Search Streamline Icon: https://streamlinehq.com

މިލިޓަރީ މަރުކަޒު ސިފަވަނީ ކަސްޓަމަށް އޮޅުވާލަން ރޫޅާލައިގެން އެތެރެކުރާ ސައިކަލެއްގެ ބައިބައިގެ ގޮތުގަ: ޢުމަރު ނަޞީރު

Umaru Naseeru

ޕޮލިސް ޓެރޭނިން ސްކޫލެއްގެ ނަމުގައި އިންޑިޔާއިން އައްޑޫސިޓީގައި ގާއިމް ކުރަމުން ގެންދާ މިލިޓަރީ މަރުކަޒު ސިފަކުރެއްވެނީ ކަސްޓަމްސް އަށް އޮޅުވާލުމަށް ޓަކައި ރޫޅާލައިގެން ބައިބަޔަށް އެތެރެކުރާ ސައިކަލެއް ފަދައިން ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ލީޑަރ އަދި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. ޢުމަރު މިހެން ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެށް ޤާއިމްކުރަން އިންޑިއާގެ ކެބިނެޓުން ނިންމައި، އެކަން އިޢުލާންކުރުމާއި ގުޅިގެން އައްޑޫގެ އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އައްޑޫ ސިޓީގެ މޭޔަރު އެކަމަށް ތާއީދު ކުރައްވަމުން ގެންދެވުމާ ގުޅިގެން ޑީއެންއޭގެ އާއްމުކުރި ވީޑިއޯ ބަޔާނެއްގައެވެ.

”ސައިކަލެއް ރޫޅާލައިގެން ފަހަރަކު ބަޔެއް އެތެރެކުރާ ގޮތަށް، ދިވެހިންނަށް އޮޅުވާލުމަށްޓަކައި، އެކި ފަހަރު އެކި ބައި ގެނެސްގެން އައްޑު އަތޮޅުގައި މިލިޓަރީ މަރުކަޒެއް އިންޑިޔާއިން ރާވަމުންދާ ގޮތަށް. ފުރަތަމަ އައްޑޫ އަށް ގެނައީ ހެލިކޮޕްޓަރަކާއި ސިފައިން. ދެން ގެނައީ ރާޑަރު ސްޓޭޝަން. ދެން އެޅީ މިލިޓަރީ ބޭސް އަކަށް ބޭނުން ކުރެވޭ ވަރުގެ ވަރުގަދަ އިމާރާތެއް. ޑިޕްލޮމެޓިކް ކަވަރު ދިނުމަށް ޓަކައި މިހާރު މި ގެންނަނީ ކޮންސިއުލޭޓް އޮފީހެއް.“ ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އައްޑޫގައި އޮޕަރޭޓް ކުރަމުންދާ ދެ ރިސޯޓު ބަންދުވެ، އައްޑޫ ރައްޔިތުންގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ވައުދުވި 8000 އެނދު ތަރައްގީ ނުކޮށް އިންޑިއާގެ މިލިޓަރީ މަރުކަޒެއް އައްޑޫސިޓީގައި ޤާއިމުކުރުމަކީ އިންވެސްޓަރުން އައްޑޫ އަށް އައުމަށް ޖެހިލުންވާނެ ކަމެއް ކަމުގަ އެވެ.

ޢުމަރު ވިދާޅުވީ އިންޑިއާއަކީ މުއްސަނދި ޤައުމެއް ނޫން ކަމަށާއި އެހެންކަމުން އައްޑޫގައި ޤާއިމްކުރާ މިލިޓަރީ މަރުކަޒުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެކަމުގަ އެވެ. ޓޫރިޒަމް އާއި އެނޫންވެސް ވިޔަފާރި ތަކަށް ލިބޭ ހީނަރު ކަމަކަށް މިކަން ވާނެކަމަށާއި، އިނގިރޭސިން ތިބިއިރު ކުރި ކަހަލަ އެއްވެސް އިޤްތިސާދީ ފައިދާއެއް އައްޑޫއަށް ނުކުރާނެކަމަށް ވިދާޅުވި އެވެ. އަދި މި މިކަމަކީ މުޅި ޤައުމުގެ މިނިވަންކަމަށާއި، އައްޑޫގެ އިޤްތިޞާދަށް ލިބޭ ގެއްލުމެއް ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ މިއީ މުޅި ޤައުމުގެ މިނިވަން ކަމަށް އަންނަ ގޮންޖެހުމެއްކަމަށާއި، މިއީ އައްޑޫގެ އިޤްތިސާދަށް ލިބޭ ނުހަނު ބޮޑު ގެއްލުމެއް ކަމުގައެވެ. އަދި މިއީ ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެކިއެކި ނަންނަމުގައި އިންޑިޔާގެ މިލިޓަރީ ބޭސްތައް ޤާއިމް ކުރުމަށް ހިންގޭ ފުޅާ ޕްރޮގްރާމެއް ކަމަށްވެސް ޢުމަރު ވިދާޅުވި އެވެ.

”މިއީ ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުގައި، އެކި ނަންނަމުގެ އިންޑިއާގެ މިލިޓަރީ ބޭސްތައް ގާއިމު ކުރުމަށް ހިންގާ ފުޅާ ޕްރޮގްރާމެއ، އުތުރު ތިލަފަޅުގަ އިންޑިއާއިން ހަދާ އިމާރާތްތަކާ، ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިނާ އެމީހުންގެ ޑޯނިއާ މަތިންދާބޯޓާ، ލ. ގަމުގައި ތިބި އިންޑިއާ ސިފައިންނާ، އެމީހުންގެ ހެލިކޮޕްޓަރާ، އައްޑޫގައި ޤާއިމު ކުރެވިފައިވާ އެމީހުންގެ ވަސީލަތްތަކަށް ބަލައިލުމުން މި ހިނގަނީ ކޮން ކަމެއްކަން ވަރަށް ސާފު.“ ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ މިއީ ދިވެހި ދައުލަތުގެ ވެރިންގެ ތިލަ ވިސްނުމުގެ ސަބަބުން ދިމާވަމުންދާ ކަމެއް ކަމުގައެވެ. އެހެންކަމުން މީގެ ނޭދެވޭ އަސަރު ދިވެހިންގެ މިނިވަން ކަމަށް ކުރާނެ ކަމަށާއި، މާތް ﷲ ގެ ވާގިފުޅާ އެކު ދިވެހިންގެ މިނިވަން ކަން ސަލާމަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ޖިހާދެއް ދިވެހިންކުރާނެ ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

”މި ޤައުމު އަނބުރާ ދިވެހިންނަށް ހޯދައިދިނުމުގެ މަތިވެރި ޒިންމާ 2023 ވަނަ އަހަރު، ދިވެހި ރައްޔިތުން ޑީއެންއޭ އާ ޙަވާލު ކުރައްވައިފިނަމަ، ﷲގެ ވާގިފުޅާއެކު، އިންޑިޔާގެ ސިފައިން ތިބިތިބުމަށް ނިމުމެއް ގެންނާނަން. ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން.“ ޑީއެންއޭގެ ވީޑިއޯ ބަޔާނުގައި ޢުމަރު ވިދާޅުވެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި