މަރިޔަމް ޔަސްމާގެ – ކަލާވީ ބޭވަފާ…05 ( ފަސްވަނަ ބައި)
”އަތުން ތިއޮތް ލޭ އަންނަނީ. ފަސްޓްއެއިޑް ބޮކްސް ގެނެސްދެންތަ؟“ ޖެހިލުންވެ ހުރެ ކައްޝަފް އެހިއެވެ. ”ޑޯންޓް!“ ޖަވާބު އައީ ހަރުކަށި އަޑަކުންނެވެ. އޭނާ ކުރިއަށްވުރެ ބޮޑަށް ސިހުނެވެ. އަޒާން މޫނު އަނބުރައިލިއިރު ލޮލުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ. ޖެހިލުންވެ ބިރުގަނެފައި އޭނާ ހުއްޓާ އަޒާން ފުރަގަސްދީފައި ގޮސް މައްޗަށް އެރިއެވެ. ކައްޝަފް އަނެއްކާވެސް ތިރިވެފައި ބިއްލޫރިތައް ހޮވަން އިންދާ ޞޮބީހާ ގޮވާއަޑު އިވުނީ ކޮޓަރިތެރެއިންނެވެ.
”ކޮން އަޑުފަތްގަނޑެއް އެއިވުނީ؟“ ކައްޝަފް ގޮސް ދޮރުމައްޗަށް އެރުމާއެކު މާމަ އެހިއެވެ. ”ވާސްއެއް ތެޅުނީ.“ ކައްޝަފް ހުރީ ކަންބޮޑުވެފައެވެ. އަޒާން ވާސް ތަޅައިލީ ކީއްވެތޯ އަހައިފިއްޔާ ދޭނެ ޖަވާބެއް ކުޑަކޮށްވެސް ވިސްނުމަކަށް ނާދެއެވެ. ސަބަބު ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ”އެހެންތަ. ހޫމ ދޭ އެހެންވިއްޔާ އަވަހަށް ސާފުކޮށްލަން. މީހަކަށް އެރި ފައި ކަނޑައިގެން ހިނގައިދާނެ.“ ޞޮބީހާ ދިން ޖަވާބުން ކައްޝަފްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނާ ލައްބައޭ ބުނެ ބޯޖަހާލައިފައި އަވަހަށް ދުރަށް ދިޔައެވެ.
ކޮޓަރިއަށް ވަދެ ވައަތުން ޓައީ ދޫކުރަމުން އަޒާން ގޮސް އިށީންދެލީ ނިދާއެނދު ކޮޅުގައެވެ. ލޭ އައިސް އައިސް އޮތް އަތްތިލައަށް ބަލައިލުމަށްފަހު އަނެއް އަތުން ބޮލުގައި ހިފަހައްޓައިލެވުނެވެ. އައިސްފައި ހުރި ރުޅިއާއެކުވެސް ލޮލުން ކަރުނަ ތިއްކެއް ނީރާލައިގެން ކޯތާފަތްމަތިން ފިރުކިގަތީ އަމިއްލަ ނަފްސްގެ ބަލިކަށިކަން އިހްސާސްވެފައެވެ. ބޭނުންވިއަސް ބައެއް ކަންކަން ބަދަލުކޮށްލުމުގެ ބާރު ލިބިފައި ނެތުމުންނެވެ.
އޭނާއަށް ވާނޭނަމަ ކައްޝަފްގެ އެހިނިތުންވުން ފޭރިގެންފައި ބައްޕައަށް ރައްދު ކުރީހެވެ. އެބައްޕަ ވޭނުގައި އުޅެނިކޮށް، އުފާކޮށްފައި ހުނުމުގެ ހައްޤެއް ކައްޝަފްއަކަށް ނޯންނާނެއެވެ. މިއަދު އޭނާގެ މައިންބަފައިން އެތިބި މަޤާމުގައި އެތިބީވެސް ކައްޝަފްމެންގެ ސަބަބުންނެވެ. ”ހައު ޑެއަރ ޝީ ލާފް؟… ހައު ޑެއަރ ޝީ….“ ހިތާއިހިތުން ކުރެވުނު ސުވާލާއިއެކު ކައްޝަފްގެ ހިނިތުންވެފައިވާ މޫނު ހަނދާނާއި ގުޅިގެން ދިއުމާއެކު ރުޅި އިތުރުވިއެވެ. އަޒާން ކުއްލިއަކަށް ތެދުވެފައި ފާރަށް ގޮށްމުށުގެ އެތިފަހަރެއް އަމާޒުކޮށްލީ އަނެއްކާވެސް ޒަޚަމްވެފައި އޮތް އަތުންނެވެ.
ހަވީރު ފިނީގައި ސައިބޯލަން އެންމެ ހިތްގައިމު ތަނަކަށް ވީ ގޯތިތެރެއެވެ. އަނބުގަހަށްވުރެ ތަންކޮޅެއް ދުރުގައި ކުޑަޖަހާފައި ބަހައްޓާފައިވާ ވަށް މޭޒުމައްޗަށް ކާތަށިތައް ނެރެން ކައްޝަފް އުޅެއެވެ. ޞޮބީހާއިން ގޮނޑި ދުއްވަމުން ހަނީފު އައިއިރު ފަހަތުން ޖަމާލުއާ އަޒާން އައެވެ.
”އަޒާންގެ އަތަށް ކިހިނެތްވެފަ ތިއޮތީ؟“ އައިސް ކައިރިވުމާއެކު ޖަމާލުގެ ނަޒަރު ބެންޑޭޖްކޮށްފައި އޮތް ދަރިފުޅުގެ އަތަށް ހުއްޓުނެވެ. ސައިއަޅަން ހުރެފައި ކައްޝަފްއަށް ނޭވާ ހިފަހައްޓައިލެވުނީ އަޒާން ބުނާނެ އެއްޗެއް ނޭނގިފައެވެ. ”ކުޑަކޮށް ކަނޑައިގެން ދިޔައީ.“ އަޒާން އިށީންދެލީ ބައްޕައާ މާމަގެ މެދަށް ހުރި ގޮނޑީގައެވެ. ޖަމާލު ކުޑައިރުކޮޅެއް ކުރިން ގުޅާފައި އޮތުމުން ޔާޒަންވެސް އިސާހިތަކު ވަދެގެން އަންނާނީ ފެނިއްޖެއެވެ. ”ޔާޒަން އެކަމަކު އަޅެ އިރެއްކޮށްފަ ތިއައީ.
ހެނދުނު ނިކުމެގެން ދިޔަ މީހާ ވިއްޔަ.“ ޔާޒަން އައިސް ކައިރިވުމާއެކު ޞޮބީހާ ވާހަކަދެއްކިއެވެ. ”މާމަމެން އަޅުގަނޑު މިސްވެގެން އުޅުއްވާތޯ ބަލައިލީ.“ ޔާޒަންގެ ޖަވާބު ގުޅިފައި ހުރީ ސަމާސައާއެވެ. އޭނާ އިށީންނަންވެގެން ފޯނު ނަގައި މޭޒުމަތީ ބާއްވައިލިއިރު ނިއްކުރިމައްޗަށް ވެއްޓުނު އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވައިލިއެވެ. ކައްޝަފްއަށް އެވަގުތު ހުރެވުނީ ޔާޒަންގެ މޫނަށް ބަލާށެވެ.
ސައިބޯން ފަށަން އުޅެފައި ޔާޒަން ބަލައިލުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވާގޮތް ވިއެވެ. ”އަޅުގަނޑު އިހަށް ގޮސްލަނީ. ކަމެއް ބޭނުންވެލައްވައިފިއްޔާ އަންގާލަދެއްވާ! އަޅުގަނޑު ހުންނާނީ އަޑުފޯރާ ހިސާބުގައި.“ ޔާޒަން ވަގުހިފުމުން ކައްޝަފް ބޭނުންވީ އެތަނުން ފިލާށެވެ. ހާސްވެފައި ހުރިވަރުން ބޮޑެތިމީހުން ދޭނެ ޖަވާބަކަށް ބެލުމެއްނެތި ދާންވެގެން ހިނގައިގަތެވެ.
”ކައްޝަފް ސައެއް ނުބޮންތަ؟“ އެއިވުނީ ޔާޒަންގެ އަޑެވެ. ގެއާ ދިމާއަށް ހިނގަ ހިނގާހުރި ކައްޝަފްގެ ދެފައި ބިމުގައި ތަތްލީ އިޚުތިޔާރަކާ ނުލައެވެ. ”އެހެން ބުނަން ބައްޕަވެސް މިއުޅެނީ. އާދޭ ސައިބޯން!“ ޖަމާލު ވާހަކަދެއްކީ ޔާޒަންއާ އެއްބައިވެލައިފައެވެ. ކައްޝަފްއަށް އެވަގުތު ނޭނގުނީ ދައްކާނެ ބަހަނާއެކެވެ. ކިޔަމަންތެރިކަމާއެކު ލައްބައޭ ބުނެފައި އައިސް ޔާޒަންއާ ޖެހިގެން ހުރި ހުސް ގޮނޑީގައި އިށީންދެ އެމީހުންނާއި ބައިވެރިވިއެވެ.
”ކައްޝަފް ކައިރީ ބޭބެ އަބަދުވެސް ބުނަމެއްނު ތީ މިގޭ ނޯކަރެއް ނޫނޭ. ތީ މިއާއިލާގެ މެމްބަރެކޭ. ކައްޝަފް ނުޖެހޭނެ ބޭބެމެންނަށް ފުރުސަތުދީފައި އެއްކައިރިވެގެން ހުންނާކަށް. ގޭގެ މަސައްކަތް ކޮށް އުޅުމުގެ ހުއްދަ ދިނީވެސް ކައްޝަފް އެކަމަށް އެދި ކުރި އާދޭހަކުން. ތިހެން އުޅުނީމަ ކައްޝަފް މަންމައަށް ބޭބެ ދޭނީ ކޮން ޖަވާބެއް؟“ ޖަމާލު އަބަދުވެސް ބުނާ ވާހަކައެއް އަދިވެސް އެއްފަހަރު ހަނދާންކޮށްދިނެވެ. ރަކިވެފައި ކައްޝަފް އިނީ އިސްއޮބާލައިގެންނެވެ. އެވާހަކަ އިވިގެން ޔާޒަން އޭނާގެ މޫނަށް ބަލައިލިކަން އިހްސާސްވެފައި ނިކަން ފިނިވިއެވެ. އޭރު އަނެއްކޮޅުން އަޒާން އިނީ އެތަނުން ތެދުވެގެން ދާން ބޭނުންވެފައެވެ. އޭނާ ކެތްތެރިވެލީ އެހެންމީހުންނަށްޓަކައެވެ.
”ޔާޒަން ކޯއްޗެއްތަ ކައްޝަފްއަށް ދިނީ؟“ ކުޑައިރުކޮޅެއް ފަހުން ޞޮބީހާ އެހިއެވެ. އެއަޑު އަހާފައި ޔާޒަން ކޮށިއަރައިފިއެވެ. އޭނާ ކެއްސަން ފެށުމުން އެންމެންގެ ސަމާލުކަން އެމޫނަށް ހުއްޓުނެވެ. ކައްޝަފް އަވަހަށް ތެދުވެފައި ފެންތަށްޓެއް ނަގައި ޔާޒަން އަތަށް ދިނެވެ. އެންމެން ސައިބުއިން މެދުކަނޑާލައިގެން ތިބީ ޔާޒަންއަށް ބަލަހައްޓައިގެންނެވެ.
