ކޮތަޅުގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމަވާފައިވާކަމުގައި އިދިކޮޅު މައި ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައި ވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ މި ޖަލްސާ ކޮތަޅުގެނަމުގައި ބޭއްވުމަށް ނިންމަވާފައިވީނަމަވެސް މި ޖަލްސާގައި ރާއްޖޭގެ މަޝްރަޙްގައި ހިނގަމުންދާ ސިޔާސީ އެކި ކަންކަމުގެ މައްޗަށް އެކި ބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމުގައެވެ.
އަންނަ ހުކުރު ދުވަހުގެރޭ (28 އޭޕްރިލް 2023) ދުވަހުގެރޭ 8:30 ގައި އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ޖަލްސާ ”ކޮތަޅު“ގެ ނަމުގައި ބޭއްވުމަށް ނިންމަވާފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް މިވަގުތު އެންމެ މުހިއްމު އަދި އެންމެ ފަސޭހައިން އެނގޭނެ އެއްޗަކީ ”ކޮތަޅު“ ކަމަށް ވާތީ ކަމުގައެވެ.
އަދުރޭ ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ހިގަމުންދާ ރައީސް ޔާމީންގެ މައްސަލަ ލައިވް ނުކުރާ ކަމަށާއި، ނަމަވެސް މިފަދަ މައްސަލައެއް ރާއްޖޭގައި އެންމެ ފުރަތަމަވެސް ލައިވް ކުރެވިގެންދިޔައީ ރައީސް ޔާމީނުގެ މައްސަލައެއް ކަމުގަ އެވެ. އަދި ދެވަނަ މައްސަލަ ވެސް ރައީސް ޔާމީން އެދިވަޑައިގަތުމުން ލައިވް ކުރެއްވި ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ކުރާ އަނިޔާގެ ވާހަކަ ޕީޕީއެމްގެ ކޮންމެ ޖަލަސާއެއްގައިވެސް ދައްކާ ފަދައިން ހުކުރުދުވަހުގެރޭ ބާއްވާ ކޮތަޅު ޖަލްސާގައި ވެސް އެ ވާހަކަތައް ދައްކަވާނެ ކަމަށާއި، އެ ވާހަކަތައް ދައްކަމުން އަންނަނީ އިއްޔެއަކު އަދި މިއަދަކު ނޫންކަމަށާއި، އެމަނިކުފާނު މިނިވަން ކުރަންދެން އަބަދުވެސް އެ ވާހަކަތައް ދައްކަމުން ގެންދަވާނެކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި ދައުލަތުން އުފުލައިފައިވާ ދައުވާގެ އަޑުއެހުންތައް ފުލުފުލުން ބާއްވަން ތާވަލުކޮށްފައިވާ ކަމަށްބުނެ އެ ކޯލިޝަނުގެ އިސްފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ލައިވް ނުކުރާ ސަބަބު އޮޅުން ފިލުވުމަށް އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓަށް ގޮސްފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އިސް ގާޟީއާ ބައްދަލު ނުކުރެއްވުނު ކަމަށާއި ތިން ދުވަސް ފަހުން އިސް ގާޟީ އަށް ސިޓީ ލިބިލެއްވުމުން، ޖަވާބެއް ދެއްވާނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުންދާއިރު، ރައީސް ޔާމީނަކީ ސަރުކާރަށްވެސް އަދި މިއިންތިޚާބުގައި ވާދަކުރާ އެހެން ކެނޑިޑޭޓުންވެސް އެންމެ ޖެހިލުންވާ ކެނޑިޑޭޓެވެ. ރައީސް ޔާމީނާއި ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައިވެސް އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، ރައީސް ޔާމީނަށް އޮތް ތާއީދަކީ ރާއްޖޭގެ ތަރައްޤީއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ ނުހަނު އަގުހުރި ހަރުދަނާ ބުރަ މަސައްކަތްތަކުގެ ސަބަބުން އޮތް ތާއީދެއްކަަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ ދެންވެސް ރާއްޖެ ތަރައްޤީ ކުރެވޭނީ ރައީސް ޔާމީނަށް ކަމުގައެވެ. އަދި 2023ގައި އޮންނަ ރިޔާސީ އިންތިޚާބް ކާމިޔާބުކޮށް ރައީސް ޔާމީން ވެރިކަމަށް ގެނައުމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮންމެ ދިވެހި ދަރިއަކުވެސް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްކަމަށްވެސް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.













