ރާއްޖޭގެ މިހާރުގެ ހާލަތު އޮތްގޮތުން ގެއިން ބޭރަށް ނުކުތުމަކީ ރިސްކެކެވެ. އެބުރި އައިސް ދެން ގެޔަށް ވަންނައިރު މިވަންނަނީ ބަލި ހިފައިގެން ކަމުގެ ބިރު އަބަދުވެސް ހިތުގައި އޮންނާނެއެވެ. ކޮފީއެއް ބޯލަން ރެސްޓޯރެންޓަކަށް ނުވަތަ ފޭސްމާސްކެއް ހަދާލަން ސެލޫނަކަށް ދާން ހިތަށް އަރުވާލިޔަސް ބިރުގަނެއެވެ. ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ގޭގައި މަޑުކުރަން ޖެހުމުން ގިނަ އަންހެންވެރިން އެންމެ ދެރަވީ ސެލޫން އަށް ނުދެވޭތީއެވެ. މޫނުގެ ހަންގަނޑަށް އެންމެ އެކަށޭނެ ފަރުވާ ނުދެވި ހަންގަނޑު ހަލާކުވެދާނެތީއެވެ.
ނަމަވެސް މިހާރު ހާސްވާކަށް ނުޖެހެއެވެ. ގޭގައި ތިބެގެންވެސް ސެލޫންއިން ލިބޭ ފަދަ ގިނަ ފޭޝަލް އަދި މަސާޖް ގޭގައި ތިބެގެންވެސް މިހާރު ކުރެވެން އެބައޮތެވެ.މިއޮތީ ސެލޫން އަށް ނުގޮސް ގޭގައި ހުރެގެން ވެސް ފޭޝަލް މަސާޖެއް ކޮށްލެވޭނެ ފަސޭހަގޮތެކެވެ.
މި މަސާޖް ކުރަން ފެށުމުގެ ކުރިން މޫނުގައި މޭކަޕް ހާކާފައިވާނަމަ ފުރަތަމަ ކަމަކަށް އެ ސާފު ކުރުމަށްފަހު މޫނު ގައި މޮއިސްޗަރައިޒިން ކްރީމް އެއް ހާކާށެވެ. އެއަށްފަހު މަސާޖް ކުރަން ބޭނުން ކުރާ ތެޔޮ ނުވަތަ މޮއިސްޗަރައިޒިން ލޯޝަން އަތަށް އެޅުމަށްފަހު ދެ އަތުގައި އުނގުޅާލާށެވެ. އަދި ކަރުގަޔާއި މޫނުގައި ދިގަށްވާ ގޮތަށް ހާކާށެވެ. މިގޮތަށް ހާކާއިރު ހާކާނީ މޫނުގެ ތިރިން ފެށިގެން މައްޗަށެވެ. ދެން ލޯ ކައިރީ ވަރަށް މަޑުމަޑުން ވަށްކޮށް ހާކާށެވެ. ލޯ ކައިރި ހަމަކީ އެންމެ ނާޒުކު ހަންކަމުން ލޯ ކައިރި މަސާޖް ކުރަން ބޭނުން ކުރާނީ ކަށި އިނގިއްޔެވެ.
ކަރުން މައްޗަށްވާ ގޮތަށް މަޑުމަޑުން ފަހަރަކު އަތަކުން މަސާޖް ކުރާށެވެ. މިގޮތަށް މުޅި ކަރު މަސާޖު ކުރާށެވެ. ވައަތު ކަންފަތް ކައިރިން ފަށައިގެން ކަނައަތު ކަންފަތް ކައިރި އާއި ހަމައަށެވެ. ދެ އަތުގެވެސް ޝަހާދަތް އިނގިލި އަދި މެދު އިނގިލި ބޭނުން ކޮށްގެން، ދަތްދޮޅިން ކަންފަތާ ދިމާލަށް ވާ ގޮތަށް ގެންދާށެވެ.
ދެން ހުރިހާ އިނގިލިތައް އެއްކޮށްލުމަށްފަހު ދެ އަތުން ނޭފަތުގެ މަތީ ކަރިން ދެ އަރި މައްޗަށް ފިތާލާށެވެ. ދެތިން ސިކުންތު މި ގޮތަށް ފިތާލައިގެން ހުރުމަށްފަހު ދޫކޮށްލާށެވެ. އަދި އަނެއްކާވެސް ހަމަ އެގޮތަށް ފިތާލާށެވެ.
އެއަށްފަހު މަޑު މަޑުން ދެ އަތް މޫނުގެ ދެ ފަރާތަށް، ކޮލާ ވީކޮޅަށް ގެންދާށެވެ. ނިންމާނީ ކަންފަތް ކައިރިއަށެވެ. ކުޑަވައި އިނގިލިން ކަންފަތް ކައިރީ ހުންނަ ޕްރެޝަރ ޕޮއިންޓަށް ފިތާލާށެވެ. މިހެން ވެސް ދެތިން ސިކުންތު ފިތާލައިގެން ހުންނަންވާނެއެވެ.
ލޯ މަރާލުމަށްފަހު ދެއަތް އެއްކޮށް މޫނުމަތީގައިގައި ބާއްވާލާށެވެ. އަދި ސިކުންތެއް ވަންދެން ޕްރެޝަރ ވާނެހެން ފިތާލުމަށްފަހު ބާރު ދޫކޮށްލާށެވެ.
އެންމެ ފަހު ކަމަކަށް ކަނާއަތުން ވައަތު ކަރަށް ވާންވާ ގޮތަށް މަޑުމަޑުން މަސާޖް ކޮށްލާށެވެ. އަދި ހަމަ މިހެން ވައަތުން ކަނާއަތު ކަރުގައި މަސާޖް ކޮށްލާށެވެ. މިމަސާޖް ކޮންކމެ ދުވަހަކު އެއްފަހަރު ކުރާށެވެ. އޭރުން ހަންގަނޑު އޮމާންކޮށް އުޖާލާވާނެއެވެ. އަދި މިފަދަ މަސާޖްތައް ކުރުމަކީ މީހާގެ ވަރުބަލިކަން ފިލުވާލާ ސްޓްރެސް ދުރުކޮށްލާ ކަމެކެވެ.