ފެންތަށި ދަމާލުމަށްފަހު ޔާޒަން ވާހަކަދައްކަން އުޅެފައި އަނެއްކާވެސް މުށްކަވައިލި އަތްތިލަ އަނގަމަތީ އަޅައިގެން ކެއްސަން ފެށިއެވެ. ”ދަރިފުޅު ކިހިނެތްތަ ތިހެދީ؟“ ޔާޒަންއަށް ހެޔޮ ބަދަލެއް ނައުމުން ޖަމާލުއަށް ބުނެލެވުނެވެ. ”ކައްޝަފް އޭނަ ބުރަކަށީގަ ޖަހާލަބަލަ!“ ޞޮބީހާ އެހެން ބުނެލީ ޔާޒަންގެ އެންމެ ގާތުގައި އިންމީހަކީ ކައްޝަފް ކަމަށް ވީތީއެވެ.
އެވަގުތު ކައްޝަފް ދިޔައީ ސިއްސައިގެންނެވެ. ”ކީއްވެ ތިއިންނަނީ. ޖަހާލަބަލަ! އޭރުން ރަނގަޅުވެދާނެ.“ އަނގައިން ނުބުނެ ކައްޝަފް އިންނަން ފެށުމުން ޞޮބީހާ އިތުރަށް ބުނެލިއެވެ. ކިޔަމަންތެރިކަން ނޫން އިތުރު ސިފައެއް ދައްކާކަށް ކައްޝަފްއަކަށް ނުކެރުނެވެ. ބޯޖަހައިލާފައި ތެދުވެ ޔާޒަންގެ ބުރަކަށީގައި ދެފަހަރަކު ޖަހާލިތަނާ ހަމައަކަށް އެޅިއްޖެއެވެ.
”މެޖިކް ޓަޗް.“ ކެއްސުންވަރު މައިތިރިވުމުން ޔާޒަން ބުނެލިއެވެ. ޔާޒަންއާއި ބައިވެރިވެގެން ދެންތިބި މީހުން ހޭން ފެށިއިރު ކައްޝަފް އިނީ އިސްޖެހި ގޮތަށް ރަކިވެފައެވެ. އެހާ ފައުޅުގައި އެންމެންތެރޭ ޔާޒަން އެގޮތަށް ވާހަކަދެއްކުމުން އޭނާ ކަންބޮޑުވިއެވެ. ނަސީބަކުން ކައްޝަފްއަށް ދިން ހަދިޔާގެ ވާހަކަ ދައްކާކަށް ދެން އެކަކުވެސް ހަނދާނެއް ނުވިއެވެ.
*****
”ދަރިފުޅު ކީއްވެ ނަމާދަށް ނުގޮސް މިތާ ތިއިނީ؟“ އިޝާ ނަމާދުކޮށްގެން ޖަމާލު އައިސް ގެއަށް ވަންއިރު ޔާޒަން އިނީ ސިޓިންރޫމް ސޯފާގައި ފޯނަށް ބަލަހައްޓައިގެންނެވެ. އޭނާ ސުވާލުކޮށްލުމުން އެދަރިފުޅު އިސްއުފުލާލައިފައި ނިތުގައި އަތް ހާކާލިއެވެ. ”ހަވީރު ކޮޓަރިއަށް ވަދެ ޖައްސާލިތަނާ ނިދިފަ ދެންމެ މިހޭލެވުނީ.“ ޔާޒަން ޖަވާބުދިނެވެ. ”އެހެންވިއަސް ނަމާދުނުކޮށް ހުންނާކަށް ނުވާނެ. ދޭ ވުޟޫ ކޮށްލައިގެން މިސްކިތަށް.“ ޖަމާލު އައިސް ކައިރިވެފައި ޔާޒަންގެ ކޮނޑުގައި ހިފާ އެތަނުން ނެގިއެވެ.
ކައްޝަފް ނިކުމެ ކާން ހެދުނު ވާހަކަ ބުނިއިރު ޖަމާލު އިނީ އަށެއްގެ ޚަބަރު ބަލަން ސިޓިންރޫމްގައެވެ. ކުޅިވަރު ޚަބަރު ފެށުމުން އޭނާ ތެދުވެގެން ވަންނަން ދަމުން ކައްޝަފް ކައިރީގައި ޞޮބީހާގެ ވާހަކަ އެހިއެވެ. ”އަންނާނަން މާމަ ގޮވައިގެން.“ ކައްޝަފްގެ މިސްރާބު މާމަ ކޮޓަރިއާ ދިމާއަށް އަނބުރާލަމުން ޖަވާބުދިނެވެ. އޭނާއަށް އާދެވުނުއިރު އަޒާންވެސް އައިސް ބައްޕައާ ބައިވެރިވެއްޖެއެވެ.
”ޔާޒަން ވީ މިސްކިތަށް ގޮސް. އިރުކޮޅަކުން އަންނާނެ.“ އަޒާން އިށީންދެފައި ކޮއްކޮއާ ބެހޭގޮތުން އެހުމުން ޖަމާލު އޮޅުންފިލުވައިދިނެވެ. ”ކައްޝަފް މަޑުކުރޭ އިނގޭ ޔާޒަން އައީމަ އޭނައާ އެކު ކާން.“ ފިރިހެންދަރިފުޅުގެ ވާހަކަ އަހާފައި ޞޮބީހާ އެދުނެވެ. ފެން އަޅަން ހުރެފައި ކައްޝަފްއަށް ލޯ ބޮޑުކޮށްލެވުނެވެ. އެކަމަކު އޭނާ ދެކޮޅެއް ނުހަދައެވެ. އެމީހުންނަށް ކާން ފުރުސަތު ދީފައި ނިކުމެ ގޭގެ ދޮރުކައިރީ މަޑުކޮށްލިއެވެ.
ގަސްތަކުތެރެއަށް އަލިކުރަން ވަކި ހާއްސަ ބޮކިތަކެއް ހަރުކޮށްފައި ނެތުމުން ގޯތިތެރެ ފެންނަން އޮތީ އަނދިރިކޮށެވެ. ބޭރަށް އަލިވާނެހެން ދިއްލާފައިވާ ބޮކީގެ އަލި ފޯރަނީ އަސްކަނީގެ އިތުރުން ކުޑަ ތަންކޮޅަކަށެވެ. ޖެހިލާ ކޮންމެ ވައިރޯޅިއަކާއެކު ގަސްތައް ހޫރިގަންނަ ގޮތުން ދައްކައިދެނީ ނާމާން ކުލައެކެވެ. ދޮރާށި ކައިރިއަށް ނިކުމެ ޔާޒަން ފެންނަން ހުރިތޯ ބަލާލަން އުޅެފައިވެސް ކައްޝަފް އެހިޔާލު ދޫކޮށްލީ މިސަބަބާ ހުރެއެވެ. ރޭގަނޑު ގަޑީގައި ގޯތިތެރެއަށް ނިކުމެ އުޅެން އޭނާ އަބަދުވެސް ޖެހިލުންވެއެވެ. އޮއްސޭ އިރާއެކު ގެއަށް ވަންނަ ގޮތަށް ފަތިސް ވުމުގެ ކުރިއަކުން އޭނާ މައިދޮރަކުން ނުނިކުންނާއެވެ.
”ކައްޝަފް! ޔާޒަން އަދިވެސް ނާދޭތަ؟“ ޖަމާލު ނިކުމެފައި ވާހަކަދެއްކި އަޑަށް ކައްޝަފް އެނބުރި ބަލައިލިއެވެ. ޖަމާލު ހުރީ ޞޮބީހާ އިން ގޮނޑީގެ މުއްގަނޑުގައި ހިފައިގެންނެވެ. ދެމައިން ދުފަންވެގެން ސޯފާތަކާއި ދިމާއަށް އަންނަން ފެށިއިރު އެމީހުން ފަހަތުގައި ހުރެފައި އަޒާން މިސްރާބު ޖެހީ މައްޗަށް ދާށެވެ.
