ޖެހިގެން އައި ދުވަސްތައް އޭނާއަށްވީ ވޭނަކަށެވެ. ބިރުވެރިކަން ހިނދުކޮޅަކަށްވެސް ހިތުން ފިލާނުދެއެވެ. ދުވާލު ވަގުތުގައި އަބަދުވެސް ހުންނަނީ ސިހިސިހިއެވެ. އިރުއޮއްސިއްޖެނަމަ ކޮޓަރިއަށް ވަންނަން ބިރުގަނެއެވެ. ކޮޓަރީގެ ދޮރު ތަޅުލެވުނުތޯ އެތައް ފަހަރަކު ޔަޤީންކުރަން ޖެހެއެވެ. ކުޑަދޮރުތައްހުރީ ތަންޑުއެޅުވިފައިތޯ ބަލައެވެ. އެނދުގައި އޮށޯތުމުގެކުރިން ، އަލަމާރިއާއި އެނދުތަންދޮށްވެސް އެތަންފަހަރަކު ބެލެއެވެ. ހަމްޒާ ފިލާއޮވެދާނެތީއެވެ. ހަމަ ދެންމެ ދެންމެ ހަމްޒާ ދިމާލަކުން ނުކުމެދާނެއޭ ހިތަށްއަރަނީއެވެ. ވަރުބަލިވެ ނިދިއަޔަސް ދެލޯމަރާކަށްވެސް ނުކެރެއެވެ. ކިރިޔާ ލޮލުފިޔައެއް ޖެހިލާއިރަށްވެސް ސިހިފައި ހޭލެވެއެވެ. އެފަދަ ހާލެއްގައި ދެރޭ ދެދުވާވީއިރު ޝާނީހުރީ ސަފްސާނީގޮތުން އަސަރުކޮށްފައެވެ. މުޅި މީހާގެމިޒާޖާއި ތަބީއަތްވެސް ގޯސްވެއްޖެއެވެ.
މިއަދަކީ ޝާނީގެ ހާލަތު އިތުރަށް ގޯސްވި ދުވަހެކެވެ. ހެނދުނު ހޭލިއިރުވެސް އޭނާހުރީ ހުންއައިސްފައެވެ. މިއީ ހަމްޒާ އޭނާއަށް ދިން މުއްދަތު ހަމަވާ ދުވަހެކެވެ. އެހެންކަމުން އޭނާ ވަގުތު ހޯދައިގެން މަންމަ ގާތު ވާހަކައެއް ދައްކަން ބޭނުން ކަމުގައި ބުންޏެވެ. އާބިދާ ހީކުރީ ޝާނީ އުޅެނީ ޖިނާހްގެ ވާހަކައެއް ދައްކަން ކަމަށެވެ. އެހެންކަމުން ކޮންމެވެސް ބަހަނާއެއް ދައްކާފައި ދާން އުޅެނިކޮށް ޝާނީ ބުނެލި ވާހަކައިން އޭނާއަށް ހުއްޓެވުނެވެ.
“ މަންމާ އަހަރެން ބޭނުމީ ހަމްޒާއާ އިންނަން…“ އިސްޖަހައިގެން އިނދެ ޝާނީ ބުންޏެވެ.
“ ހަމްޒާއޭ؟….ޝާނީ ތިކިޔަނީ ހެޔޮ އެއްޗެއްތަ؟…“ ޔަޤީންނުވެފައި އާބިދާ އެހިއެވެ.
“ އާނ މަންމާ….އަހަރެން މިބުނީ ހަމްޒާއާ އިންނަން ބޭނުމޭ….އަހަރެންނަށް މިހާރު ވިސްނިއްޖެ ޖިނާހްއާ އިނދެގެން އުފަލެއް ނެތްކަން….މަންމަ ބައްޕަގާތު ބުނޭ ހަމްޒާގާތު ބުނާށޭ ހެކިވެރިން ފޮނުވަން….“ ޝާނީ އެހެން ބުނުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި ގޮސް ކޮޓަރިއަށްވަނެއެވެ. އޭރު އޭނަގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެއެވެ. ތިންދުވަސް ވަންދެން ރޮއެ ހިތާމަކުރުމުގެ ސަބަބުން މިހާރުވެސް އޭނާގެ ދެލޯވަނީ ދުޅަވެފައެވެ. މޫނުވެސްވަނީ މިލާފައެވެ.
އާބިދާއަށް ޝާނީ ބުނި އެއްޗެއް ޔަޤީންނުވެފައި އެތައް އިރަކު ހުރެވުނެވެ. އަލީ ގެޔަށް އައުމުން އާބިދާ އެވާހަކަ ބުނުމުން އަލީވެސް ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ.
“ ކުރިންވެސް އާބިދާ ބުނީމެއްނު ތިހެން…..މިފަހަރު ޝާނީގާތު އަހާފަ ނޫނީ ޔަޤީނެއް ނުކުރާނަން….“ އަލީ ބޭނުންވީ ޝާނީގެ ދުލުން އެހެން ބުނާއަޑު އަހާށެއެވެ. އަލީ ޝާނީއަށް ގޮވައިގެން ގެނެސް އެހުމުންވެސް ޝާނީބުނީ އާބިދާގާތުވެސް ބުނިގޮތަށެވެ.
“ ތީ ހަމަ ދަރިފުޅު ބޭނުންވެގެން ބުނާ އެއްޗެއްތަ ނޫނީ މަންމައާ ބައްޕަ ބޭނުންވާތީ ބުނި އެއްޗެއްތަ؟…“ އަލީ ޔަޤީންކުރަން ބޭނުންވިއެވެ.
“ މިއީ ހަމަ އަހަރެން ބޭނުންވާގޮތް….ކުރިން އަހަރެންނަށް ނުވިސްނުނީ….މިހާރު ވިސްނިއްޖެ…..އެހެންވީމަ ބައްޕަ ހަމްޒާގާތު ބުނޭ ކުރިން ފޮނުވި މީހުން ފޮރުވާށޭ….އަހަރެން ތައްޔާރޭ….“ ހިތުގައި ވޭންއެޅި ނަމަވެސް މޫނުމަތިން އެއަސަރު ނުދައްކާވޭތޯ ޝާނީ ބެލިއެވެ.
“ ދަރިފުޅު ބަލީތަ؟…ދެލޯ ދުޅަވެ، މޫނުވެސް ތިހުރީ ރަތްވެފައެއްނު…ދަރިފުޅު ކަމަކާ ހިތާމަކުރަނީތަ؟“ އަލީއަށް ޝާނީގެ މޫނުން ހިތާމައިގެން އަސަރު ފެނުނެވެ.
“ ނޫން…މިއުޅެނީ އެލާރޖިކެއްވެގެން…..ކުރިން ދުވަހު ބާފޮތްތަކެއް ހޭވީމަ ހިރަފުސްޖެހިގެން…..“ ޝާނީ ދޮގެއް ހަދާލިއެވެ.
ޝާނީ ހަމްޒާއަށް އާނބަސް ބުނި ޚަބަރު ލިބުމާއެކީ ސަލްމާ ތެޅެމުން ފޮޅެމުން އެގެއަށް އައެވެ. އޭނާއަށް ކޮންމެވެސް ގޯހެއް އުޅޭހެން ހީވިއެވެ. އޭނާ އޮޅުން ފިލުވަން ބޭނުންވިއެވެ.
“ ކީއްވެ ކުއްލިއަކަށް ޚިޔާލު ބަދަލުވީ؟….ކީއްވެ ދޮންތަގާތު ބުނެވެސް ނުލާ ހަމްޒާއާ އިންނަން އެއްބަސްވީ؟…އަނެއްކާ މަންމަމެން ކޮންމެވެސް އެއްޗެއްކޭ ކިޔައިގެން މަޖުބޫރުކުރީތަ؟…“ ސަލްމާ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
“ ނޫން…އަހަރެންނަށް ވިސްނުނީ…“ ޝާނީ ދިނީ ކުރު ޖަވާބެކެވެ.
“ ކޯއްޗެއް ވިސްނުނީ؟…“ ސަލްމާ އެހިއެވެ.
“ މަންމަމެން ބުނީ ރަނގަޅަށްކަން….ޖިނާހްއާ އިނދެގެން މާބޮޑު ތަކުލީފުގަ އުޅެން ޖެހިދާނެކަން….އޭރުން ލޯބިވިޔަސް އެލޯބި އޮންނާނީ ބޭކާރު އެއްޗަކަށްވެފަ…“ ގަބޫލުކުރެވޭ ފަދަ އުޒުރެއް އޭނާ ދެއްކިއެވެ. ނަމަވެސް ސަލްމާހުރީ އޭނާ ބުނާ އެއްވެސް އެއްޗެއް ގަބޫލުކުރާ ގޮތަކަށް ނޫނެވެ.
