ސިޔާސީ މައިދާނުގައި ގިނަދުވަސްތަކެއްގައި ޚިދުމަތްކުރައވާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުޙައްމަދު ނަޝީދު، ސިޔާސީ މަސައްކަތާއި ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވާފައިވާކަމަށް އެމަނިކުފާނު އިއުލާން ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިކަން އިޢުލާންކުރައްވާފައިވަނީ އެމަނިކުފާނު ނެރުއްވި ނޫސް ބަޔާނެއްގަ އެވެ. ރައީސް ނަޝީދުގެ ނޫސްބަޔާން އެމަނިކުފާނު ވަނީ އެކްސް ޕޯސްޓު ކުރައްވާފައެވެ.
ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ސިޔާސީ އެކި މަސައްކަތުގައި އެމަނިކުފާނު އުޅުއްވާތާ އަހަރުތަކެއް ވެފައިވާ ކަމުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ގިނަ ބަޔެއްގެ އެހީތެރިކަން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމުގައެވެ. އަދި އެމަނިކުފާނުގެ ވާދަވެރިންނާއި ފުރައްސާރަކޮށް މަލާމާތް ކުރާ ހަތުރުވެރިންނަކީވެސް އެމަނިކުފާނުގެ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ސިޔާސީ މަސައްކަތުގެ ތެރޭގައި ނުހަނު އަނިޔާއާއި ހިތާމަވެރިކަންކަމާއި އެކަނިވެރިކަމާއި ކުރިމަތިލާން ޖެހުނުކަން ވެސް ރައީސް ނަޝިދުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
”ޖަލުގެ އެތައް އަނިޔާއާއި އެތައް ފަހަރެއްގެ ބަންދު ތަހައްމަލު ކުރަން ޖެހުނު. އަޅުގަނޑުގެ އާއިލާއާއި ދުރުގައި އުޅެން ޖެހި، މުޅި ޒާތީ ހަޔާތް ބަރުބާދުވެފަ. ބޮމުގެ ހަމަލާއިން މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފަ. އެހެން ނަމަވެސް މިމަސައްކަތުގައި އަޅުގަނޑަށް ނުހަނު އުފާވެރިކަމާއި ހިތްހަމަ ޖެހުން ވެސް ލިބިފައިވޭ. އަޅުގަނޑުގެ ބޮލުގައި އެޅިދިޔަ ކޮންމެ މަޅިއެއް ވަނީ މާފަައްޗަކަށް ބަދަލުވެފަ. މިކަމަށްޓަކައި އަޅުގަނޑު މާތް ރަސްކަލާނގެއަށް އިންތިހާއަށް ކުށްތަންވަން. ޝުކުރު ދަންނަވަން.“ ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކެޓްރީ ޖެނަރަލްގެ މަޤާމަށް އެމަނިކުފާނު އައްޔަންކޮށްފައިވާކަމުގައެވެ. އެހެންކަމުން އެމަނިކުފާނު ދެން އުޅުއްވާނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކެޓްރީ ޖެނަރަލްގެ ގޮތުގައި ކަމަށާއި، އެމަޤާމުގައި ހުންނަވައިގެން ދިވެހިރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންބަރު އިންތިހާއަށް ތަނަވަސްވާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ޖެނުއަރީމަހުން ފެށިގެން އެ މަޤާމު އަދާކުރައްވަން ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ކުރުމުއްދަތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވުމަށްފަހު އަމިއްލަފުޅަށް އިސްތިޢުފާދެއްވައި ރައީސްކަމާއި ދުރަށްޖެހިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައްޔާއި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން އުފެއްދި ފުރަތަމަ ސިޔާސީ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) ވުޖޫޖައް ގެނައުމުގައި ބުރައްމަސައްކަތްތަކެއް ކުރެއްވުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ރައީސް ނަޝީދަކީ ރާއްޖޭގެ ގިނަބައެއްގެ ލޯބި ހޯއްދަވާފައިވާ ސިޔާސީ ލީޑަރެއްވެސް މެއެވެ.
Siyaasee kankamaai mivaguthu dhurahjehun pic.twitter.com/93tQn9gyFh
— Mohamed Nasheed (@MohamedNasheed) December 12, 2023