ޖަމާލުބެމެން ތިއްބާ އެތަން ހުންނަން ނުކެރިގެން ކައްޝަފް އަނބުރާލައިފައި ގޮސް ވަނީ ބަދިގެއަށެވެ. ތަށްޓަކަށް ފެން އަޅާ ކައިރިކޮށްލައިގެން ފަހަރަކު ކޯވަރެއް ބޯލަ ބޯލާ އޭނާ އިނީ ޔާޒަންގެ އިންތިޒާރުގައެވެ. ދޭތެރެއަކުން އަތުކުރީ ގަޑިއަށް ނަޒަރެއް ދެވެއެވެ. ބޭރުން ފިޔަވަޅުގެ އަޑު އިވޭއިރަށް އަތްފައި ފިނިވެ ނޭވާ ކުރުވާ ގޮތް ވެއެވެ. އެކަމަކު އެއިން އެއްފަހަރުވެސް ޔާޒަންއެއް ނައެވެ. ފޫހިވެގެން މައްޗަށް ދާން އުޅެފައި ފޯނު ނަގައި ސޭވްކޮށްފައިވާ ޔާޒަންގެ ނަންބަރަށް ބަލަން އިނދެވުނީ ދެފިކުރެއްގައެވެ.
”ހާދަ އުފާވެއްޖެއޭ އަހަރެންނަށް އިންތިޒާރު ކުރީމަ.“ ކައްޝަފް ފޯނު އަނބުރާ މޭޒުމަތީ ބޭއްވިތަނާ ޔާޒަންގެ އަޑު އިވުނީ ކަންފަތްދޮށުންނެވެ. އެވަގުތު މެއަށް ހީވީ ފެންއެއްޗެއް އޮއްސައިލެވުނުހެންނެވެ. ޔާޒަންގެ އެހިތްގައިމު އަޑު އިވުނުލެއް ކައިރިކަމުން ހީބިހި ނަގައިގަތެވެ. ދެލޯ ބޮޑުވެ ގުޑިނުލެވިފައި އިންދާ ޔާޒަން އައިސް އިށީންދެލީ ކައްޝަފްގެ ކުރިމަތީގައެވެ.
”ކޯއްޗެއްތަ ކާން ހުރީ؟ ވަރަށް ބަނޑުހައިވެފަ މިހުރީ.“ ބަނޑުގައި އަތް ކާއްތައިލުމަށްފަހު ތަށިތަކުގެ މަތި ނަގަމުން ޔާޒަން ވާހަކަދެއްކިއެވެ. އޭނާގެ ނަޒަރު ހުރީ މޭޒުމަތީ ހުރި ކާތަކެއްޗަށެވެ. ކައްޝަފްއަށް އެއީ ލެއްވި ނަސީބެއް ކަމުގައި ނޫނީ ނުވިއެވެ. އެހެންނޫންމަ އޭނާގެމޫނު ފެނިގެން ހިތުގައިވާ ހުރިހާ ވާހަކައެއް ދެނެގަނެވުނީހެވެ.
ޖަވާބުދިނުމުގެ ބަދަލުގައި ކައްޝަފް ތެދުވެ ޔާޒަން ކާން ތަށި ކައިރިކޮށްދިނެވެ. ފެންތަށްޓަކާއިއެކު ޖޫސްތަށްޓެއް އަޅައި ކައިރިއަށް ޖައްސައިލިއެވެ. ”ކައްޝަފް ނުކަނީތަ؟“ ކައްޝަފް ތެދުވިތަން ފެނިގެން ޔާޒަން ކުއްލިއަކަށް އެހިއެވެ. ”އުހު. އަތްދޮންނަން ވެގެން މިދަނީ.“ ޔާޒަން ބަލަން އިނުމުން ކައްޝަފް އަވަހަށް އިސްއޮބާލައިގެން ފުރަގަސްދީފައި ދިޔައެވެ.
”ކައްޝަފް ފޫއްސެއް ނުވޭތަ ތިހެން އަބަދު ގޭގައި އިންނާކަށް؟“ އެނބުރި އައިސް ކާންފެށިތަނާ ޔާޒަން އެހިއެވެ. އަނގައަށްލީ ފުރަތަމަ ސުވައާއެކު ކައްޝަފް އިސްއުފުލައިލީ ޖަވާބު ދިނުމަށެވެ. އޭނާ ބޯޖަހައިލިތަން ފެނިގެން ޔާޒަން ހައިރާންވިހެން ހީވިއެވެ.
”އަޖައިބެއް ތީ. އަހަރެން މީ ދާދި އިހަކަށް ދުވަހު އައި މީހެއް. އެކަމަކު އަހަރެން މިއުޅެނީ ފޫހިވެގެން ކުރާނެ ކަމެއް ނޭނގިގެން މިހާރު.“ ކައްޝަފްގެ ވާހަކައާ ގުޅުވައިގެން ޔާޒަން ވާހަކަދެއްކިއެވެ. ކެއުން މެދުކަނޑާލައިގެން އޭނާ އިނީ ކައްޝަފް ދެން ބުނާ އެއްޗެއް އަހަން ތައްޔާރަށެވެ. ”އެކަމަކު ހިއެއް ނުވޭ.“ ކައްޝަފް ބުނެލީ ހިތުގައި އޮތް ގޮތަށެވެ. ”ކީއްވެ ތިހެން ތިބުނީ؟“ ޔާޒަންއަށް އޭގެ މާނައެއް ނޭނގުނެވެ. ކައްޝަފް ބަލައިލުމުން އޭނާ ބުމަ އަރުވައިލިއެވެ.
”ފޫހިވާން ވަގުތު ވާހެން ހީނުވަނީ. އަބަދު ބޭރުގައެއްނު ތިއުޅެނީ.“ ކައްޝަފް އެންމެފަހުން ތިލަކޮށްލަ ދިނެވެ. އެއަޑު އަހާފައި ޔާޒަން ޖަހައިލީ ހިނިގަނޑެކެވެ. ކައްޝަފްއަށް އިނދެވުނީ ކަޅިޖަހާނުލާ ބަލާށެވެ. ހީގަތުމުން ކޮލަށް އެޅުނު އަޑިކޮޅާއެކު ރީތިކަން އޭގެ ދެގުނައަށް އިތުރުވެފައިވާތީ ފެނުމުން އޭނާ ދީވާނާ ވިއެވެ.
”ޓުބީ އޮނެސްޓް، އަހަރެން މަންމައަށް ކަމެއް ސާބިތުކޮށްދޭން ވެގެން ކުރާ ކަމެއް އެއީ. އަންނަން އުޅެން ފެށީމަ މަންމަ ބުނީ ދެދުވަހެއް ވާއިރަށް ފޫހިވެގެން އެނބުރިދާން ބޭނުންވެފައޭ އަހަރެން ހުންނާނީ. ދޮގެއް ނޫން މަންމަ އެބުނީ. އަސްލު ވާގޮތަކީ އެހާ ދުވަސްފަހުން އައީމަ އެކުވެރިންނެއް ނޫޅޭ.
ދެން ހުރީ ޒާން. ކައްޝަފްއަށް އެނގެއެއްނު އޭނަގެ ގޮތް. މަސައްކަތް ނިންމާފަ އޭނައަށް އަމިއްލަ ކަމެއް ކުރާނެ ވަގުތެއްވެސް ނުވޭ.“ ޔާޒަން ފުރަތަމަ ފަހަރަށް އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުން ކިޔައިދޭން ފެށުމުން ކައްޝަފް އިނީ ޝައުޤުވެރިވެފައެވެ. އެކަމަކު އޭނާއަށް ނުވިސްނުނު އެއްކަމެއް އޮތެވެ.
”ދެން އެހުރިހާއިރު އެކަނިތަ ބޭރުގަ އުޅެފަ އަންނަނީ؟“ ކައްޝަފް ހައިރާންކަމާއެކު އެހިއެވެ. ”ކޮފީއަށް އޯޑަރ ދީގެން ފޯނާއި ކުޅެލަ ކުޅެލާ އިންނަނީ. މަންމަ ގުޅާ ކޮންމެފަހަރަކު ބޭރުގެ އަޑުތައް އިވުނީމަ އެނގޭނެއެއްނު އަހަރެން އެންޖޯއިކުރުމުގައި ބިޒީކޮށް އުޅޭވަރު.“ ޔާޒަން އަނެއްކާވެސް ހީގަތެވެ. ބައިވެރިވުމުގެ ގޮތުން ކައްޝަފްވެސް ކުޑަކޮށް ހިނިތުންވެލިއެވެ. ހުސްވެފައި ހުރި ތަށިތައް ހިފައިގެން އޭނާ ދެން ހިނގައިގަތީ ސިންކާއި ދިމާއަށެވެ.
ޔާޒަން ނިކުމެގެން ދިޔަ އަޑު އިވުމުން ފުން ނޭވައެއް ދޫކޮށްލައިފައި މަސައްކަތް ނިންމައިލިއެވެ. ލޯބިވެރިޔާގެ ފޫހިކަން ފިލުވައި ހިތްހަމަޖެހުން ހޯދައި ދިނުމަށްޓަކައި ކުރާނެ ކަމަކާއި ބެހޭގޮތުން އޭނާ ހިޔާލުކުރަން ފެށިއެވެ. ކާއެއްޗެހި ހޫނުކޮށް ނިމުމުން ބަދިގެ ނިއްވާލައިފައި ނިކުތްއިރު އެކަކުވެސް ފެންނާކަށް ނެތެވެ.
ގަޑިން ބާރަ ޖަހަން ފައިކުރުކުރާތަން ފެނުމުން ކައްޝަފް ނިންމީ ދޮރުތައް ތަޅުލުމަށެވެ. އެގަޑީގައި ބޭރަށް ދާނެ މީހަކު ދެން ނޫޅޭނެއެވެ. ސިޓިންރޫމްގައި ދިއްލާފައި ހުރި ބޮކީގެ އަލި ފަނޑުކޮށްލައިފައި ގޮސް މައިދޮރު ލައްޕަން އުޅެނިކޮށް ދުރުން ކޮންމެވެސް މީހަކު ގޮވާލައިފިއެވެ. އެއަޑު އެންމެ ވައްތަރުވީ ޔާޒަންގެ އަޑާއެވެ. ނުތަނަވަސްވެފައި ހުރެގެން ބޭރަށް ދެފިވަޅެއް އަޅާފައި ކައްޝަފް ހުއްޓުނެވެ.
އަނބު ގަސްދޮށުގައި ހުރި ޖޯލިފަތީގައި ކޮންމެވެސް މީހަކު އޮތްހެން ހީވި ނަމަވެސް އަނދިރިކަމުން ޔަޤީނެއް ނުވިއެވެ. ބަލަހައްޓައިގެން ހުއްޓާ ދިއްލާފައިވާ ބޮކި ނިވި ދިއްލުނެވެ. އެވަގުތު ކައްޝަފްގެ މެއަށް ފިނިވެގެން ދިޔައީ ގަތްބިރަކުންނެވެ. އާންމުކޮށް ބިރުވެރި ފިލްމްތަކުގައިވެސް ނާމާން ކަމެއް ވާން އުޅޭއިރު އެގޮތަށް ބޮކިއެއްޗެހި ނިވި ދިއްލޭކަން ހަނދާންވިއެވެ.
އިތުރަށް މަޑުކުރަން ނުހަދައި އޭނާ ވަންނަން ވެގެން އަވަހަށް އެނބުރިފައި ދެވުނީ ދޮރާއި ހަމައަށެވެ. އެދޮރުން އެތެރެއަށް ފިޔަވަޅެއް ނޭޅި އުޅެނިކޮށް އެޖޯލީގައި އޮތް މީހަކު ތެދުވެގެން އައިސް އަތުގައި ހިފައިފިއެވެ. ކައްޝަފް ހަޅޭތްލަވައިގަތުމާއެކު އެމީހަކު އަވަހަށް އޭނާގެ އަނގަމަތީ އަތް އަޅައި ބާރުކޮށްލިއެވެ.
ނުނިމޭ
ވާހަކަ ކަމުދިޔަ ނަމަ fenvaru.mv ގެ އެފްބީ ޕޭޖް އަށް ލައިކް ކޮއްލަދެއްވުން އެދެން. ޝުކުރިއްޔާ











1 ކޮމެންޓް
މިވާހަކ ނިމެންދެނ ކިޔާލަންލިބޭނެތަ