Search Streamline Icon: https://streamlinehq.com

ވަގުން ވަގަށް ގޮވީމާ ވައްކަން ނުކުރާ ކަމަކަށް ނުވާނެ!

report
Advertisement

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ވައްކަމާއި ކޮރަޕްޝަނަކީ އަބަދުވެސް އަޑުއިވެމުންދާ ވާހަކަތަކެކެވެ. އެކަކު އަނެކަކަށް ވަގަށް ގޮވާ، އެކަކު އަނެކަކުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަނީ ކޮންމެ ދުވަހެއްގެ ވެސް އާދަޔާ ހިލާފު ކަމެއްގެ ގޮތުގައެވެ. ނަމަވެސް، ވަގުން ވަގަށް ގޮވީމާ، ވައްކަން ނުކުރާ ކަމަކަށް ނުވާނެކަމީ ކަށަވަރު ހަގީގަތެކެވެ.ފޕޓޯ: އެމްއެސްޓިއޯ

މިއަދު ފެންނަނީ އެމްޑީޕީ އަދި ޕީއެންއެފް ފަދަ ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުން، މިހާރުގެ ސަރުކާރުގައި ތިއްބެވި ލީޑަރުންނަށް ”ވަގަށް“ ގޮވާ އަޑެވެ. މިފަދަ ބަސްތައް ބޭނުންކުރުމުން، ކުރިން އެބޭފުޅުންގެ ވެރިކަމުގައި ނުވަތަ އެބޭފުޅުންނާ ގުޅިފައިވާ ފަރާތްތަކުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންތައް ނެތިދަނީއެއް ނޫނެވެ. މިފަދަ ތުހުމަތުތަކުން އެމީހުންގެ ހުރި ކުށްތައް ފޮހެވޭނެކަމަށް ދެކޭނަމަ، އެއީ ހަގީގަތާ ދުރު ހިޔާލެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އެތަކެއް މިލިއަން ރުފިޔާއިން އެމްޑީޕީގެ ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެފަދަ ދުވަސްވަރެއްގައި، ރައްޔިތުންގެ ފުރާނައާއި ސިއްހަތަށް ބޭނުންވާ ފައިސާއިން ވައްކަން ކުރުމަކީ ކޮންފަދަ ދަށުދަރަޖައިގެ ޢަމަލެއްތޯއެވެ؟ މިކަމުގެ އެންމެ ފާޅުކަން ބޮޑު ހެއްކަކީ ވެންޓިލޭޓަރުން ކުރި ވައްކަމެވެ. އެއީ މުޅި ގައުމު ހައިރާންކޮށްލި ހަގީގަތެކެވެ.

ހަމަ އެހެންމެ، ރައީސް ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ވައްކަމަކީ ވެސް މުޅި ގައުމުވެސް ދަންނަ ކަމެކެވެ. މިކަމުގައި ބައިވަރު ބަޔަކު ތުހުމަތުކުރެވިފައިވެއެވެ.

އެމްޑީޕީން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި ފެނަކައިން ކުރި ވައްކަމަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިފަދަ ބޮޑެތި ވައްކަންތައް ހިނގާފައިވާއިރު، މިއަދު އެވާހަކަ ދެއްކުމަކީ އެކަމުގެ ކައްފާރައެއް ކަމަށް އެންމެން ދެކެނީ ހެއްޔެވެ.

Advertisement

ގައުމު މިއަދު ”ވައްކަމޭ، ކޮރަޕްޝަނޭ، ފަޅޮލޭ“ ކިޔައި އަޑުގަދަކުރިޔަސް، މި ގައުމުގެ އެއްވެސް މީހަކު ވައްކަން ނުކުރާ ކަމަށް ގަބޫލެއް ނުކުރާނެއެވެ. ސިޔާސީ މީހުންނާއި، މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވަނީ، މިފަދަ ޢަމަލުތައް ތަކުރާރުވަމުންދާތީއެވެ.

ހިތަށް އަރަނީ، ވެރިކަމުގައި ތިއްބެވި އިރު ކޮރަޕްޝަނާއި ވައްކަން ކުރުން ހުއްޓުވަން ނޫޅުނީ ކީއްވެގެންބާއެވެ؟ އޭރު ލިބުނު އާރާއި،ބާރާއި އިއްޒަތް ވައްކަން ހުއްޓުވުމަށް ބޭނުން ނުކުރެވުނީ ކީއްވެގެންތޯއެވެ؟ މިފަދަ އެތައް ކަމެއް ކުރުމަށްފަހު، މިއަދު ބަޔަކު ވެރިކަން ކުރާތީ، އޭގެން ލައްޒަތާއި ބާރާއި އާރު ނުލިބުމުން، އެކަމުގެ ބަދަލުގައި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަކީ ކޮންފަދަ ކަމެއްބާއެވެ؟ މިއީ ހަމަ އެކަނި އަމިއްލަ އެދުމަށްޓަކައި ގައުމަށް ގެއްލުން ދިނުން ނޫން ކޮންކަމެއްތޯއެވެ؟

މީގެ ކުރިން ޓީވީ އިން ލައިވްކޮށް ގެނެސްދިން އެކި ޕްރޮގްރާމްތަކުގައިވެސް ކުރި ވައްކަމަށް އިއުތިރާފްވެފައި ވާއިރު، މި އަދު މި ކިޔަނީ ކޮން ލަވައެއްބާއެވެ؟ މިހާރު ކިޔާ ލަވައަކާއި، އެއިރުގައި ޖެހި ބެރަކާ ދިމައެއް ނުވެއެވެ. އެހެންކަމުން، ވައްކަމުގެ ތުހުމަތުތައް އެކަކު އަނެކަކަށް ކުރުމަކީ، އެއްވެސް ފަރާތެއްގެ ކުށެއް ނެތް ކަމުގެ ހެއްކެއް ނޫނެވެ. ބަދަލުގައި އެއީ ވައްކަންކުރި މިންވަރު އިތުރުކުރާ ކަމެކެވެ. އަދި ހަގީގީ ހައްލަކީ ތެދުވެރިކަމާއި އިންސާފު ގާއިމުކުރުން ކަމަށް ދެކެމެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި