ދިވެހި ރައްޔިތުންގެ ޙައްޤުގައި ޤާނޫނު ހެދުމަށްޓަކައި އުފައްދަވާފައިވާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރަންވާނީ ޤާނޫނު ހެދޭ ފެންވަރުގެ ތަޢުލީމީ ޤާބިލް ބޭފުޅުންނަށް ވުމީ މިއަދު ކޮންމެހެންވެސް ބޭނުންތެރިކަމަކަށް ވާން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ތަޢުލީމީ ޤާބިލް މެމްބަރުން ތަމްސީލްކުރާ ތަނަކަށް ހެދުމަށް އެންމެ ބޮޑު ޒިންމާ އެއް އުފުލަން ޖެހިފައިވާ އެއްބަޔަކީ ސިޔާސީ ޕާޓީތަކެވެ.
ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ދައްކާ ކެންޑިޑޭޓުންނަކީ އެންމެ ކުޑަމިނުން އެމީހަކު ތަޢުލީމު ޙާޞިލްކުރާ ދާއިރާއަކުން ޑިޕްލޮމާ ފެންވަރު ހުންނަ މީހަކަށް ވާން ޖެހެއެވެ.
ޤާނޫނީ ވަކީލުން މަޖިލީހުގައި ތިބެންޖެހޭ ގޮތަށް އެހެން ދާއިރާތަކުން މަތީ ތައުލީމް ޙާޞިލް ކޮށްފައިވާ މީހުން ވެސް މަޖިލީހުގައި ތިބެން ޖެހެއެވެ.
މިބަދަލު ނުގެނެސް ދުވަހަކުވެސް ރައްޔިތުންގެ މަޖިލީހުން ޕްރޮޑަކްޓިވް މަސައްކަތެއް ކުރާތަން ފެނިގެން ދިޔުން އޮތީ ވަރަށް ދުރުގައެވެ. ރައްޔިތުން ވެސް ވޯޓުދެއްވުމުގެ ކުރިން މިކަންކަމާ މެދު ވަރަށް ފުންކޮށް ވިސްނާލަން އެބަޖެހެއެވެ.
ނުފޫޒުގަދަ މީހުންނާއި ފައިސާ ވެރިންނާއި އަޑުގަދަ މީހުން މަޖިލީހަށް އަޅުގަނޑުމެން ހޮވައި ދީފީމު އެވެ. އެއީ މާޒީއެވެ. މާޒީން ޢީބްރަތް ޚާޞިލްކުރައްވާ، މިއަދު އެގޮތް ބަދަލުވާން އެބަޖެހެއެވެ. ބަދަލުކުރަން މަޖުބޫރު ވެއްޖެއެވެ. ދިވެހި ލޮބުވެތި ރައްޔިތުން ވޯޓް ދެއްވުމުގެ ކުރިން ދަރިންނާއި ދަރިންގެދަރިންގެ މުސްތަގުބަލަށް ވިސްނާލެއްވުމަށްފަހު ވޯޓްދެއްވާށެވެ.
ބޯމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ވިސްވަން ވާނެއެވެ.
ދެން އަންނަ ރައްޔިތުްނގެ މަޖިލީހަކީ ވަރަށް ފުރިހަމަ މަޖިލީހަކަށް ހެދުމަށް ދިވެހި ޔައްޔިތުން ގަދަ އަޅައި މަސައްކަތް ކުރެއްވުމުގައި ފަސްޖެހިއްޖެ ނަމަ މާޒީގައި ފެނިގެން ދިޔަ ފަދަ ރައްޔިތުންގެ މަޖިލީހެއް އަލުން އަނބުރާ އިއާދަ ވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.













