ރާއްޖެއަށް ވަގަށް އެތެރެކޮށްފައި ވަނިކޮށް މި ހިނގާ 2025 އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައިހުރި ދެ ކޮންޓެއިނަރ ސިނގިރޭޓް އެމްޕީއެލްގެ ހުޅުމާލޭ ބަނަދަރުން ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނީގެ ނަމާއި، ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަޙްޤީގަށް ފާހަގަކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިމައްސަލައާ ގުޅިގެން މިހާތަނަށް ތަޙްޤީގަށް ހޯދުނު ބައެއް މުހިންމު ކަންކަން މީޑިއާއާ ހިއްސާކުރެއްވުމަށް ފޮނުވި މެސެޖެއްގައެވެ.
މި މައްސަލައިގެ ތަޙްޤީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރ ވަގަށް ނަގާފައިވަނީ، މި ދެ ކޮންޓެއިނާއާއި އެއްގޮތަށް ދެ ކޮންޓެއިނަރ ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރ ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރ ދޯންޏެއްގައި ޓާމިނަލްއަށް ގެންގޮސް ބަހައްޓައިގެން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
ފުލުހުން ހާމަކުރެއްވިގޮތުގައި ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރ ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އަދި އެ ދެ ކޮންޓެއިނަރ ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރ ތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ 9 މީހަކު ހައްޔަރުކޮށް، 19 މީހަކު ފުރުން މަނާކުރެވިފައި ވާއިރު، މި މައްސަލައިގެ ތަޙްޤީގްގެ ތެރެއިން 5 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއްވެސް ފުލުހުންވަނީ ބަލައިފާސްކުރައްވާފައެވެ.
ފުލުހުން ގެންދަވަނީ މި މައްސަލަ ތަހްގީގް ކުރަމުންނެވެ.













