ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން އަންނަ އޭޕްރިލް މަހު ބާއްވާ އިންތިހާބުގައި އުނގޫފާރު ދާއިރާގެ ގޮނޑިއަށް އަލީ ފާރޫގު ( ކެންޑިޑޭޓް ނަމްބަރު 4) ނުކުމެ ވަޑައިގެން ހުންނެވީ ދާއިރާގައި ހުރި މައްސަލަތައް ފިސާރި ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ. 
ދާއިރާގެ ގޮނޑިއަށް އިންތިހާބުކޮށް، ގައުމީ ހިދުމަތަށް އަލުން ނުކުމެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައްޔިތުންގެ އަރިހުގައި އޭނާ އެދިވަޑައިގެންވީ ރަނގަޅު ޓްރެކް ރެކޯޑަކާ އެކުގަ އެވެ. އެއީ ސިއްހީ ދާއިރާގައި ހޭދަ ކުރެއްވި 30 އަށް ވުރެ ގިނަ އަހަރު ދުވަހުގެ ހިދުމަތުގެ ރެކޯޑެވެ.
އުނގޫފާރު ދާއިރާގައި ހިމެނޭ ، ރ. އަތޮޅުގެ ވެރިރަށް އުނގޫފާރު ފިޔަވައި އަނެއް ދެރަށުގެ ރައްޔިތުންނަށް ވެސް އޮތް އެއް ދައްޗަކީ އެ ދެރަށުގައި ވެސް ބޭންކިން ހިދުމަތް ނުލިބުމެވެ. މާކުރަތާއި ހުޅުދުއްފާރަށް ވެސް އެ ހިދުމަތް އިންތިހާއަށް މުުހިންމެވެ.
”އަޅުގަނޑު ތަޖުރިބާކޮށްފައި ހުރި ކަމެއް، ދާދި ފަހަކުން ވެސް، މިސާލަކަށް އަޅުގަނޑުގެ އެކައުންޓްގައި ހުރި ފައިސާކޮޅެއް ނަގަން ވެގެން އަޅުގަނޑު އުނގޫފާރަށް، ބޭންކަށް ގޮސް އަޅުގަނޑު އެތާ ކިއުގައި މިސާލަކަށް އިންނަން ޖެހޭ ތިން ގަނޑި އިރު ހަތަރު ގަޑި އިރު، މިއީ އަމިއްލަ ފައިސާ ކޮޅެއް ނަގަން ވެގެން،“ ބޭންކިން ހިދުމަތް ނެތުމުން ކުރިމަތިވާ ދަތިކަން ސިފަކުރައްވަމުން ފާރޫގު ވިދާޅުވި އެވެ.
އެ މައްސަލައަށް އޭނާ ހުށަހަޅުއްވާ ހައްލަކީ ބޭންކާ ވާހަކަ ދައްކައިގެން ދެ ރަށުގައި ވެސް އޭޓީއެމް ބެހެއްޓުމެވެ. ފައިސާ ލޯޑްނުކުރެވޭނެ އިންތިޒާމްތަކާ ވެސް އެކުގަ އެވެ. 
”މާުކުރަތުގައި ވެސް، އަދި ހުޅުދުއްފާރުގައި ވެސް އޭޓީއެމެއް ބަަހައްޓާފައި ފައިސާ ޖަމާކުރެވޭނެ ނިޒާމަކާ ފައިސާ ލިބޭނެ ނިޒާމެއް ގާއިމް ކުރެވިއްޖެ ނަމަ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ދާއިރާގެ ރައްޔިތުންގެ ކުރިއެރުމަށް ނުވަތަ އެމީހުންގެ ދިރިއުޅުމަށް ކުރަން ހުރި މަސައްކަތްތަކާ އިތުރު ވަގުތު ލިބިގެން ދާނެކަންކަން،“ ސޯޝަލް މީޑިއާގަައި އާއްމުކުރެއްވި ވީޑިއޯ އެއްގައި ފާރޫގު ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގައި ބޮޑުވެފައި އޮތް އަނެއް ކަމަކީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި ވެސް އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ފާހަގަކުރެވޭ މަސްތުވާތަކެތީގެ ވަބާ އެވެ. ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ މަންދޫބުގެ ގޮތުގައި އިންތިހާބު ކޮށްފި ނަމަ، އެ މައްސަލައަށް ހައްލެއް ހޯއްދަވަން ބުރަކޮށް މަސައްކަތްކުރެއްވުމަކީ އޭނާގެ ވައުދެކެވެ.
“ އަޅުގަނޑު ހަމަ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށް ޓަކައި ދަންނަވައިލާނަން، އަޅުގަނޑު ނެތި ފަނާވަންދެން ނުވަތަ އެ މައްސަލަ ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުުރެވެންދެން އަޅުގަނޑު މަސައްކަތް ކުރާނަން، އަޅުގަނޑަށް މި މަގާމަށް އާދެވިއްޖެއްޔާ،“ ފާރޫގު ވިދާޅުވި އެވެ. އުނގޫފާރު ދާއިރާއަށް ބޭނުން ވަނީ މިފަދަ އަޒުމެކެވެ.













