ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު ހަމަޖައްސައި ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން އެމަނިކުފާނު އެދިވަޑައިގަންނަވައިފިއެވެ.
ރައީސް ނަޝީދު ޕީޖީއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވަން ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަހްމަދު ނާޒިމް ކަމަށެވެ.
އެމަނިކުފާނު ޕީޖީއަށް ފޮނުވި ސިޓީފުޅުގެ ކޮޕީއެއް މީޑިޔާތަކަށް ފޮނުވާފައިވެއެވެ.
ޓެރަރިޒަމްގެ މިހަމަލާއާއި ގުޅިގެން ނަޝީދުގެ ބަސްފުޅެއް އަދިވެސް ލިބިފައިނުވާކަމަށް ޕީޖީން ވަނީ ހާމަކޮށްފައެވެ. އަދި ޓެރަރިޒަމްގެ ދައުވާ ކުރެވޭ 9 މީހުންގެ ތެރެއިން މުޖާޒް އަހުމަދާއި ތަހުމީން އަހުމަދުގެ އިތުރުން އަދުހަމް އަހުމަދު ރަޝީދާއި ހައިޝަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
މިމައްސަލައިގައި ހައްޔަރު ކުރެވިފައިވަނީ އަދުހަމް އަހުމަދު ރަޝީދު (25އ.)، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު (21އ.)، އާއި ގއ. ކޮނޑޭ/ ފޮޅޭމާ ތަހުމީން އަހްމަދު (32އ.) އަދި ދަރަވަންދޫއިން ހައްޔަރު ކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު (23އ.)ގެ އިތުރުން ނ. މަނަދޫ/ ނޫރީގެ އަލީ ހައިޝަމްއެވެ.













