ކައުންސިލް ހައުސިންގެ ގޮތުގައި 120 ޔުނިޓް ތަރައްޤީކުރައްވާ ކަމަށާއި އޭގެ ތެރޭގައި ދެ ކޮޓަރީގެ 60 ޔުނިޓާ 3 ކޮޓަރީގެ 60 ޔުނިޓް ހިމެނޭއިރު 2 ކޮޓަރީގެ ޔުނިޓްތަކުގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5500 ރުފިޔާކަމަށާއި، 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެ އެވެ. މަބްރޫކް މިހެން ވިދާޅުވީ ”ގެދޮރުވެރިޔާ ފްލެޓް“ ހައުސިންގ ސްކީމާއި ސަރުކާރުގެ ބޯހިޔާވަހިކަމާއި ތަރައްޤީގެ ބައެއް މަޝްރޫޢު ތަކުގެ ފަހުގެ މަޢޫލޫމާތު މީޑިއާތަކާއި ހިއްޞާކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވައި، ދާދިފަހުން ސަރުކާރުން އިޢުލާނުކުރި ގެދޮރުވެރިޔާ ލޯނު ސްކީމުގެ އިތުރު ތަފްޞީލުތައްވެސް ދެއްވާފައެވެ.
އެގޮތުން މި ސްކީމަކީ މިއީ މާލެ ސަރަޙައްދުގައި ތަރަޢްޤީކުރުމަށް ނިންމާފައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން އަތޮޅުތަކުގައި ވެސް ބޯހިޔާވަހިކަން ތަރައްޤީކޮށް އެފަދަ އިންތިޒާމުތައް ރޭވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުގެ ގޮތުން ކުރެވޭ މަސައްކަތެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް މިހާރު މި ލޯނު ސްކީމުގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި އެޕްލިކޭޝަން ފޯމު އެޗްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަން ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން 3 ކެޓަގަރީގެ ހައުސިން ތަރައްޤީކުރާއިރު މި މަސައްކަތުގެ ފަހުގެ ތަފްޞީލުތައް ވެސް މަބްރޫކު ދެއްވާފައިވެއެވެ. އެގޮތުން މިއަދު އެފަދަ ފުރަތަމަ ޕްރޮޖެކްޓުގެ ބިންގާ އަޅާފައިވާކަމަށާ އެއީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އެޕޯލޯ ކުންފުނިން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
”ޖުމްލަ 9 ޓަވަރެއް އެޅުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ކައުންސިލް ހައުސިންގެ ގޮތުގައި ތަރައްޤީކުރާ 120 ޔުނިޓް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 60 ޔުނިޓާ 3 ކޮޓަރީގެ 60 ޔުނިޓެވެ. މީގެ ތެރޭން 2 ކޮޓަރީގެ ޔުނިޓްތައް ނިމޭއިރު އެތަންތަނުގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5500 ރުފިޔާއެވެ. އަދި މި ކެޓަގަރީގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000 ރުފިޔާއެވެ.“ މި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވަނީ އެފޯޑަބުލް ހައުސިންގ ކެޓަގަރީ އަދި މިޑް ލެވެލްގެ ހައުސިންގ ޔުނިޓްތަކުގެ ތަފްޞީލުތައް ވެސް ޙިއްޞާކުރައްވާފައެވެ.
މި ސަރުކާރުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކާއި ކުރީގެ އެހެން ހައުސިންގ މަޝްރޫޢުތަކާ ހުރި އެންމެ ބޮޑު ތަފާތަކީ ކުޑަ ކުއްޔެއް ކަނޑައަޅާފައި ވުމާއެކު ޖާގައިގެ ގޮތުން ތަނަވަސް ތަންތަން ކަމުގައިވުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
ހިޔާ ފްލެޓްތަކާ ބެހޭ ފަހުގެ މަޢުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ 2021 ޖުލައި 14 އިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި މިތަންތަނުގެ އެގްރިމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އޭގެ އިތުރުން މިހާރު ވެސް ސްޓެލްކޯއިން ހިޔާ ފެލެޓްތަކުގައި ބައެއް މަސައްކަތްތައް ކުރިޔަށް ގެންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާބެހޭ ތަފްޞީލުތަކުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ވަނީ ކޯވިޑް-19 މެނޭޖްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ފަހުގެ ތަފްޞީލްތަކާއި މާލެ ސަރަޙައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ކުރިޔަށްއޮތް ދެ ހަފްތާއަށް ގެންނަ ބަދަލުތަކުގެ ތަފްޞީލުތައް މި ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވާފައެވެ. އަދި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ.













