އަދާލަތު ޕާޓީ އުފެއްދި މަގްސަދު ހާސިލް ނުވާކަމަށް ބުނެ މަޝްރޫހު ދީނި އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިޝް އެ ޕާޓީން ވަކިވެއްޖެއެވެ.
ޒަމްޒަމް ފާރިޝް ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓި އުފެދުނުތާ މިހާރު މިވީ 18 އަހަރު ކަމަށާއި އޭނާ ވެސް ޕާޓީން ވަކިވެ ބަރީއަވާ ގަޑި ޖެހިއްޖެ ކަމަށެވެ.
”މަތިވެރިވެގެންވާ އިސްލާމް ދީން ހިމާޔަތް ކުރުމުގެ މަގްސަދުގައި ދީނީ ޕާޓީއެއްގެ ނަމުގައި ގިނަގުނަ ދީނީ އިލްމުވެރިންތަކަކާ ދީނީ ދައުވަތުގައި އުޅުނު ހީވާގި މުވާޠިނުންތަކަކާ އެކު އުފެދިގެން އައި އަދާލަތު ޕާޓީގެ މި ފަސް އަހަރުގެ ވެރިކަމުގައި ކަންކޮށްފައިވާ ގޮތުން އަޅުގަނޑަށް ތަޖުރިބާ ކުރެވި ކަށަވަރު ވެގެން ދިޔައީ އަދާލަތުގެ މިހާރުގެ ލީޑަރޝިޕް އޮތްހާ ހިނދަކު، އެޕާޓީ އުފެއްދި މަގްސަދު ހާސިލު ކުރުމުގެ ގާބިލުކަމާއި ވިސްނުން ވެސް ނެތް ކަން.“. ޒަމްޒަމް ވިދާޅުވެފައި ވެއެވެ.
ޒަމްޒަމް ވިދާޅުވާ ގޮތުގައި މިސަރުކާރުގެ ފާއިތުވީ 5 އަހަރު ކްނަތައް ކޮށްފައިވާ ގޮތުން ކަށަވަރު ވެގެން ދިޔައީ އަދާލަތުގެ މިހާރުގެ ލީޑަރޝިޕް އޮތްހާ ހިނދަކު، އެޕާޓީ އުފެއްދި މަގްސަދު ހާސިލު ކުރުމުގެ ގާބިލުކަމާއި ވިސްނުން ވެސް ނެތެވެ. އަދި ޕާޓީގެ މިހާރުގެ ލީޑާޝިޕް ބަދަލު ނުވާހާ ހިނދަކު ޕާޓީގެ ސަބަބުން ބާރުވެރިވާ ހަމައެކަނި ބަޔަކީ ސެކިއުލާ މީހުންނާއި ލާދީނީ މީހުންކަމާއި، އަދި ހައްޔަރުވެ ދޫ ބަންދުވެ ނިކަމެތިވާ ބަޔަކީ ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުން ކަން ސާފުކޮށް ފެންނަމުންދާ ކަމަށެވެ.
އެހެންކަމުން މިއަދަށް ފަހު އަދާލަތު ޕާޓީން ވަކިވާން ނިންމައި، އެޕާޓީގެ އެންމެހާ ކަމަކުން ބަރީއަވެގެންވާ ކަމަށް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. އެ ނިންމުމާ ގުޅޭ ބައެއް އިތުރު ސަަބަބުތައް އެހެން ފުރުސަތެއްގައި ހިއްސާކުރަން ގަސްދު ކުރާ ކަމަށް ޒަމްޒަމް ވިދާޅުވެފައި ވެއެވެ.
އަދާލަތު ޕާޓީގެ ލީޑާރޝިޕް ކަންތައް ކުރަމުންދާ ގޮތުން ޒަމްޒަމް ވަރަށް ހިތްހަމަނުޖެހޭކަން ވަނީ ހާމަކޮށްފައެވެ. އަދި އެޕާޓީ އުފެދިގެން އައި މަޤްސަދުު ހާސިލް ނުވަންޏާ އެޕާޓީގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް އޭނާ ވަނީ ވިދޅުވެފައެވެ.
ޒަމްޒަމް ވިދާޅުވެފައި ވަނީ މިހާރު މިއޮތް އަދާލަތު ޕާޓީގެ ސަބަބުން ދިވެހި އުންމަތަށް ހެވެއް އަތުވެދާނެ ކަމުގެ ހިޔާލީ އުންމީދުގައި ކެތްކޮށްލައިގެން ތިއްބެވި އެހެން އިލްމުވެރިންނާއި އަހުންނާއި އުހްތުން ވެސް ޕާޓީއިން ވަކިވުމަށް ވަސިއްޔަތް ކުރާކަމަށެވެ.













