ދިވެހިރާއްޖޭގެ ނޫސްވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާކަމުގައި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ލީޑަރ އަދި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެ އެވެ.
ޢުމަރު މިހެން ވިދާޅުވެފައިވަނީ މިއަދު ނެރުއްވި ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ޢުމަރު ވިދާޅުވެފައިވަނީ ރާއްޖެއަށް ޖަމާ ކުރަމުންދާ، އިންޑިޔާގެ ސިފައިންނާއި، އަޅަމުންދާ މަރުކަޒުތަކާ، ގެންނަމުންދާ މިލިޓަރީ އުޅަނދުތަކާ، ބަހައްޓަމުންދާ ރާޑަރުތަކާ، މި މަސައްކަތް ދެމެހެއްޓޭނެ ކަމުގެ އުއްމީދުގައި ޖަހަމުން ގެންދާ ފައިސާގެ ތަންދޫރަތަކާ، މި ކަމަށް މަގުފަހިކޮށްދޭ ސިޔާސީ ފަރާތްތަކާ ޕާޓީ ތަކަށް ދޭ ހަދިޔާތަކާ ބެހޭ ގޮތުން އެކިއެކި ޚަބަރު ތަކާ މަޒްމޫނުތައް ގެނެސްދޭ ނޫސްތަކަށް ސަރުކާރުން ދަތިކޮށް ހުރަސްއަޅަމުންދާ ކަމުގަ އެވެ.
މިފަދަ ވާހަކަތަކުގައި މަތިޖަހާ އޮމާންކޮށްގެން ޚަބަރު ގެނެސްދޭ ނޫސްތަކަށް އިންޑިޔާގެ އެމްބަސީ އިން އެކި ބާވަތްބާވަތުގެ ސްޕޮންސަރދީ ދިވެހިންގެ ކަންބޮޑުވުންތަކުގެ އަޑު ކަޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އުމަރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
”މި ދަނޑިވަޅުގައި ރާއްޖޭގެ މިނިވަން ކަމާއި، އަމިއްލަ ވަންތަ ކަމުގެ ޙައްޤުގައި ލިޔުއްވަމުން ގެންދަވާ ލިޔުއްވުންތެރިންނަށް ނުހަނު އިޚުލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި އެބޭފުޅުންގެ ލިޔުއްވުން ތަކާ ޚަބަރުތައް ވީހާވެސް ގިނަ ބޭފުޅުން ސޯޝަލް މީޑިއާގައި ޝެއަރ ކޮށްދެއްވާ، ލައިކް ދެއްވާ، ރީ-ޓްވީޓް ކޮށްދެއްވުމަކީ މި ޤައުމީ މަސައްކަތަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް“ ބަޔާނުގައި އުމަރު ވިދާޅުވެފައި ވެއެވެ.
އެ ބަޔާނުގައި ޢުމަރު ވިދާޅުވެފައިވަނީ މި ފަދަ ލިޔުއްވުންތަކާ، ޚަބަރު ތަކުގެ ލިންކް ޑީއެންއޭ އާއި ޢުމަރުގެ ފޭސްބުކް ޕޭޖް، ޓުވިޓަރ އަދި ވައިބަރ ކޮމިޔުނިޓީ ގްރޫޕް ތަކުގައި ލިބެން ހުންނާނެ ކަމުގަ އެވެ.
”އައްޔަކަސް އަނދިރިއަކަސް ތިމަންނަ މެނަށް ހެވޭ“ ބުނާ ޚާއިނުންގެ އަޑުތަކާ ދެކޮޅަށް ޝުއޫރު ފާޅުކޮށް، ކޮމްނެޓްކޮށް، ސަރުކާރާ އިންޑިޔާ އާއި ގުޅިގެން ހިންގާ މީޑިޔާ ޕްރޮޕެގެންޑާ އާއި ދެކޮޅަށް މަސައްކަތް ކޮށްދީ، ޞައްޙަ ޚަބަރު ތަކާއި، ޤައުމީ މަޒްމޫނު ތަކަށް ބާރުދީ، ޤައުމިއްޔަތު ހޭލައްވާ ލެއްވުމުގެ މަސައްކަތުގައި ބައިވެރިވެ ލެއްވުމަމަށްވެސް އުމަރު ވަނީ ގޮވާލައްވާފަ އެވެ.
ރާއްޖޭގެ މައްޗަށް ޖަމާވަމުން މިދާ ކަޅުވިލާގަޑުގެ ނުރައްކަލުން މި ޤައުމުގެ މިނިވަންކަމާ، އަމިއްލަ ވަންތަކަން ދިފާޢު ކުރުމުގެ ހެޔޮ ނަސީބާ ވިސްނުން މާތްﷲ ދިވެހިންނަށް މިންވަރު ކޮށްދެއްވުމަށް އެދި ދުއާކުރައްވާމަށްވެސް ޢުމަރު ވިދާޅުވި އެވެ.













