Search Streamline Icon: https://streamlinehq.com

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަޤާމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޣްބްދުލް ޣަފޫރު މޫސާ

MDP Abdull Ghafoor

ދިވެހިރާއްޖޭގެ އިދިކޮޅު ސިޔާސީ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން ކަމުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ (ގަޕޯ) އިންތިޚާބުކޮށްފިއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަޤާމަށް ޣަފޫރު އިންތިޚާބު ކޮށްފައިވަނީ އެޕާޓީން ރޭ ބޭއްވި ޤަޢުމީ މަޖިލީހުގެ 31 ވަނަ ޖަލްސާގައި ނެގި ވޯޓްގައި ޖަލްސާގައި ބައިވެރިވި 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައިމިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބުނެފައިވާގޮތުން ޗެއާޕާސަންގެ މަޤާމް ހުސްވެއްޖެނަމަ، އިންތިޚާބެއް ބާއްވައި ދާއިމީ ބޭފުޅަކު ހޮވުމާ ހަމައަށް ވަގުތީ ބޭފުޅަކު ޗެއާޕާސަންގެ މަޤާމަށް ހަމަޖައްސަން ޖެހެއެވެ.

މި މަޤާމަށް ވަގުތީ ބޭފުޅަކު ހަމަޖެއްސުމަށްޓަކައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވުނު އެޕާޓީގެ 30 ވަނަ ޤަޢުމީ މަޖިލިސްގައި ވެސް ވަނީ ވޯޓް ނަގާފައެވެ. ނަމަވެސް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، ބައްދަލުވުން ހޫނުވެގެން އެޖަލްސާ ނިންމާލަން ޖެހުނުއިރު މިކަމަށްވަނީ ގޮތެއް ނުނިމިފައެވެ. އެދުވަހު މި މަޤާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަސްލަމްއާއި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޢަފޫރު މޫސާއާއި ހއ. ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ވަޙީދުއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ދާއިމީ އިންތިޚާބު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފަހުން ބޭއްވުމަށް ރޭގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި