Search Streamline Icon: https://streamlinehq.com

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީއަށް ނާޒިމްގެ ގިނަ ވައުދުތަކެއް!

MNP Nazim

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވަނީ އެސަރަހައްދަށް ސްޓްރަކްޗަރަލް ޕާކިންގ ސިސްޓަމެއް ޤާއިމްކުރުމާއި، ކޮންވެންޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލޭގައި ތީމް ޕާކެއް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފެން ބިލުން ފުރަތަމަ 3000 ލީޓަރު ހިލޭ ކޮށްދިނުމަށާއި ކަރަންޓު ބިލުން ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދިނުމަށް ވެސް ނާޒިމް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ހަމަމިއާއެކު ހިޔާ ފްލެޓުތަކުގެ ކުއްޔާއި ބެހޭ ގޮތުން ވިދާޅުވީ އެތަންތަނުގެ ކުލި އެންމެކުޑަކުރެވޭނެ ގަޮތަކީ ކޮބައިތޯ ބެލުމަށް ދިރާސާއެއް ހައްދަވާފައިވާ ކަމަށެވެ. އެ ދިރާސާގެ އަލީގައި އެންމެ ބޮޑަށް ވެސް ކުލި ކުޑަ ކުރެވެން އޮތީ 4،000 ރުފިޔާއަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ފްލެޓުތަކުގެ ކުލި އެއްކޮށް މައާފު ކޮށްދެވެން ނެތްކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތައް، ކުލީގެ ގޮތުގައި މިވަގުތު ދައްކަމުން އަންނަނީ 8،000 ރުފިޔާއެވެ.

ނާޒިމް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ލިފްޓުތައް ލަސްވުމުގެ ޝަކުވާ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ކުރާ ކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި އަވަސް ލިފްޓުތަކެއް ހަރުކޮށްދެއްވާނެކަމަށެވެ. އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ވެސް އާންމު ދިރިއުޅުމަށް ޢިމާރާތްކުރާ ފްލެޓުތަކަކީ ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމްތަކާއެކު ބިނާކުރާ ފްލެޓުތަކެއް ކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި ކޮންމެ ހިޔާ ފްލެޓެއްގައި ވެސް ބަލި މީހުން އުފުލުމަށް ސްޓްރެޗަރ ލިފްޓު ހަރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި