ފެށިގެންމިދާ ޑރ.މުޙައްމަދު މުޢިއްޒުގެ އައު ސަރުކާރު ވެގެންދާނީ ދިވެހިން އެދޭފަދަ ފުރިހަމަ ސަރުކާރަކަށް ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޡީފް )ސެމްބެ( ވިދާޅުވެއްޖެ އެވެ.
އިންތިޚާބީ ނައިބު ރައީސް ހުސައިމް މުހައްމަދު ލަތީފް ޚަބަރެއް ޙިއްޞާކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފެށިގެން މިދާ ޑރ. މުއިއްޒުގެ އައު ސަރުކާރުގެ އަމާޒަކީ ރައްޔިތުނަށް ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުން ކަމުގަ އެވެ.
”ٱللَّٰهގެ އިރާދަފުޅާއި ބަރަކާތާއި އެކު، ޑރ. މުޢިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހީން އެދޭފަދަ ނަފާވެރި، އަރުތަވެރި އަދި އިންސާފުވެރި ވެރިކަމަކަށް. ނަމޫނާ ސަރުކާރަކަށް.“ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޡީފްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުވާކުރެެއްވުމަށް ތައްޔާރުވަމުން އަންނަ އިންތިޚާބީ ރައީސް ޑރ.މުޙާއްމަދު މުޢިއްޒު އާއި، އެމަނިކުފާނުގެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް މަޤާމުގެ ހުވާ ކުރެއްވުމަށް މިޖުމްހޫރީ މައިދާން ގެންދަނީ ތައްޔާރު ކުރަމުންނެވެ. ނަމަވެސް މޫސުމް ތަންނުދޭނަމަ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.
ވެރިކަމަށް އިންތިޚާބުވެ ވަޑައިގަތުމުގެ ކުރިންވެސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ދިވެހިން އެދޭފަދަ ފޮނި ނަތީޖާ ނެރެދެއްވާނެ ކަމުގައެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައިތިއްބަވާނީ ކަމަށް ކަމޭހިތާ ޤާބިލު ތަޢުލީމީ ބޭފުޅުން ކަމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް އެކުލަވާލާފައިވާ އައު ވަޒީރުންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވަނީ ހުނަރުވެރި ތަޢޫލީމީ ޤާބިލް ބޭފުޅުންނެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ މި ޤައުމަށް އަމާންކަމާއި ހަމަޖެހުން ގެނެސްދެއްވާނެކަމުގައެވެ. އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަ ކޮށްދޭނެ ސަރުކާރެއް އެކުލަވައިލައްވާނެ ކަމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފަ އެވެ.













