Search Streamline Icon: https://streamlinehq.com

އުތުރުގެ 13 ރަށަކާއި ފަޅުތަކުގެ ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

Maadhuni Faru

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަމާޒުކޮށް، އުތުރުގެ ތިން އަތޮޅަކުން 13 ރަށާއި ފަޅުގައި ފަތުރުވެރި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ރަސްމީކޮށް ބީލަމަށް ހުޅުވައިލައިފިއެވެ.

މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިގޮތުން ފަތުރުވެރިކަމަށް ހުޅުވައިލާފައިވަނީ ހއ. އަތޮޅުގެ ފަސް ސަރަހައްދާއި، ހދ. އަތޮޅުގެ ފަސް ސަރަހައްދުގެ އިތުރުން، ށ. އަތޮޅުގެ ތިން ސަރަހައްދެވެ. މި ރަށްތަކާއި ފަޅުތަކަކީ ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކުރިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން މިހާރު ރިސޯޓް ތަރައްގީކުރުމަށް ހުޅުވައިލެވުނު ތަންތަނެވެ.

Screenshot 2025 11 21 151702
ބީލަމަށް ހުޅުވާލި ތަންތަން

ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ބީލަން ހުޅުވާލާފައިވާ ކަމަށާއި، މި ބީލަމުގެ ތެރެއިން އެންމެ އެކަށޭނެ ފަރާތްތައް ހޮވައި، ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

މި ސަރުކާރުން ދަނީ އުތުރުގައި ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިހާރު އެ ސަރަހައްދުގައި އިތުރު އެއާޕޯޓްތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް، މިހާރު އޮޕަރޭޝަނަށް ހުޅުވާލާފައިވުމަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެ، އުތުރުގެ ފަތުރުވެރިކަމަށް އާ އުންމީދުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ. މިއީ ސަރަހައްދީ ތަރައްގީއަށާއި، ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި