ދައުލަތު ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވަމުން ރައީސް ޞާލިޙް އިތުރު ދައުރެއް ލިބިވަޑައިގަންނަވާތޯ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމްޑީޕީގައި އިސްކޮށް ކުރިން ހަރަކާތްތެރިވި، އަދި މިހާރު ދަ ޑިމޮކްރެޓްސްގައި ހުންނެވި އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް ފަހުމީ މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިމްތިޔާޒް ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ވެފައިވާ މައިގަނޑު ބޮޑެތި ވައުދުތައް ފުއްދުމަށް އިތުރު ދައުރަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިއީ ހެއްވާ ޒާތުގެ ކަމެއްކަމަށެވެ.
އަދި ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ސިޔާސީގޮތުން އެއްވެސް ކަމެއް ހާސިލް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން އެއީ ކެމްޕެއިން ހަރާކާތެއް ކަމަށާއި އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް އިމިތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް އިތުރަށް ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި 4 އަހަރުގެ ދައުރެއްވެސް ދިގުކަމުގައި ވިދާޅުވި ބޭފުޅަކު އިތުރު ދައުރެއް ބޭނުންވެ ވަޑައިގެން އުޅުއްވުމަކީ ހުތުރު ކަމެއްކަމަށާއި 2018 ގައި އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ކެނޑިނޭޅި އެންމެ ގަދަޔަށް މަސައްކަތް ކުރެއްވި ފަރާތްތައް މި ސަރުކާރުން ވަޒީފާއިން ވަކިކުރަމުން އެ ގެންދަވާކަމަށް ވިދާޅުވިއެވެ.