“ ހަމަ ކުއްލިއަކަށްތަ އެހެން ހިތަށްއެރީ؟…މިހުރިހާ ދުވަހު ޖިނާހްދެކެ ލޯބިން ޤުރުބާންވާހުރި މީހަކު ކުއްލިއަކަށް ބަދަލުވާން ޖެހޭނެ ސަބަބެއް އޮންނާނެ….ބުނެބަލަ! ކިހިނެއްތަވީ؟…މަންމަމެން އެއްޗެކޭ ބުނީތަ؟ ނޫނީ ހަމްޒާ އިންޒާރެއް ދިނީތަ؟…“ ސަލްމާހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ.
ސަލްމާގެ ސުވާލުތަކުން ޝާނީގެ ހިތްވަރު އެލޭގޮތްވިއެވެ. އަދި ހިތްދަތިވެގެން އޭނާގެ ހާލަތު ބަޔާންކުރަން ބޭނުންވިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ޚިޔާލަށްއައީ ހަމްޒާގެ ވިހަ ބަސްތަކެވެ. ޖިނާހްއާ ގުޅޭގޮތުން ބުނި އިންޒާރުގެ ޖުމްލަތަކެވެ. އެހެންކަމުން އޭނާ ހަޤީޤަތް ހާމަނުކޮށް ކެތްކުރިއެވެ.
“ ދޮންތާ…އަހަރެން އަދިވެސް ޖިނާހްދެކެ ލޯބިވޭ…އަކަމު ދިރިއުޅެން ބޭނުންވާ އެއްޗަކީ ހަމައެކަލި ލޯތްބެއްނޫން…މާލީ ފުދުންތެރިކަމަކީވެސް މުހިއްމު އެއްޗެއް….އަހަރެން ޖިނާހްއާ ކައިވެނިކުރިޔަސް ގޮސް ވަންނަން ޖެހެނީ ހަމްޒާމެންގެ ގެޔަށް…އެމީހުންގެ ތައްޕާހުގަ އުޅެންޖެހޭނީ…ޖިނާހްއަކީ އެގޭގަ އެއްވެސް ބާރެއް ހިނގާ މީހެއްނޫން…އެއީ އެގޭގަ ގެންގުޅޭ އަޅެއްފަދަ މީހެއް….އާރެއް ބާރެއްނެތް ޔަތީމެއް….ކައިވެންޏެއް ކޮށްގެން އަނތްބެއްގެ ޒިންމާ އޭނަ އުފުލާނީ ކިހިނެއް؟…“ ޝާނީ އަދިވެސް ބެލީ ބުއްދީގެ ހަމަތަކުން މިސާލު ދައްކައިގެން ސަލްމާއަށް ވިސްނައިދެވޭތޯއެވެ.
“ ތީ ހަމަ ޝާނީ ބުނާ އެއްޗެއްތަ؟…ތިއީ އެއްގޮތަކަށްވެސް ޝާނީގެ ބަހުރުވައެއްނޫން….ޝާނީ ޖިނާހްދެކެވީ ލޯތްބަކީ އެހާ ބަލިކަށި އެއްޗެއްތަ؟…ތިހާ ފަސޭހައިން ހަތިޔާރު ބަހައްޓާފަ، ހަމްޒާއާ ކައިވެނިކުރީމަ ޖިނާހްއަށް ވެދާނެ ގޮތަކާމެދު ވިސްނާލިންތަ؟…އެފަކީރު ކުރާނެ ހިތާމަ އަންދާޒާ ކުރެވޭތަ؟…ހަމްޒާއާ ކައިވެނިކޮށްގެން ގޮސް ޖިނާހްގެ ކުރިމަތީގަ އުޅޭއިރު ޝާނީގެ ހިތަކަށް ހަމަ އެކައްޗެއްވެސް ނާރާނެތަ؟…ޝާނީ ކުޑަކޮށްވެސް ދެރައެއް ނުވާނެތަ؟…މުޅި އުމުރު ޖިނާހްގެ ކުރިމަތީގަ އެގޮތަށް އުޅެވިދާނެތަ؟…އޭނ؟…ބުނެބަލަ!..މަށަށް ހަމަ ޔަޤީން ތިއީ ޝާނީގެ ނިންމުމެއް ނޫންކަން….“ ސަލްމާ ޔަޤީންކަމާއެކު ބުނެލުމުން ޝާނީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެންމެ ފަހުން އޭނާއަށް ރޮވުނީއެވެ.
“ ދޮންތަ ގާތު ބުނެބަލަ ޝާނީ….ކިހިނެއްތަވީ؟…“ ރޮއެ ރޮއެ އިން ޝާނީގެ ބޮލުގައި ފިރުމާލަމުން އާދޭހާއެކު ސަލްމާ ބުންޏެވެ. ޝާނީ އެތައް އިރަކު ރުއިމަށްފަހު ސަލްމާއަށް ހަޤީޤަތް ކިޔައިދިނެވެ. އަދި އޭނާއަށް ހަމްޒާއާ ކައިވެނިކުރުން ނޫންގޮތެއް ނެތްކަން ހާމަކުރިއެވެ.
