ޕީޕީއެމް އިން ރޭ ފަށާފައިވާ ”މިނިވަން ކަމުގެ ދިފާއުގައި ދިވެހިން“ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ލީޑަރުންނަށް ދައުވަތު އަރުވައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އުމަރު ނަސީރު އާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ ދައުވަތު އަރުއްވާފައެވެ.
މިކެމްޕެއިން އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއްވެސް ދާއިރާއެއް އިސްތިސްނާ ވުމެއް ނެތި ކޮންމެ ދާއިރާއަކުން ބެއްޔަސް ރާއްޖެ މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، ރޭ ފެށިގެން ދިޔަ ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފެއްޓި ގައުމީ ކެމްޕެއިނެއް ކަމަށެވެ.
މިކެމްޕެއިނަކީ އިންޑިޔާގެ އަސްކަރީ ނުފޫޒުތަކުން ރާއްޖެއަށް ބާރުހިންގަން އުޅޭކަމަށްބުނެ ޕީޕީއެމުން ފަށާފައިވާ ހަރަކާތެކެވެ. އެހެންކަމުން އަދުރޭ ވިދާޅުވަނީ ސިޔާސީ ޕާޓީތައް އުފައްދައިގެން ވެރިކަމަށް އާދެވޭނީ ޤައުމު މިނިވަން ކަންމަތީ އޮވެގެން ކަމަށާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ޤައުމުގެ ސިޔާސީ ހުރިހާ ލީޑަރުން އަތުކުރި އޮޅާލަންވީ ވަގުތެއް ކަމަށެވެ.













