Search Streamline Icon: https://streamlinehq.com

ދާއިރާގެ ރައްޔިތުން ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖުގެ އިސްތިއުފާއަށް ގޮވާލާ އަޑުއުފުލައިފި

Big CC20dyBLCg45SfxPhUAQ5kfj4 moosa siraj

އެމްޑީޕީން ވަކިވެ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމުމާއި ގުޅިގެން ލ.ފޮނަދޫ ދާއިރާގެ ރައްޔިތުން އެދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖުގެ އިސްތިއުފާއަށް ގޮވާ އަޑުއުފުލައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު އެމްޑީޕީ ދޫކޮށް ޕީޕީއެމް އަދި ޕީއެސްނީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒުއަށް ތާއީދުކުރަން ސިރާޖު ނިންމާފައިވާއިރު، އެދާއިރާގެ ރައްޔިތުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ. އެގޮތުން އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސިރާޖުގެ އިސްތިއުފާއަށް ގޮވާ އަޑުއުފުލަމުންނެވެ.

ދާއިރާގެ ރައްޔިތުންގެ ނުރުހުން ސިރާޖުއަށް އަމާޒުވެފައިވާއިރު، ފޮނަދޫ ދާއިރާގެ އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ސިރާޖުގެ އިސްތިއުފާއަށް ގޮވާ ސައިކަލް ބުރެއް ވެސް ބާއްވާފައެވެ.

އޭގެ ތެރެއިން ބައެއް ފަރާތްތަކުން ބުނެފައިވަނީ ސިރާޖު އެމްޑީޕީ ދޫކޮށް ދިއުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށާއި އެމްޑީޕީ އާއި އެކު އެ ދާއިރާގެ މަޖިލިސް ގޮނޑިވެސް ދޫކޮށްލަން ޖެހޭނޭ ކަމަށެވެ. ސިރާޖަކީ ދާއިރާގެ ގިނަ އަދަދެއްގެ ބަޔަކު ބޮޑު ގުރުބާނީއެއް ވެގެން އޭރު އެ ދާއިރާގައި ރަސްކަން ކުރަމުން އައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ބަލިކުރުމަށް ފަހު ހޮވާފައިވާ މެމްބަރެއް ކަމަށާއި އެކަން އެގޮތަށް ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

“ މޫސާ ސިރާޖް ކަންތައް އެ ކުރީ ވަރަށް ހަޑިކޮށް. އަހަރެމެން އޭނާ ހޮވަން ކުރި ބުރަމަސައްކަތުގެ އަގުވަޒަނެއް ނުކުރޭ. އަމިއްލަ ފައިދާއަށް ކަންކަން އެ ނިންމަނީ. އެންމެ ކުދަމިނުން އޭނާ ހޮވަން ޤުރުބާންވީ ރައްޔިތުންގެ ކުރެން ހޭވެސް އަހާނުލާ ގޮތް އެ ނިންމީ“. ވާހަކަ ދެއްކި އެމްޑީޕީ މެމްބަރަކު ބުނެފައިވެއެވެ.

2019 ވަނަ އަހަރު މަޖިލިސް އިންތިޚާބު ކާމިޔާބުކޮށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސިރާޖު އެ ޕާޓީ ދޫކޮށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމެވި ވަކި ސަބަބެއް ހާމަކޮށްފައި ނުވާއިރު، ސިރާޖު އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ފެނިވަޑައިނުގަންނަވާތީ ވަކިކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި މިސީޓީއަށް ފަހު ދެން ފެނިގެން ދިޔައީ ސިރާޖު ޕީޕީއެމް އަދި ޕީއެންސީ ކެންޑިޑޭޓް މުއިއްޒުއަށް ތާއީދުކުރަން ނިންމާފައިވާ ކަން ހާމަކޮށް އާންމުކޮށްފައިވާ ޓްވީޓެކެވެ. އެ ޓްވީޓުގައި ސިރާޖު ބުނެފައިވަނީ އޭނާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ޑރ. މުއިއްޒާ ބައްދަލުކުރައްވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ލ. އަތޮޅުގެ ނަތީޖާ މިފަހަރު ތަފާތުވާނެ ކަމަށް ވިދާޅުވެފައެވެ.

”2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައި ވިޔަސް މި އިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،“ ސިރާޖު ވިދާޅުވި އެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެން ނަމަވެސް މިހާތަނަށް އެހެން ސިޔާސީ ޕާޓީއަކަށް އޭނާ ސޮއިކުރައްވާފައެއް ނުވެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި