ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބުކަމުގައިވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުން ރަނގަޅުކަމަށްދެކެވަޑައިގަންނަވާކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕާޓީގެ ދަފްތަރުގައި އެންމެ މީހުންގިނަ އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެބިލް ހުށަހެޅުއްވިކަން މިއަދު ހާމަކުރެއްވުމާއި ގުޅިގެން ރައީސް ނަޝީދު އެކްސްގައި ވަނީ އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެމަސައްކަތް ފެށުމަށް މާދަމާ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލްގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވަންވާނީ ދެ އިންތިޚާބު އެކީގައި ކަމަށް ކަނޑައެޅުން ކަމުގައެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިޞްލާހުކޮށް، ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިޞްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވެއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.













