ބޭންކް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ހުޅުވާ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް ޚާއްސަ ރަސްމިއްޔާތެއްގައި މަރުހަބާ ކިޔައިފިއެވެ.
ބީއެމްއެލްއިން ހާމަކުރެއްވި ގޮތުގައި ގްރެޖުއޭޓް އިންޓަރންސް އަދި ޓެކްސްޓާޓް އިންޓަރންސް ހިމެނޭހެން 25 އިންޓަރންސްއަށް ބޭންކުން ވަނީ މަރުހަބާ ކިޔާފައެވެ.
ޓެކްސްޓާޓް އިންޓަރންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ޚާއްޞަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެކެވެ. މި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތުދެއްވައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަންވެސް ވަނީ ބާއްވާފައެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
2018 ވަނަ އަހަރު ފެށި ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ބީއެމްއެލްއިން ވަނީ ފަހިކޮށްދީފައެވެ.













