Search Streamline Icon: https://streamlinehq.com

ރާއްޖެ ދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ ދުރަށް: ޢަބްދުﷲ ޝާހިދު

Shahid MDP

ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއިން ފެނިގެންދަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާ ދުރަށް ދާތަން ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާ ދުރަށް ދިވެހިރާއްޖެ ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައެވެ.

ޑިމޮކްރަސީގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާ ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވެފައިވަނީ ޑިމޮކްރެޓިކް ހަމަތަކާއި ޤައުމުގެ ތަރައްގީ ވަނީ ގުޅިލާމެހިފައި ކަމުގައެވެ. އެ ގޮތުންބަލާއިރު ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ޙައްޤުތަކާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށްވެސް ޝާހިދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއެކު ރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ވަނީ ބުނެފައެވެ.
ޕީއެންސީން މިހެން ބުނެފައިވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ޑިމޮކްރަސީ ދުވަހާ ގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައެވެ.

ޕީއެންސީގެ ބަޔާނުގައި ރާއްޖޭގެ ޑިމޮކްރަސީ އާއި ދައުލަތުގެ ހިންގުން އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ދިވެހި ދައުލަތަކީ ކުރިއަރާފައިވާ ދައުލަތަކަށް ހެދުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޕީއެންސީން ވަނީ ޝުކުރުއަދާކޮށްފައެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ ރާއްޖެއަށް ސިޔާސީ ނިޒާމު ތައާރަފުވިތާ 16 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދުސްތޫރީގޮތުންނާއި އިދާރީގޮތުން ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވިފައިނުވާ ކަމުގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެފަދަ މުހިންމު އިސްލާހުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާގޮތަށް ބަދަލުކުރެއްވުމާއި ބައި އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާގޮތަށް ބަދަލުކުރެއްވުން ހިމެނޭކަން ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ. މި ކަންކަމަކީ ރާއްޖޭގެ ޑިމޮކްރަސީ ދުރުރާސްތާގައި އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހުވާނެ ކަންކަން ކަމުގައި ޤަބޫލުކުރާ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން، ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ވެރިކަން ކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ގެންދަވާކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެމަނިކުފާނުގެ ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއެކު ރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް ކަމަށްވެސް ޑިމޮކްރަސީ ދުވަހާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި