Search Streamline Icon: https://streamlinehq.com

ކުށްވެރިޔަކީ ކާކު…؟-01

Kuhveriyakee Kaaku

ކުށްވެރިޔަކީ ކާކު…؟- ފުރަތަމަބައި ( މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއް. ވާހަކައިގެ ހުރި އަސަރާއި ވޭނާއި ތަދާއި ކެކުޅުން އެނގޭނީ ވާހަކަ ނިމެންދެން ކިޔާލީމަ. އިންޝާﷲ)

ޓެސްޓު ނިންނާލުމަށްފަހު ސްކޫލުން ނުކުތީ ވަރަށް ފޮނި އުންމީދާއި އެކުގައެވެ. އެކުވެރި ފަސްކުދިންނާއި އެކު ލިލީމަގުން އަހަރެން ގެއަށް ދިޔައީ އެދުވަހުގެ ޓެސްޓުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑުކަމުން ވަރަށް އުފަލުގައި ހުރެގެންނެވެ. ޓެސްޓް އެހާ ފަސޭހަވުމުން ހުރިހާ ކުދިންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އެދުވަހުގެ ޓެސްޓް އަހަންނަށް ވެސް ވަރަށް ފަސޭހައެވެ. އެހެންވެ އެއްވަނަ ދަރަޖައިން ފާސްވާނެކަން އަހަންނަށް ޔަޤީންވިއެވެ.

ވަރަށް އުފަލުގައި ތިބެ މަޖާ ވަހަކަދައްކާ ސަކަރާތް ޖަހަމުން އަހަރެމެން ދިޔައީ ބަޔަކު ފާރަލައިފާނެކަމަށް ވިސްނައިގެނެއްނޫނެވެ. މަގުގެ ވަކި ހިސާބަކަށް ދެވުންތަނާ ސައިކަލެއްގައި އައި ދެތިންމީހަކު އަހަރެމެންނާއި އަރާ ހަމަކޮށްފައި މަގުގެ އެއްފަރާތެއްގައި އޭނާ މަޑުކޮށްލިއެވެ. އެވަގުތު އެތަނުން އެކަކު އަހަރެންގެ ނަމުން، ގޮވައިލިއެވެ.

”ޝީން އާދެބަލަ“ އަހަރެނެގް ނަމުން  އޭނާ ގޮވައިލުމުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް އަހަންނަށް ލިބުނެވެ. ލިބުނު ޙައިރާންކަން، ކައިރީގައި ތިބި އަހަރެންގެ އެކުވެރިންނަކަށް ނާންގަމެވެ. އެނާ ގޮވައިލުމުން ލިބުނު ހައިރާންކަމާއި އެކު އަހަންނަށް އެމިހާއާއި ކައިރިއަށް ޖެހިލެވުނީ ބޭއިޚުތިޔާރުގަ އެވެ.

އޭނާ އަހަރެންނަށް އެގޮވައިލީ ކީއްކުރަން ތޯ ބަލައިލުމުގެ ބޭނުމުގަ އެވެ. އަހަރެން އޭނާގެ ގާތަށް ދިއުމުން އެއްވެސް ޖެހިލުމެއްނެތި އޭނާ ވާހަކަދައްކަން ފެށިއެވެ.

”އަހަރެންގެ ނަމަކީ ސަމީރު.“ ޖެހިލުން ކުޑަގޮތަކަށް އެޒުވާނަން ބުނެލިއެވެ. އޭނާ އަހަރެން ދެކެ ވަރަށް ލޯބިވާ ވާހަކައާއި އޭނާއާ ރައްޓެހިވާން ކެރިދާނެތޯ ވެސް އެ ވަގުތު އޭނާ އެހިއެވެ. ޖަވާބުގައި ވަރަށް ރުޅިވެރި ކަމާއި އެކު، ވަރަށް ބާރަށް އހަރެން ބުނީމެވެ.

”މަ މިއުޅޭނީ ރައްޓެހިވާނެ މީހަކު ނުލިބިގެނެއް ނޫން. އަމުދަކުން ކަލެޔާ ރައްޓެހިވާކަށް ބޭނުމެއްނޫން.“ ހަރުކަށި ރާގެއްގައި އަހަރެން ބުނީމެވެ.  އަދި އަހަރެންގެ ލޯބިވެރިޔަކު ހުންނަ ވާހަކަވެސް ސަމީރު ގާތު އެވަގުތު ބުނީމެވެ. އަހަރެން މިއުޅެނީ އިންނާނެ މީހަކު ނުވެގެނެއްނޫނޭ ބުނުމުން އަހަރެންގެ އެކުވެރިން އޭނާއާއި ދިމާއަށް ބަލައިލިއެވެ.

ސަމީރުއާއި ދިމާއަށް ބަލައިލުމާއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ވަރަށްބާރަށް ހޭންފެށިއެވެ. އެކުވެރިންގެ ސަކަރާތުގެ އަޑު އިވުމުން ވަރަށް ފޫހި ނަޒަރަކުން ސަމީރު އެމީހުންނާއި ދިމާއަށް ބަލައިލިއެވެ. އެއީ ވަރަށް ވިޔާނުދާ ކުދިންތަކެއް ކަމަށް ބުނެ ސަމީރު ރުޅިއަންނަގޮތް ވިއެވެ.

މަގުމަތީގައި ހީ ސަމާސާކޮށް ސަކަރާތް ޖެހުމަކީ ބޭއަދަބީ ކަމެއް ކަމަށް ވެސް އޭނާ އަހަރެން ގާތުގައި ބުންޏެވެ. ވިޔާނުދާ ކުދިންނާ އެކުގައި އުޅޭ ކުދިންވެސް އަހިވަކާޖެހި އަހިވަށް ފާވާ ބީދައިން ހަލާކުވެގެން ހިނގައިދާނެއޭ ވެސް އޭނާ ބުންޏެވެ. އެމީހުންނާ އެކުގައި ނޫޅޭށޭ ބުނުމުން އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މިއީ އަހަންނަށް ތަގުރީރު ދޭން ކާކު ހެއްޔެވެ؟ އަދިކިރިޔާ މީނާ މި ފެނުނީވެސް މިއަދުއެވެ. ރައްޓެހިވެސް ވީއެއްނޫނެވެ. މީނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެނަކަށް އަހުވަ ދައްކާލާނެތާއެވެ. އަހަރެންގެ ހިތައް އެރިއެވެ.

ސްކޫލަށް ދާންނޫނީ ގެއިންބޭރަށް ނުކުތުމުގެ ފުރުޞަތެއް އަހަންނަކަށް އެއްވެސް ވަރަކަށް ނުލިބެއެވެ. މަޖާކޮށް ސަކަރާތް ޖަހާލަން ލިބޭ ހަމައެކަނި ވަގުތުކޮޅަކީ ސްކޫލުން ގެއަށް އަންނައިރު މަގުމަތީގައި ހޭދަކޮށްލަން ލިބޭ ކުޑަ ވަގުތު ކޮޅު އެކަންޏެވެ. އެފަދަ ކޮންމެވަގުތަކީ އަހަރެން ސަކަރާތް ޖަހާލަން ވަރަށް ބޭނުންވާ ވަގުތު ކޮޅެކެވެ.

ސްކޫލުން ގެއަށް ދާއިރު އެކުވެރި ކުދިންނާއި ހީ ސަމާސާކޮށް ސަކަރާތް ޖަހާލުމަކީ ކޮންމެ ދުވަހަކުވެސް އުފަލެއްގެ ގޮތުގައި އަހަރެމެން ކުރާ ކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން އިތުރުބަޔަކަށް ބަޔަކަށް އުނދަނގޫ ނުވާވަރު ބަލައިގެންނެވެ. ގެއަށް ދިއުމަށް ފަހު ހުންނަން ޖެހޭނީ ހައްޕު ކިޔައިގެން ކަމަށްވާތީ ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމުން ދިޔައިމެވެ.

ސަމީރު މެން ދިއުމުން އަހަރެން ކުޑަކޮށް ވިސްނާލީމެވެ. އެއީ އަހަރެން ދަންނަ މީހެއްނޫނެވެ. އަހަންނަށް އެއީ ކާކުކަން ނޭންގޭ އެހެނަސް އެމީހަކަށް އަހަރެން އެނގޭ ވަރަށްގިނަ މޫނުތައްވެސް މި ފަސްގަނޑުގައި އުޅޭކަން އެދުވަހު އަހަންނަށް ޔަޤީންވިއެވެ. އެހެންވެ އެކަމާ އެހާ ބޮޑަކަށް އަހަރެން ނުވިސް ނަމެވެ. އެހެންނޫނަސް އޭރު އަހަރެން އުޅެނީ ލޯބީގެ ގޮތުން ވަރަށް ހެޔޮލަފާ ޞާލިޙް ދީންވެރި ޒުވާނަކާއި ގުޅިގެންނެވެ. އެހެންވެ ލޯބީގެ ގޮތުން އިތުރު މީހަކާއި ގުޅޭކަށް އަމުދަކުން އަހަރެން ބޭނުމެއް ވެސް ނޫނެވެ.

ޖެހިގެންއައި ދުވަހު ވެސް އެމީހާ އަހަރެމެން ފަހަތުން ގެއާއި ހަމައަށް އައިކަން އަހަންނަށް އެނގެއެވެ. ވާހަކަ ދައްކަން އޭނާ ކިތަންމެ ބޭނުންވިޔަސް އެކަމެއް ނުވާނެ އެވެ. އެއީ ފޯނު ހުންނަ ޒަމާނެއް ވެސް ނޫނެވެ. މަގުމަތިން ދިމާވެގެން ލިބޭ ފުރުޞަތެއްގައި އަހަރެން ވާހަކަ ނުދައްކައިފިނަމަ ދެން އަހަންނާއި ވާހަކަ ދައްކަން އޭނާއަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އަހަރެން ވިސްނައިގެން ހުރީމެވެ. ދުވަސްކޮޅަކު ފަސްފަހަތުން މުގޯލިއެޅުމަށް ފަހު ސަމީރު ގެއްލިއްޖެއެވެ.

ގްރޭޑް ދިހައެއް ނިންމާލުމަށް ފަހު އަހަރެންގެ ކައިވެނި ކުރެވިއްޖެއެވެ. އަހަރެން ކައިވެނިކުރީ އޭރުވެސް ލޯބީގެ ގޮތުން އަހަރެން ގުޅިގެން އުޅުން އަހަރެން އެންމެ ލޯބިވާ އަހަރެންގެ ލޯބިވެރިޔާއާ އެވެ.

އުފާވެރިކަމާއި އެކު ދުވަސްތައް ގުނަމުން ގޮސް އަހަންނަށް ލޯބިލޯބި ފިރެހެން ދައިފުޅަކު ލިބިއްޖެއެވެ. ދަރިފުޅު ލިބުންތާ މާގިނަ ދުވަސްތަކެއްނުވެ އަހަރެންގެ ފިރިމީހާގެ އުޅުމަށް މަޑުމަޑުން ބަދަލުތަކެއް އަންނަށް ފެށިއެވެ.

އަހަރެންގެ ފިރިމީހާ ގެއަށް އަންނަނީ މެންދަމުން އަލިވާފަހުން ނެވެ. އެކަމާ އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކެތްތެރިކަމާއި އެކު އަހަރެންގެ ދަރިފުޅަށްޓަކައި ޝުކުރު ކޮށްލައިގެން އެތެރެއަށް ނޭވާ ހިފަހައްޓާލައިގެން ރޯލަރޯލަ އޭނާގެ އިންތިޒާރީގައި ކެތްތެރި ކަމާއިއެކު ދުވަސްތައް ގުނަމުން ދިޔައިމެވެ. މިގޮތުގައިވެސް މާގިނަދުވަސް ތަކެއް ހޭދަކުރުމުގެ ފުރުޞަތު ފިރިމީހާ އަހަންނަކަށް ނުދިނެވެ.

އެމީހަކަށް ޓަކައި އަހަރެންގެ ހިތާއި ނަފްސް ހަދިޔާކޮށްފައިވާ އަހަރެންގެ ލޯބިވާ ފިރިމީހާގެ ހަޔާތުން އަހަރެން ބޭރުކޮށްލީ އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި އެވެ. އަހަރެން ވަރިކޮށްލާފައި ފޮނުވާލީ އާދޭސް ކޮށްކޮށް ހުއްޓައެވެ. އޭނާއާއި އެކު ދިރި އުޅެން އިންތިހާއަށް ބޭނުންވެފައި ވަނިކޮށެވެ.

އެއީ އަހަރެން އެންމެ ލޯބިވީ މީހާއެވެ. އެހެނަސް އޭނާގެ ކެހިވެރި އަނިޔާގެ ސަބަބުން ދުނިޔެއިން އެކަނިވެ ބާކީވެ ބިކަވެއްޖެއެވެ.

ދާނީވެސް ކޮންތާކަށް ހެއްޔެވެ؟ ގިސްލަ ގޮސްލާފައި ރޮމުން ދެލޮލުން ކަރުނަ އޮހޮރަމުން އެނބުރި އަހަރެންގެ މައިން ބަފައިންގެ ގާތަށް އުޅެބޮޑުވި ގެއަށް ދިޔައީ ޒަޚަމްވެފައިވާ ހިތަކައިގެން ފުންހިތާމަޔާއި އެކުގަމެވެ. އަހަރެންގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ވެގެން ދިޔައީ އެވެ. ދެން ދުވަހަކުވެސް ފިރެހެނަކާއި ވައިވެސް ނޭޅޭނަމޭ އެވަގުތު އަހަރެންގެ ހިތައް އެރިއެވެ.

ވަރި ކުރިޔަސް އެމީހަކަށް ޓަކައި އަހަރެންގެ ހިތާއި ނަފްސު ވަނީ ހަދިޔާކޮށްފައެވެ. އެ ހަނދާންތަކާއި ދުރަކަށް ނުދެވޭނެއެވެ. ދެންހަދާނީ ކިހިނެއްހެއްޔެވެ؟ ކަރުނައިގެ ކޯރެއްގައި އެތައް ދުވަހަކު ފެތީމެވެ.  ވޭނީ ހިތާމަތަކާއި އެކު ކޮޓަރިތެރޭގައި އެތަށް ދުވަހެއް ހޭދަކުރީ ނުހަނު ހިތްދައިކަމާއި މޮޅިވެރިކަމާއި އެކަނިވެރިކަމާއި އެކުގައެވެ.

އާއަހަރެއްގެ ފުރަތަމަ ދުވަހެވެ. އަހަރެންގެ ގޭގައި ޕާޓީއެއް އޮތް ރެއެކެވެ. އަހަރެންގެ ގެ ހުންނަނީ ގަސްގަހާ ގެހިން ފުރާލެވިފައިވާ ބޯ ޖަންގައްޔެއް ފަދަ ގޯއްޗެވެ. އަހަރެން ދިރިއުޅެނީ ގަސްތަކުތެރޭގައި ގޯތީގެ ބިއްދޮށުގައި އަޅާފައި ހުންނަ ވަރަށް ބޮޑު ގެއެއްގައެވެ.

ނުނިމޭ

ވާހަކަ ކަމުދިޔަ ނަމަ fenvaru.mvގެ އެފްބީ ޕޭޖް އަށް ލައިކް ކޮއްލަދެއްވާ

1 ކޮމެންޓް

  1. 2 ވަނަ ބައި ފެންނަަނިި ކޮން އިރަ ކުން ؟

Leave a Reply

Your email address will not be published. Required fields are marked *