ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވަރަށް ނުފޫޒު ފޯރުވައި ފައިސާ ހުރި ފަރާތްތަކުން ފައިސާ ވެސް ބަހާނެ ކަމަށާއި ރިޝްވަތުގައި ދޭ ފައިސާގައި ހިފައިފި ނަމަ އެއީ ރަށަސާއި ޤައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއްކަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓޫ އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މ. އަތޮޅަށް ފެއްޓެވި ރިޔާސީ ކެމްޕެއިންގައި މުއްޔަށް ވަޑައިގެން އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ ފައިސާއަކީ ބޭނުން ވާނެ އެއްޗެއް ކަމަށާއި ނަމަވެސް ފައިސާ އެކި ފަރާތްތަކުން ކެމްޕެއިން ތެރޭގައި އެ ދޭ ދިނުމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ލޮލުގެ ކުރިމައްޗަށް، ވިސްނުމުގެ ކުރިމައްޗަށް އެޅޭ ކަޅު، އަނދިރި ހިޔަންޏަކަށް ވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެ ފައިސާގައި ހިފުމަކީ ދިވެހިންގެ ދަރީންގެ މުސްތަގްބަލް އަމިއްލަ އަށް ބަނަކޮށްލަން ދެވޭ ފުރުސަތެއް ކަމަށާއި ޕީޕީއެމް/ޕީއެންސީއަކީ ދިވެހި ގައުމު ދެކެ ލޯބިވާ ބައެއް ކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސާފުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މިގޮތުން ފަރުދީ ޒިންމާ ހިމެނޭހެން ދިވެއްސަކަށްވީތީ ދިވެހި ގައުމިއްޔަތުގެ ޒިންމާ އަދާކުރާ ބަޔަކަށް ވާން އެބަޖެހޭ ކަމަށާއި އިސްލާމަކަށް ވީތީ އޮތް ޒިންމާ އަދާކުރަންޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.













