ކުރީގެ ހަނދާންތަކެވެ. އެ މަޖާ ސަކަ މިޒާޖެވެ. ހިނިތުންވުމާއި އެކު ކޮއްލާ ސަމާސާ ތަކެވެ. އެކުގައި ހޭދަކުރެވުނު ޒަމާން ތަކެވެ. ދެގޮތެއްނުވެ ދެމެހެއްޓި ގާތް އެކުވެރިކަމެވެ.
މިއީ ހައްތާހާ މާޒީގެ ވާހަކައެވެ. އެ ސަފުހާތަކުގައި ސިއްކަ ޖެހުނުތާ 40 ވީއެވެ. ހަނދާންވާ ކޮންމެ ފަހަރަކު މި ދެލޮލުން ކަރުނަ ފޫދެއެވެ. ވަކިވެ ދިޔައީތީއެވެ. މިތުރާއެވެ.
އިންޝާﷲ ތާ އަބަދު ތިޔަ އެކުވެރިޔާއަށް ހެޔޮ ދުޢާ ކޮއްދޭނަމެވެ. ކުއްތައް އަފޫ ކުރައްވާ ކައްވަޅުގެ އަޒާބުން މިންޖު ކުރައްވާތޯއެވެ.
ކައްވަޅުގެ ނާމާން ކަމުގެ ބަދަލުގައި ޖަންނަތުލް ފިރުދައުސްގެ ބަގީޗާ ތަކު ތެރެއިން ބަގީޗާ އެއް ކަމުގައި ތިޔަ ކައްވަޅު ލައްވާތޯއެވެ.
ﷲތަޢާލާގެ ނޫރުފުޅުތަކު ތެރެއިން ނޫރަކުން ތިޔަ ކައްވަޅު އަލިކުރައްވާތޯއެވެ. ބިރުވެރި ކަމާއި ނާމާން ކަމާއި ވޭނާއި ތަދުން ފުރިފައިވާ ޖަހަންނަމައިގެ ބަދަލުގައި ގުނާ ޢަދަދު ނުކުރެވޭ ނިޢުމަތް ތަކުން ފުރިފައިވާ ޖަންނަތުލް ފިރުދައުސްގައި ލައްވާތޯއެވެ.
އަހަރެންގެ އަޖަލު ޖެހުމުން ތިޔަ އެކުވެރިޔާ އާއި އެކު ޖަންނަތުގައި ލައްވާތޯއެވެ.
ތިޔަ އެކުވެރިޔާއަށް ﷲ ތަޢާލާ ތާއަބަދު ރަހުމަތް ލައްވާށި. އާމީން














