މިއަދަކީ އަޅުގަނޑުގެ ބައްޕަ މި އަނިޔާވެރި ދުނިޔެއާއި ވަކިވެގެންދިޔަތާ އެއް މަސް ފުރުނު ދުވަސް! ބައްޕަ ވަކިވެގެން ދިޔަތާ އެއް މަސްވީއިރުވެސް ބައްޕަގެ ވަކިވުން އިއްޔެވީ ކަމެއްގެ ގޮތުގައި ހަނދާނުގައި އެބަހުއްޓެވެ.
އެ މަންޒަރުތައް އަބަދާއި އަބަދު ސިފަވެއެވެ. ބައްޕަގެ ހިތްހެޔޮ ކަމާއި އޯގާތެރިކަމުގެ ވާހަކައަކީ ދައްކާ ހުސްނުވާނެ ވާހަކައެކެވެ. ބައްޕައަކީ ދަރިންނަށް ވެސް އަދި މަންމައަށް ވެސް ނުލާހިކު ހެޔޮ މީހެކެވެ. ”އަނގައިން ބުނުން ލަސްވާނީ އެ ބުނާ ކޮންމެ ކަމެއް ބައްޕަކޮށްދޭނެ. ބައްޕަ އެންމެ ފޯރި ހުންނާނީ މީރު ކާއެއްޗެހި އަހަރުމެންނަށް ކާންދޭން.“
އަދިވެސް އެންމެ ހަނދާން ވަނީ ބައްޕަ ބަލިވެ ހޮސްޕިޓަލުގައި އޮތްއިރު އުޅުނު ގޮތެވެ. ބައްޕައަށް ނުކެވި ދުވަސްތަކެއް ހޭދަވީއިރުވެސް ބައްޕަ ބެލީ، ބަލި އެނދުގައި އޮވެގެންވެސް އަހަރުމެންނަށް ކާންދެވޭތޯއެވެ.
ބައްޕަ ކައިރީގައި ހޮސްޕިޓަލުގައި ހޭލާ ހުރި ރޭވެސް ބައްޕަ ބުނަނީ ”ކަމަނަ އާއި ސަހާ ކާން ދެން ކޮންމެވެސް މީރު އެއްޗެއް އޯޑަރު ކޮށްބަލާށޭ.“
ބައްޕަ އައިސީޔޫއަށް ބަދަލުކުރިއިރު ފިރިމީހާ ކައިރީގައި ބައްޕަވެސް އޮއްވައި ވާހަކަ ދައްކަމުން ދިޔައީ ބައްޕަ ރަނގަޅުވަންދެން ހުޅުމާލެއަށް ބަދަލުވުމަށް، ބުޅަލެއް (ލިލީ) ވެސް ގެންގުޅޭތީ އެއާ މެދު ހަދާނެ ގޮތާމެދު ވެސް މަޝްވަރާ ކުރީމެވެ.
އެ މަޝްވަރާތައް ކުރަމުންދަނިކޮށް ބައްޕަ އޮވެފައި ބުނެލިއެވެ. ”ލިލީއާއެކު ވަރަށް ދުވަހު އުޅެވިއްޖެ ނޫންހެއްޔެވެ. ދެން ބައްޕަ ކައިރީގައި އުޅެން އަންނާށޭ“ އޭރު ހިތަކަށް ނާރާ މިއީ ބައްޕައާ އެކު އުޅެން ލިބުނު ފަހު ފުރުޞަތުކަމެއް!
ބައްޕަގެ ކުއްލި ވަކިވުމާއެކު ދުވަސްތައް އުނދަގޫވިނަމަވެސް އަބަދުވެސް އަހަރެންގެ ހެޔޮ ދުޢާ އަކީ މާތްﷲ ބައްޕަގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ބައްޕައަށް މިންވަރު ކުރެއްވުމެވެ.
ބައްޕަދެކެ އަބަދުވެސް ވަރަށް ލޯބިވެއެވެ. އަދި އެހައިމެ ހަނދާން ވެސް ވެއެވެ. ދުވަހަކުވެސް އެ ހަނދާންތަކާއި ދުރަކަށް ނުދެވޭނެއެވެ.
ސިމާހާ ނަސީމް














