ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނުނަސް، މިއީ ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި އެންމެ މުހިންމު މަސައްކަތްކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ޔޫއޭއީ ސަރުކާރުން ނިންމާފައިވަނީ ސީދާ އެމަނިކުފާނުގެ އެދުމަށްކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އިންތިޚާބީ ރައީސް، ޑރ. މުޢިއްޒު ވަނީ މިދިޔަ ހަފްތާގައި ޔޫއޭއީއަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި ވީއައިއޭގެ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދޭނެ ކަމަށް ޔޫއޭއީ އިން މުއިއްޒަށް ޔަގީންކަން ދެއްވާފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެށުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ.މުޢިއްޒު ވިދާޅުވީ އެއާޕޯޓް ނިންމަން ފައިސާ ބޭނުންވާނަމަ އަދިވެސް ފައިސާ ހަމަޖެހޭނެ ކަމުގަ އެވެ.

”އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް މި މަޝްރޫއު ނިންމުމަށްޓަކައި ފައިސާ ހަމަޖެއްސުމަކަށް ނެތް. މި ޕްރޮޖެކްޓަށް އިތުރަށް ފައިސާ ބޭނުންވާނަވެސް، ފަންޑު ކުރާ ފަރާތްތަކުން ތިބީ އެހީ ދިނުމަށް ތައްޔާރަށް. ފައިސާ ހަމަޖެއްސުމުގައި ކަންބޮޑުވުމެއް ނެތް. އަޅުގަނޑުގެ ޙާރިޖީ ސިޔާސަތު ބައްޓަންކުރާ ގޮތުން، މިއީ ބޮޑު ކަމަކަށް ނުވާނެ. “ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.
އަބޫދާބީއަށް މުއިއްޒު މިދިޔަ ހަފްތާ ކުރެއްވި ދަތުރުފުޅުގައި ވީއައިއޭ މަޝްރޫއަށް ހޯއްދެވި 80 މިލިއަން ޑޮލަރު 1.2 ބިލިއަން ރުފިޔާ އަކީ އެ ދަތުރުފުޅު ތެރެއިން ހޯއްދެވި ފައިސާ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެ ފައިސާ އަކީ ކުރިން ހޯދާފައިވާ ފައިސާ ކަމަށް ވިދާޅުވެފަ އެވެ.
”އެއީ އެ ބައްދަލުވުމުގައި ހުށަހެޅި ނިމުނު ކަމެއް. އޭގެ ކުރީގައި އެއްވެސް ކަމެއް ނިމިފައި އޮތް ކަމެއް ނޫން. އަޅުގަނޑު އެ ބޭފުޅުންގެ ހުއްދަ ހޯދައިގެން މާލެ އައިސްފައި އިއުލާނު ކުރީ ވެސް [ފައިސާ ލިބުނުކަން]. އަޅުގަނޑަށް ދެންނެވިން އިއުލާނު ކުރައްވާށޭ. ކަމާބެހޭ އުސޫލުތަކުގެ ތެރެއިން މިހާރުވެސް އަބޫދާބީ ފަންޑުން އެހީތެރިކަންދޭ އުސޫލުން ތިމަންނަމެން ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެފައިސާ ދޫކުރާނަމޭ،“ ޑރ. މުޢީއްޒު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަތަރު ފަރާތަކުން ލޯނު ނަގައިގެން ހިންގާ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު (5 ބިިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުއަށް ލޯނު ނަގާފައިވަނީ ކުވެއިތު ފަންޑާއި، ސައޫދީ ފަންޑާއި، އަބޫދާބީ ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ އިންނެވެ.
އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ މި ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލް އެކެވެ.
މި ޓަރމިނަލްގައި 78 ހާސް އަކަ މީޓަރުގެ ޖާގައިގައި ތަނަވަސްކަން ހިމެނެއެވެ. ވީއައިއޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ.














