Search Streamline Icon: https://streamlinehq.com

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޢިއްޒު އަށް ދިވެހި ސިފައިން މަރުހަބާ ދަންނަވައިފި

Dr. Muizzu in MNDF

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ދިވެހި ސިފައިން މަރުހަބާ ދަންނަވައިފި އެވެ.

ދިވެހި ސިފައިން ރައީސުލްޖުމްހޫރިޔާއަށް މަރުހަބާ ދަންނަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒު، ބަންޑާރަކޮށްޓަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ޒިޔާރަތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އިސްތިޤުބާލުކުރައްވައި މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި، ޤައުމީ ދިފާޢީ ބާރުގެ ޖެނެރަލް އޮފިސަރުން ނެވެ. ދިވެހި ސިފައިންގެ ހަތްކޮޅުގައި ބަންޑާރަކޮށްޓަށް އެމަނިކުފާނު ވަޑައިގެންނެވުމުން، އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފަ އެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަނީ، ޤައުމީ ދިފާޢީ ބާރުގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި، އެންލިސްޓެޑް ސިފައިންނާ ބައްދަލުކުރައްވާފަ އެވެ. އަދި މިއީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިޞިއްޔަތުން އެމަނިކުފާނު ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒަށް ވަޑައިގެން ސިފައިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ޑރ. މުޙާއްމަދު މުޢިއްޒު މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް، މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޢައްޔަންކުރައްވާފަ އެވެ. މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި