ހިތްގައިމު ރީތި ރަށެއްގައި، އުފަންވެ ބޮޑުވި ދެ ރަހުމަތްތެރިންނެވެ. އެއީ ޝާހިދާއި ޒާހިރެވެ. ކުޑައިރުއްސުރެން އެކުއެކީގައި ކުޅެ، ކިޔަވާ، ހުރިހާ ހިތާމަތަކާއި އުފާވެރިކަމެއް ބައިވެރިކުރި ދެ ރަހުމަތްތެރިންނެވެ. ނަމަވެސް، ދުނިޔެއަށް ލޯހުޅުވި، ދިރިއުޅުމުގައި ކުރިއަރައި ވިޔަފާރިތައް ކުރަން ފެށުނުހިނދު، އެ ދެމީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ޝާހިދަކީ މަސައްކަތްތެރި، ހުނަރުވެރި އަދި ކޮންމެ ކަމެއްވެސް ފަރުވާތެރިކަމާއެކު ކުރާ މީހެކެވެ. އޭނާ ހުރިހާ ހިނދެއްގައިވެސް މަސައްކަތް ކުރަމުން ގެންދިޔައީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އަނެއްކޮޅުން ޒާހިރަކީ މަސައްކަތަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ، އަބަދުވެސް ކުރު މަގުތަކުން ކާމިޔާބީ ހޯދަން ބޭނުންވި މީހެކެވެ.
އަހަރުތަކެއް ފަހުން، ޝާހިދު އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހެދިއެވެ. ރަށުގެ އެންމެ ރީތި ހިސާބުގައި، އޭނާގެ އަމިއްލަ ގެސްޓްހައުސް ހުޅުވިއެވެ. ”ފެހިކުލަ“ ގެ ނަމުން ނަންދެވިފައިވާ އެ ގެސްޓްހައުސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މަޝްހޫރުވެ، ވިޔަފާރި ވަރަށް ރަނގަޅުވިއެވެ. ޝާހިދުގެ މަސައްކަތްތެރިކަމާއި އޯގާތެރިކަމުން، ގިނަ ފަތުރުވެރިން އޭނާގެ ގެސްޓްހައުސްއަށް އައުމަށް އިސްކަންދިނެވެ.
އެންމ ފުރަތަމަ، ޒާހިރު ޝާހިދުގެ ކާމިޔާބީއަށް ހިތުގެ ފުންމިނުން އުފާކުރިއެވެ.
”ޝާހިދު! ދެން ކަލޭ މިހާރު ވެއްޖެނު ރަށުގެ އެންމެ ކާމިޔާބު ވިޔަފާރިވެރިޔާއަށް! ވަރަށް އުފާވެއްޖެ!“ އެއްދުވަހަކު ޒާހިރު ބުންޏެވެ.
ނަމަވެސް، ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް، ޒާހިރުގެ ހިތުގައި ހަސަދައިގެ ނުބައި އޮށަކުން ގަސްފަޅައި މޫލައި އެގަސް ހެދިބޮޑުވާން ފެށިއެވެ. ޝާހިދުގެ ގެސްޓްހައުސްއަށް މީހުން ގިނަވެ، އޭނާގެ ވިޔަފާރި ފުޅާވަމުންދިޔަ ވަރަކަށް، ޒާހިރުގެ ހިތް އެކަމަށް ނުރުހެން ފެށިއެވެ. އޭނާ އަމިއްލަ ނަފްސާ އަޅާކިޔައި، އޭނާގެ ކާމިޔާބީތައް ޝާހިދުގެ ކާމިޔާބީތަކާ އެއްވެސް ވަރަކަށް ނުވާކަން ފާހަގަ ކުރިއެވެ.
”ކީއްވެބާ ޝާހިދަށް ހުރިހާ ކަމެއް މިހާ ފަސޭހައިން ލިބެނީ؟“ ޒާހިރު އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. ”އަހަރެން މިހާރުވެސް މިހުރީ ހަމަ ކުރީގެ ހާލަތުގައި. އޭނާއަށް ހަމަ ކޮންމެ ކަމެއް ވެސް ރަނގަޅަށް ދާނެ. އަހަރެން ހަމަ ކޮންމެ ކަމެއްވެސް ބަދުނަސީބު.“
ހަސަދަވެރިކަމުގެ އަލިފާންގަނޑު ޒާހިރުގެ ހިތުގައި ރޯވެ، އޭނާގެ ވިސްނުން އަނދިރިކޮށްލިއެވެ. އޭނާ ޝާހިދާ ބައްދަލުކުރުމަށްވެސް ދެކޮޅު ހަދަން ފެށިއެވެ. ޝާހިދު އޭނާއާ ވާހަކަ ދައްކަން މަސައްކަތްކުރިޔަސް، ޒާހިރު ދުރުގައި ހުރުމަށް އިސްކަންދިނެވެ. ޒާހިރުގެ ހިތުގައި ޝާހިދަށްޓަކައި ނުބައި އެދުންތަކެއް އުފެދެން ފެށިއެވެ. އޭނާގެ ކޮންމެ ދުވަހަކީވެސް ޝާހިދުގެ ވިޔަފާރި ހަލާކުވެ، އޭނާ ދަގަނޑުވެ، ހިތާމަވެރި ހާލަތަކަށް ވެއްޓޭނެ ދުވަހަކަށް އެދި އެދި އުޅޭ ދުވަހެކެވެ.
އެއްދުވަހެއްގެ ރެއެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައިރު، ޒާހިރު އޭނާގެ ކޮޓަރީގައި އެކަނި އިނެވެ. އޭނާގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާންގަނޑު ނުހަނު ބޮޑަށް ރޯވެފައި ހުއްޓެވެ. ޝާހިދުގެ ކާމިޔާބީ އޭނާގެ ހަޔާތަށް ވަދެގަނެ، އޭނާގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުދޭ ކަހަލައެވެ.
”ޝާހިދު! ކީއްވެ ހުރިހާ ކަމެއް ކަލެއަށް މިލިބެނީ! އަހަރެން ބޭނުން ކަލޭގެ ހުރިހާ އެއްޗެއް ހަލާކުވެގެން ދިއުމަށް. އަހަރެން ބޭނުން ކަލޭގެ ވިޔަފާރި ހުއްޓި، ކަލޭ ބަނގުރޫޓުވުމަށް!“ ޒާހިރު އަމިއްލަ ނަފްސަށް ހަޅޭއްލަވައިގަތެވެ.
އޭނާގެ އަޑު ކޮޓަރީގެ ފާރުތަކުގައި ޖެހި، އަނބުރާ އޭނާއަށް އިވެމުންދިޔައެވެ. އެވަގުތު، ކޮޓަރީގެ ތެރެއަށް ފިނި ވަޔެއް ވަދެގެން އައިސް، ދޮރު ހުޅުވިފައިވާ ކަމުގައި ހީވިއެވެ. ނަމަވެސް، ދޮރު ހުރީ ބަންދުކޮށްފައެވެ. ޒާހިރުގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ.
މި ހާދިސާއަށް ފަހު، ޒާހިރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ދިމާވާން ފެށިއެވެ. ފުރަތަމަ، އެއީ ހަމައެކަނި ކުދިކުދި ކަންތައްތަކެވެ. އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރިން ނުފެންނަ ހިޔަންޏެއް ދުވެލާކަމުގެ އިހުސާސްވިއެވެ. އޭނާ ނިދާފައި އޮންނައިރު، ކަންފަތް ކައިރިން ނުސާފު އަޑުތަކެއް އިވޭ ކަހަލައެވެ. ”ހަސަދަ… ހަސަދަ…“ އެ އަޑުތައް އޭނާގެ ކަންފަތުގައި ގުގުމާކަހަލައެވެ.
އެއްދުވަހަކު އޭނާ ލޯގަނޑުން އަމިއްލަ ސޫރަ ބެލިއިރު، އޭނާގެ މޫނުމަތިން ފެންނަނީ ނުހަނު ބޮޑު ހަސަދަވެރިކަމުގެ އަސަރެވެ. އޭނާގެ މޫނުމަތީގައި ނުބައިކަމުގެ ސިފަތަކެއް ހުރިކަމަށް އޭނާއަށް ހީވިއެވެ. މޫނު ފެނިގެން ދިޔައީ ބިރުވެރި ގޮތަކަށެވެ
”މިއީ އަހަރެންހެއްޔެވެ؟“ އޭނާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.
ޒާހިރުގެ އަމިއްލަ ދިރިއުޅުން ހަލާކުވާން ފެށިއެވެ. އޭނާ ކުރަން އުޅޭ ކޮންމެ މަސައްކަތެއްވެސް ނާކާމިޔާބުވެއެވެ. އޭނާގެ ކުދިކުދި ވިޔަފާރިތައްވެސް ދަނީ ހީނަރުވަމުންނެވެ. އެއީ ޝާހިދުގެ ވިޔަފާރި ހަލާކުވާނެކަމަށް އޭނާ އެދި އެދި ހުރި ކަންތައްތަކެވެ. އެއްދުވަހަކު އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ހަނދާންތައް ހިފެހެއްޓިފައިވާ ފޮޓޯއެއް އޭނާގެ އަތުން ވެއްޓި، ވަކިވަކިވެގެން ދިޔައެވެ. އޭނާގެ ހިތަށް އިހުސާސުވީ އޭނާގެ ދިރިއުޅުންވެސް އެފޮޓޯއެކޭ އެއްގޮތަށް ހަލާކުވަމުންދާ ކަމެވެ.
ރޭގަނޑު ނިދާފައި އޮންނައިރު، އޭނާއަށް ފެންނަން ފެށީ ބިރުވެރި ހުވަފެންތަކެކެވެ. އޭނާއަށް ފެންނަނީ އޭނާގެ ކުރިމަތީގައި އޭނާގެ އަމިއްލަ ކާމިޔާބު މުސްތަގުބަލެއް އޮތްތަނެވެ. އެ މުސްތަގުބަލަކީ ވަރަށް ފަޅު، ވަރަށް އަނދިރި ތަނެކެވެ. އެތަނުގެ ތެރެއިން ހަސަދަވެރިކަމުގެ ކަޅު ހިޔަންޏެއް ނުކުމެ، އޭނާގެ އަމިއްލަ އުފާވެރިކަމާއި ކާމިޔާބީތައް ފެންތައްޓަށް ލޮނުއަޅާ ގިރާލާފަދައިން ގިރާލާ ތަނެވެ. ހިޔަންޏާ އެކީގައި އޭނާގެ ކާމިޔާބީތައް ނިގުޅައިގަނެ އޭނާ ހަމައެކަނި އަނދިރި ފަޅުތަނެއްގައި ބާކީކޮށްލާ ތަނެވެ. ހަސަދަވެރިކަމުގެ ހިޔަނި އެއީ އޭނާގެ އަމިއްލަ ސޫރަކަން އޭނާއަށް އެނގުނެވެ.
”ނޫން! މިއީ އަހަރެންގެ ކާމިޔާބު! މިއީ އަހަރެންގެ ހަޔާތް!“ ޒާހިރު ހަޅޭއްލަވައިގަތެވެ.
ނިދިން ހޭލެވުނުއިރު، އޭނާގެ މުޅި ހަށިގަނޑު ދާތަކުން ތެމި، ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ދިރިއުޅުން މިހާރު މިހުރީ ހާލަތަކަށް ވެއްޓިފައެވެ. އޭނާގެ ރައްޓެހި ޝާހިދުގެ ކާމިޔާބީއަށް ހަސަދަވެރިވުމުގެ ނަތީޖާއަކީ އޭނާގެ އަމިއްލަ ދިރިއުޅުން ހަލާކުވެ، ހަމަޖެހުމެއް ނެތް ނުބައި ބިރުވެރިކަމެއްގެ ތެރޭގައި ޖެހުންކަން ޒާހިރަށް ވިސްނުނެވެ.
އެއަށްފަހު، ޒާހިރު ޝާހިދު ކައިރިއަށް ގޮސް، އޭނާއަށް ކުރެވުނު ހުރިހާ ނުބައިކަމަކަށް މަޢާފަށް އެދުނެވެ. ޝާހިދު އޭނާއަށް މަޢާފުކޮށް، ހެޔޮ ބަސްތަކުން ހިތްވަރު ދިނެވެ.
ޒާހިރުގެ ހިތުގައި އުފެދިފައިވާ ނުބައި ހަސަދައިގެ އަސަރުތައް ފިލަން ފެށިއެވެ. ނަމަވެސް، އޭނާއަށް ދިމާވި އާދަޔާ ޚިލާފު ކަންތައްތަކުގެ ހަނދާންތައް އޭނާގެ ސިކުނޑިން ފިލައިގެން ދިއުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ކޮންމެ ރެއަކުވެސް، އޭނާ ނިދަން އޮންނައިރު، ކަންފަތް ކައިރިން ކުރިން އިވުނު އަޑުތައް އެއްގޮތަށް ނީވުނަސް، ފިނި ވަޔެއް ގައިގައި ބީހިލާ ކަހަލަ އިހުސާސެއް ކުރެވެއެވެ. ބިއްދައިގެ ތެރެއިން އޭނާއަށް ފެންނަނީ ހަސަދަވެރިކަމުގެ ހިޔަނި އޭނާގެ އަމިއްލަ ނަފްސު ހަލާކުކޮށްލި މަންޒަރެވެ.
ޒާހިރު އެދުވަހުން ފެށިގެން ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައެވެ. އޭނާ މުރާލިކަމާއެކު މަސައްކަތްކުރަން ފެށިއެވެ. ނަމަވެސް، އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ހަސަދައިގެ ނުބައިކަން އޭނާއަށް ވިސްނައިދިން އެ ހާދިސާތަކުގެ ބިރުވެރި ހަނދާންތައް އަބަދުވެސް ހުރެއެވެ. ޝާހިދުގެ ވިޔަފާރި ކުރިއަރަމުން ދިޔަ ނަމަވެސް، ޒާހިރުގެ ދިރިއުޅުން ކުރިން އެދެވިފައި އޮތްފަދަ ކާމިޔާބު މަގެއްގައި ދުއްވުމަށް ވަގުތު ނެގިއެވެ. އޭނާއަށް އިހުސާސުވީ ހަސަދައަކީ އަމިއްލަ ނަފްސު އަންދާލާ އަލިފާންގަނޑެއް ކަމެވެ. އެ އަލިފާންގަނޑުން އެންމެ ބޮޑަށް އަނދައިގެންދަނީ އެ އަލިފާންގަނޑު ރޯކުރާ މީހާގެ ހިތްކަމެވެ.
ޒާހިރު ދަސްކުރި ފިލާވަޅަކީ ހަސަދައަކީ ދުނިޔެއާއި އާޚިރަތް ހަލާކުކޮށްލާ ނުބައި ބައްޔެއް ކަމެވެ. އެހެންކަމުން، ހަސަދަވެރިކަމުން ދުރުހެލިވެ، ހިތްތައް ސާފުކޮށް، އެހެން މީހުންނަށް ދިމާވާ ކާމިޔާބީއަށް ހެޔޮއެދުމާއެކު އުފާކުރުމަކީ ހިތްތަކަށް ހަމަޖެހުން ލިބިދޭނެ ކަމެކެވެ. އެ ބިރުވެރި ހާދިސާތަކަށް ފަހު، ޒާހިރުގެ ދިރިއުޅުން ދިޔައީ އިސްލާޙުވަމުންނެވެ. ނަމަވެސް، އޭނާގެ ހިތުން އެ ބިރުވެރި ހަނދާންތައް މުޅިން ފިލައިގެން ނުދިޔައީ ހަސަދަވެރިކަމުގެ އަސަރު އޭނާގެ ހަޔާތުން ނެތިކޮށްލަން އެހާ ފަސޭހަ ނޫންކަން އަންގައިދިނުމަށެވެ.










