އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.
ޖުމްހޫރީ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓް ހޯދުމަށް ހުށަހެޅޭނީ މަޖިލީހަށް ޝައުގުވެރިވާ އެކަމުގެ ގާބިލްކަން ހުރި އަދި މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަވާ މީހުންނަށް ކަމަށެވެ.
މިފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
އިއުލާންގައި އިތުރަށް ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން ހުށަހަޅާ ފޯމުތަކާއި ކަމާ ގުޅޭ ލިޔުންތައް ޖޭޕީގެ ކައުންސިލުން ކަނޑައަޅައި ކޮމިޓީއަކުން ބަލައި ވަޒަންކުރާނެ ކަމަށެވެ. ޖޭޕީގެ ޓިކެޓް ކަށަވަރު ވާނީ އޭގެފަހުން ކަމަށްވެސް ބުނެފައިވެ އެވެ.
އެ ޕާޓީން ބުނީ އަންނަ އަހަރު މެމްބަރުން އިންތިހާބުކުރާ 93 ދާއިރާ އަށް ވާދަކުރާނެ ކަމަށެވެ. އެހެންވެ ޖޭޕީގެ ޓިކެޓްގައި ދާއިރާތަކަށް ވާދަކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުހެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަމާއި ގާބިލުކަން ބެލުމަށް ފަހު، ޕާޓީގެ ކައުންސިލުން ނުވަތަ އެކަަމަށްޓަކައި ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށް ފަހު ކަމަށެވެ.
އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް ގިނަ ޕާޓީތަކުން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ.
މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އަދި އޮތީ ކަނޑަނޭޅި އެވެ.













