ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް މަތިވެރި ދުވަހަކީ ހުކުރު ދުވަހެވެ.
މާތް ﷲ ރުއްސުންލެއްވި އައުސް ބިން އައުސްގެ ފަރާތުން ރިވާވެގެންވެއެވެ. ނަބިއްޔާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
” ހަމަކަށަވަރުން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީވެސް އެދުވަހުއެވެ. ގިޔާމަތްވާނީވެސް އެދުވަހުގައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާހުށީކަމެވެ. ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލައެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށްފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ”.
وعَنْ أَبِي لُبَابَةَ بْنِ عَبْدِ الْمُنْذِرِ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ يَوْمَ الْجُمُعَةِ سَيِّدُ الأَيَّامِ ، وَأَعْظَمُهَا عِنْدَ اللَّهِ ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الأَضْحَى وَيَوْمِ الْفِطْرِ ، فِيهِ خَمْسُ خِلالٍ : خَلَقَ اللَّهُ فِيهِ آدَمَ ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الأَرْضِ ، وَفِيهِ تَوَفَّى اللَّهُ آدَمَ ، وَفِيهِ سَاعَةٌ لا يَسْأَلُ اللَّهَ فِيهَا الْعَبْدُ شَيْئًا إِلا أَعْطَاهُ ، مَا لَمْ يَسْأَلْ حَرَامًا ، وَفِيهِ تَقُومُ السَّاعَةُ ، مَا مِنْ مَلَكٍ مُقَرَّبٍ وَلا سَمَاءٍ وَلا أَرْضٍ وَلا رِيَاحٍ وَلا جِبَالٍ وَلا بَحْرٍ إِلا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ ) . رواه ابن ماجه މާނައަކީ: “މާތް ﷲ ރުއްސުންލެއްވި އަބޫލުބާބަތު ބިން ޢަބްދިލް މުންޛިރި ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
“ހަމަކަށަވަރުން ހުކުރު ދުވަހަކީ ދުވަސް ތަކުގެ ތެރެއިން އެންމެ ޚާއްޞަ ދުވަހެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެސް ދުވަހެވެ. އަޟްޙާ ޢީދާއި ފިޠްރު ޢީދުގެ ދުވަހަށް ވުރެވެސް މަތިވެރި ދުވަހެކެވެ. އެދުވަހުގައި ފަސްކަމެއް ހިމެނިފައިވެއެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ބިމަށް ތިރި ކުރެވުނީވެސް އެދުވަހުގައެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުގައެވެ. އަޅާ މާތް ﷲ ގެ ޙަޟްރަތުގައި ޙަރާމް ކަމެއް ފިޔަވާ އެހެން ކޮންމެ ކަމަކަށް އެދި ދަންނެވިނަމަވެސް އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އެދުވަހުގައިވެއެވެ. ގިޔާމަތްވާނީ ވެސް އެދުވަހުގައެވެ. އެދުވަހާއި މެދުގައި ބިރުވެތިނުވާ މަލާއިކަތެއް، އުޑެއް، ބިމެއް، ވައިރޯޅިއެއް، ފަރުބަދައެއް، އަދި ކަނޑެއް ނުވެއެވެ”.
އެހެނީ ގިޔާމަތް ވަނީ ހުކުރުދުވަހުގައި ކަން އެތަކެއްޗަށް އެނގެއެވެ. ހުކުރު ދުވަހުގެ މާތް ކަމުގެ ތެރޭގައި:
1. އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން، އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ”. عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ 🙁 الصَّلاةُ الْخَمْسُ، وَالْجُمْعَةُ إِلَى الْجُمْعَةِ ، كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِر) رواه مسلم. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ފަރްޟު ފަސްނަމާދާއި، ހުކުރުން ހުކުރަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަހާ ހިނދަކު އެދެމެދުގައިވާހާ ކަންތަކުގެ ކައްފާރާއެކެވެ”.
2. ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أفضل الصلوات عند الله صلاة الصبح يوم الجمعة في جماعة ) . رواه البيهقي في “شعب الإيمان” . މާނައަކީ: “މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ”. ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ.( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي الصُّبْحِ يَوْمَ الْجُمُعَةِ بِـ ( الم تَنْزِيلُ ) فِي الرَّكْعَةِ الأُولَى وَفِي الثَّانِيَةِ ( هَلْ أَتَى عَلَى الإِنْسَانِ حِينٌ مِنْ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا ) . رواه البخاري ومسلم . މާނައަކީ: “ހުކުރުވިލޭރޭ ފަތިސްނަމާދުގެ ފުރަތަމަ ރަކްޢަތުގައި ( الم تَنْزِيلُ ) އަދި ދެވަނަ ރަކްޢަތުގައި ( هَلْ أَتَى عَلَى الإِنْسَانِ حِينٌ مِنْ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا ) ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔަވާ ވިދާޅުވިއެވެ”. އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. “މިދެސޫރަތް ކިޔެވުމުގެ ޙިކްމަތަކީ އާދަމްގެ ފާނު ހެއްދެވުނު ވާހަކަ އާއި ގިޔާމަތްވުމުގެ ވާހަކަތައް މިދެސޫރަތުގައި ބަޔާންވެފައި ވުމެވެ”.
3. ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދިﷲ ބިން ޢަމްރި- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ) މާނައަކީ: “ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ”.
ހުކުރު ވިލޭރޭ ކަޙްފް ސޫރަތް ކިޔެވުން:
ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ))(1)
މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”
އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ.
((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)) (2)
މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”
އެހެންކަމުން މި މަތިވެރިކަމާއި ހެޔޮކަން ޙާޞިލުކުރުމަށް، ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހުގައި، ކަހަފް ސޫރަތް ކިޔެވުމަށް އާދަކުރަމާތޯ؟ އަދި ހުކުރުދުވަހު ދުޢާކުރުން ގިނަކޮށް އެދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަންނަ ބައެއްކަމުގައި ވުމަށް ގަދައަޅާ އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށެވެ.











