ސިޔާސީ ޕާޓީތައް ހަދަން ނުކުންނަންވާނީ އެކަމަށް ކުފޫހަމަވާ، ޤާބިލު މުރާލި މީހުން ކަމަށާއި އަދި އެކަމަށް ކެރި ކުޅަދާނަ ކަންހުރި މީހުންކަމަށް ޕީއެންސީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި، ޔައްޔިތުންގެ މަޖިލީހުގެ ފޮނަދޫދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. ޢަބްލުއްރަޙީމް މިހެން ވިދާޅުވީ ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
ޕީޕީއެމްއިން ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޕާޓީ ހަދާއިރު ނުކުންނަންވާނީ އެބައެއްގެ ކެރި ކުޅަދާނަކަން ހުރި މިންވަރަށް ވިސްނައިގެން ކަމުގައެވެ. އަދި ރައްޔިތުންގެ އިތުބާރު ނެތް ބޭފުޅުން ޕާޓީ ހަދަން ނުކުތީމަ އަދަދު ހަމަނުވުމަކީ ޕީޕީއެމްއާއި ބެހޭ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ކަންނެތް މީހުންނަކީ ވަރަށް އަވަހަށް ފިލާ ރައްކާވާ ބައެއްކަމުގަ އެވެ. އަދި ހުކުމެއް ކުރި ނަމަވެސް އެބަޔަކު ވަރަށް އަވަހަށް ފިލާ ރައްކާވާނެކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމަކަށް ކުފޫ ހަމަނުވާމީހާއަކީ ތިމާއަށް ލިބިފައިވާ ބާރަށް ވުރެ އިތުރު ބާރު ނާޖާއިޒް ގޮތުގައި ބޭނުންކުރާ މީހުން ކަމުގައެވެ. މިދެ ކަންތައްކަށް ބަލާއިރު ރައީސް ޔާމީން ފިޔަވައި ރާއްޖޭގެ ވެރިކަމަށް ގެންނަން ކުފޫ ހަމަވާ އިތުރު ބޭފުޅަކު މިވަގުތު ރާއްޖޭގައި ނެތްކަމަށާއި، ހަމައެހެންމެ ހީވާގި ކަމާއި މުރާލިކަމަށް ބާލާއިރުވެސް ރައީސް ޔާމީން ފިޔަވައި ވެރިކަމަށް ގެންނަންޖެހޭ އިތުރު ބޭފުޅަކުނެތް ކަމަށް ތަކުރާރުކޮށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ސިޔާސީ ޕާޓީތައް ހެދުމުގެ ތަޖުރިބާއާއި އެކަމުގެ ގާބިލްކަންވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ހުރިކަމުގަ އެވެ. އަދި ރައީސް ޔާމީން ހުންނަވައިގެން އުފެއްދި ޕީއޭވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވެއްޖެ ކަމަށާއި 24 ގަޑިއިރުގެ ތެރޭގައި ގާނޫނީ އަދަދު ހަމަކޮށް ޕީޕީއެމް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީއެންސީ އުފައްދަން ހުއްދަ ދެއްވިތާ ބަރާވަރު 24 ގަޑިއިރުގެ ތެރޭގައި ފަސްހާސް ފޯމް ހަމަކޮށްފައިވާ ކަމުގައެވެ. މިއީ ހީވާގި މުރާލި ބޭފުޅުން ކަންކަމަށް ނުކުންނެވީމާ ވާގޮތް ކަމަށާއި ކަންނެތް އިތުބާރު ގެއްލިފައިވާ މީހުން ކަންކަމަށް ނުކުތުމުން ރައްޔިތުން އެބަޔަކު ބަލައިނުގަތުމަކީ ރައީސް ޔާމީންގެ މައްސަލައެއް ނޫންކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތައް ހައްދަވަން މިހާރު އުޅުއްވާ ބޭފުޅުން ރައީސް ޔާމީންދެކެ ހިތްހަމަ ނުޖެހިގެން އުޅޭ ސަބަބު ވެސް އަދުރޭ ހާމަކޮށްދެއްވިއެވެ.
ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް، އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ ތަމްސީލް ކުރައްވާ ޢަބްދުﷲ ރިޔާޒްއަށް ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ނުލިބުނީ ކީއްވެގެންކަން ހާމަކޮށްދެއްވަމުން އަދުރޭ ވިދާޅުވީ ހޯމް މިނސްޓްރީއަކީ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓިއަށް ލިބުނު ސްލޮޓެއް ކަމަށާއި އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒު ބޭނުންފުޅުވީ ހޯމް މިނިސްޓަރުގެ މަގާމް ކަމުގައެވެ.
އަދުރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރާ މަޝްވަރާކުރެއްވުމުން ގާސިމް އިބްރާހީމް އަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރަކަށް ގެނައުމަށްޓަކައި ސީޕީ ކަމުން އިސްތިއުފާ ދެއްވަން އެންގެވުމުން އިސްތިއުފާ ދެއްވާފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅަކު އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށާއި ހޯމް މިނިސްޓަރުކަމަށް ނަން ފޮނުވަން ޖެހޭނީ ކައުންސިލުން ކަމަށް ވިދާޅުވެ ކައުންސިލް ބާއްވައިގެން ކައުންސިލުން ނިންމީ އުމަރު ނަސީރު އެމަގާމަށް ހަމަޖެއްސުމަށް ކަމުގަ އެވެ.
އިތުރު ތަފްޞީލް ދެއްވަމުން އަދުރޭ ވިދާޅުވީ އޭރު ޢަބްދުﷲ ރިޔާޒު މަގާމުން އިސްތިއުފާ ދިނުމުން ސީޕީގެ މަގާމަށް ރައީސް ޔާމީން ހުސެއިން ވަހީދު އައްޔަންކުރައްވާފައިވާ ކަމަށާއި، ޢަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރުކަން ނުލިބުނީ ރައީސް ޔާމީންގެ މައްސަލައަކުން ނޫން ކަމުގައެވެ.
ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ކާނަލް ނާޒިމް ހީފުޅު ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ތިމަންނައަށް އަބަދު ރައީސް އޮފީހުގެ ތެރޭގައި އިނދެވިދާނެ ކަމިގައެވެ. އެގޮތުން އަބަދު ރައީސް އޮފީހުގައި ވަގުތު ހޭދަކުރައްވަން ފެއްޓެވި ނަމަވެސް ރައީސް ޔާމީން އެކަމަށް ފުރުސަތު ނުދެއްވިކަމަށްވެސް އަދުރޭ ވިދާޅުވި އވެ.
”ރައީސް ވިދާޅުވީ ވަޒީރުންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރަންވާނީ އެވަޒީރެއްގެ މިނިސްޓްރީގައި އިންނަވައިގެން ކަމަށް. އެހިސާބުން ރައީސް ޔާމީނާ ގުޅޭގޮތުން ޝުއޫރު ފާލުކުރަންފެށީ.“ އަދުރޭ ވިދާޅުވިއެވެ.
ކާނަލް ނާޒިމް އާއި ބެހޭގޮތުން އަދުރޭ ވިދާޅުވީ ފިސްތޯލައިގެ މައްސަލަ ކުރިމަތިވީ އޭގެ ފަހުން ކަމަށާއި އެކަން ކުރިމަތިވުމުން ސިފައިންގޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އާއި ކުރިމަތިލާން ގޮސްދިނުމަށް ނާޒިމް އެދުނު ކަމުގައެ. އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެހިސާބުން ސިފައިންގޭގެ އިސް ބައެއް ވެރިން ރައީސް ޔާމީނަށް އެވާހަކަތައް ހިއްސާކުރެއްވި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމަކީ ކުޅޭކުޅޭ ޕާޓީއެއް ކަމަށް ހީފުޅު ނުކުރެއްވުމަށާއި ދިވެހިން ގޮވައިގެން ތަރައްޤީގެ އުސްމިންތަކަށް ވާސިލްވެވޭނެ ހަމައެކަނި ރައީސްއަކީ ރައީސް ޔާމީން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.













