ސްޕޭސް އެކްސްގެ ސްޓާލިންކް އިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގައި ދޭންފަށައި ޙިދުމަތް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޙިދުމަތް ރާއްޖޭގައި ފެއްޓުމައި ގުޅިގެން ސްޓާލިންކުގެ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ޗާޓުގައި ރާއްޖެވަނީ ހިމަނާފަ އެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ޚިދުމަތް އެންމެ ފުރަތަމަ ލިބެން ފެށި ޤައުމަކަށްވެސް ދިވެހިރާއްޖެ މިވަނީ ވެފަ އެވެ.
ސްޓާލިންކުން ހާމަކުރައްވާ ގޮތުގައި 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭ މި ޚިދުމަތަށް ދައްކަން ޖެހޭނީ މަހަކު 1000 ރުފިޔާ އެވެ. އަދި މި ޚިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން ނެޓްވޯކާ ގުޅެން، ސެޓެލައިޓް ޑިޝް ކިޓެއް އިންސްޓޯލް ކުރަން ޖެހޭނެ އެވެ. އެ ޑިޝް ކިޓުގެ އަގަކީ 10000 ރުފިޔާ ކަމަށްވެސް ސްޓާލިންކުން ބުނެއެވެ.
Starlink’s high-speed internet is now available in the Maldives 🛰️🇲🇻❤️→ https://t.co/G1myzWJQ6j pic.twitter.com/V1N2og86HN
— Starlink (@Starlink) November 9, 2023
ސްޓާލިންކް އިންޓަނެޓް ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ހާޑްވެއާ ޕެކޭޖުގައި ހިމެނެނީ ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެކެވެ. ޝިޕިންގ ފީއާއެކު 10300 ރުފިޔާއަށް ލިބޭ އެތަކެތި ޕްރީ އޯޑަރުކުރާ ފަރާތްތަކަށް ދެހަފްތާގެ ތެރޭގައި ތަކެތިލިބޭނެ ކަމަށް ސްޓާލިންކުން ބުނެއެވެ.
މީގެއިތުރުން ވިޔަފާރިތަކަށް ޚާއްޞަ ޕެކޭޖްތަކާއި، އުޅަނދުފަހަރާއި، ދަތުރުފަތުރު ކުރައްވާ ފަރާތްތަކަށްވެސް ޚާއްޞަ ޕެކޭޖުތަކެއް ސްޓާލިންކުން ވަނީ ތައާރަފް ކުރައްވާފައެވެ.













