ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މަޝްވަރާތައް ރާއްޖެއާއި އިންޑިޔާ ސަރުކާރާ ދެމެދުގައި ފުރަތަމަ ފެށުނީ 2009 ވަނަ އަހަރުކަމަށާއި، މި މަޝްރޫޢު ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރު އޮތް ސަރުކާރުންކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުއްވައިދިނުމަށް މިއަދު ހެނދުނު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ޕްލޭނިންގ މަސައްކަތް ނިންމުމަށްފަހު ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހުގައިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތައް އަލިއަޅުއްވާލައްވައި ރާއްޖޭގައި އޭރު ވެރިކަމުގައި ތިއްބެވި ރައީސުންނަށް ޝުކުރު ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ދީލަތި ބޮޑު އެހީއެއް ވެދެއްވިކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި، އިންޑިޔާގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވައި، މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ވަޑައިގެން ދެއްވިކަމީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ބަދަހިގުޅުން އިތުރަށް ހާމަވެގެންދާކަމެއް ކަމުގައި ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިންޑިޔާއިން ރާއްޖެއަށް ވެދެމުންގެންދާ އެހީތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށް އަބަދުވެސް ވެދެމުން ގެންދާ އެހީތަކެއްކަމަށާއި، މިކަމުގެ ސާފުހެކިތައް މިއަދުވެސް ހުރީ ފެންނަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާއި، އަދި 34 ރަށުގެ ފެނާއި ނަރުދަމާއާއި، ތިލަމާލެ ބްރިޖާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއި، އައްޑޫ މަގުތައްހެދުމާއި ބިން ހިއްކުމާއި، ކޯސްޓް ގާޑު ބިލްޑިންގ ފަދަ މަޝްރޫޢުތަކަކީ އިންޑިޔާގެ ހިލޭ އެހީއާއި ލޯން އެހީގެ ދަށުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އެއިރަކު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ބެލުމެއް ނެތި، ރާއްޖޭގެ ތަރައްޤީއާއި، ދިވެހިންގެ ކުރިއެރުމަށްޓަކައި ވަމުންދާ އެހީތަކެއްކަމުގައި ފާހަގަކުރައްވާފައެވެ.













