ދެވަނަ ބުރުގައި ޝަރުތަކާ ނުލާ ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އެމްއެންޕީ އިން އެއްބަސްވެއްޖެއެވެ.
މީރުމާ މާލަމުގައި މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޕީއެންސީގެ ފަރާތުން ސޮއި ކުރެއްވީ ޕީޕީއެމް/ޕީއެންސީ ހިންގުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އެމްއެންޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއެވެ.
އެެއްބަސްވުމާއި ގުޅޭގޮތުން އަދުރޭ ވިދާޅުވީ މި އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ކުރިއަށް އޮތް 5 އަހަރު އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކީ އެއްބަސްވުމުގައި ވާގޮތުގެ މަތިން ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާވާނެ ގޮތުގައި ހިދުމަތް ކުރުން ކަމަށެވެ.
މައިގަނޑު މަގުސަދަކީ ގައުމުގެ ހުރިހާ ކަމެއް ރަނގަޅު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ ކޯލިޝަން ހަދަން ވަަޑައިގަތީ ޝަރުތަކާ ނުލާ ވަޑައިގަތީ ރަނގަޅު ސަރުކާރެއްގައި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އަދި ކޯލިޝަން ހެދިނަމަވެސް އެމްއެންޕީގެ އެއްވެސް ޑިމާންޑެއް ސަރުކާރަކަށް ނޯންނާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެއްޖެ ނަމަ ސަރުކާރެއް އެކުލަވައިލާއިރު، މަގާމުތައް ދޫކުރާނެ ގޮތުގެ އިޚްތިޔާރު ޕީއެންސީ އަށް ދޫކޮށްލާފައިވާ ކަމަށާއި މުޅި އަމާޒަކީ މި އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި މުއިއްޒުއާއެކު ސާބިތުކަންމަތީ ހުންނަވާ މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރުު ދުވަހުއެވެ.













