“ އަށް ރިބްރޭންޑްކުރި ޓްވިޓާގެ ވެސް ވެރިޔާ އީލޮން ވިދާޅުވެފައިވާ ގޮތުގައި މި ވިއުގައިގެ އަމާޒަކީ އިންޓަނެޓްގެ ހިދުމަތުން ދުނިޔޭގެ އެއްވެސް ހިސާބެއްގެ ބަޔަކު މަހުރޫމު ނުކޮށް، އަވަސް އަދި އަގުހެޔޮ ހިދުމަތެއް ދިނުމެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ސްޓާލިންކްގެ ޚިދުމަތް ލިބެން ފެށުމުން އެ ޚިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ޝައުނާ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ޓެލެކޮމް ކުންފުނިތަކުން ގެންދަނީ ސްޓާލިންކްގެ އިންޓަނެޓް ހިދުމަތާއި ދެކޮޅު ހަދަމުން ނެވެ.
”ސްޓާލިންކް“ ގެ ހިދުމަތް މިހާރު 32 ގައުމަކަށް ލިބެ އެވެ.