“ ސުބުޙާނަﷲ….ހަމްޒާގެ ގޮތްކުޑަކަން ދެކިބަލަ! ތިވަރުވެގެން ދިޔައިރު ކީއްވެތަ މަންމަމެންގާތު ނުބުނެ ތިހުރީ؟…ބަލަންހުރޭ! އަހަރެން ހަމްޒާ ފަޟީހަތް ކޮށްލާނަން….މަންމަމެން ގާތު ހުރިހާ ވާހަކައެއް ބުނާނަން…“ ރުޅިވެރިކަމާއެކު ސަލްމާ ބުނެލިއެވެ.
“ ނޫން ދޮންތާ! މަންމަމެން ގާތު ނުބުނާތި! އޭނަ އަހަރެންނަށް ވަރަށް އިންޒާރުދިން….އަހަރެން މީހެއްގާތު ބުނިކަން އެނގިއްޖެނަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ….ޖިނާހް މަރާވެސް ލާފާނެ…އެހެންވާކަށް އަހަރެން ބޭނުމެއްނޫން…ހިތްދަތިވެގެން އަހަރެން މަރުވިޔަސް، ޖިނާހް މަރުވާކަށް އަހަރެން ނޭދެން…“ ޝާނީ އާދޭސްކުރިއެވެ.
“ އެކަމަކު ޝާނީ ވިސްނާލަބަލަ! ހަމްޒާ އާ އިނދެގެން ޖިނާހްގެ ފުރާނަ ސަލާމަތް ކުރިޔަސް ކޮބާ ފައިދާއެއް؟…ޝާނީ ބީވުމުން މުޅި އުމުރު އެފަކީރު ހިތާމަ ކުރާނެކަން ނޭނގޭތަ؟…ޚުދު ޝާނީ ހިތާމައެއް ނުކުރާނަންތަ؟…ހަމްޒާއާ ނީނދެވުނު ނަމައޭ ފަހުން ޝާނީ ހިތަށްއަރާނެ…“ ޝާނީއަށް ވިސްނައިދެވޭތޯ ސަލްމާ މަސައްކަތްކުރިއެވެ.
“ ދޮންތާ…އޭނައަކީ ކިހާ ނުބައިމީހެއްކަން މިހާރު އަހަރެންނަށް އެނގިއްޖެ….އޭނަ ކުރަން ބުނާ ކޮންމެ ކަމެއް ކޮށްފަ ހުއްޓާލާނީ….އޭނަ ޖިނާހް މަރާލާނެ….އެހެންވެއްޖެނަމަ އަހަރެން ކިހިނެއް އަމިއްލަ ނަފްސަށް މާފުކުރާނީ؟…ކިހިނެއް ދިރިހުންނާނީ އެވަރުގެ ބޮޑު ހިތާމަޔަކާއެކު؟…އަހަރެންނަށް ޖިނާހް ނުލިބުނަސް އޭނާ ދިރިހުރިއްޔާ އެކަމުން ހިތްހަމަ ޖެހުން ލިބޭނެދޯ….އޭނާ ދުށުމުގެ ނަސީބު ލިބޭނެދޯ؟…“ ޝާނީވެސް ސަލްމާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
“ ޝާނީއަށް ހީވޭތަ ހަމްޒާއަށް މީހަކު މަރަން ކެރިދާނެހެން….އެވަރުގެ ބޮޑުކަމެއް އޭނައަށް ކުރަން ކެރިދާނެތަ؟…“ ސަލްމާއަށް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.
“ ދޮންތާ…އޭނަ ޖިނާހް ދޫކޮށްލިޔަސް އަހަރެން ދޫކޮށެއް ނުލާނެ….ޖިނާހްއާ އިނދެގެން އެގެޔަށް ދިޔަޔަސް އޭނަ އަހަރެންގެ އިތްފަތްތެރިކަމަށް އަރައިގަންނާނެ…އޭނަ އޮތީ އަހަރެންނަށް އެއިންޒާރު ދީފަ…“ މޮޅިވެރިކަމާއެކު ޝާނީ ބުނެލިއެވެ.
“ ޖިނާހްއަށް ހަމްޒާގެ ހަޤީޤަތް ކިޔައިދިނީމަ އެވީނު….މަށަށް ހަމަ ޔަޤީން ކޮންމެ ހާލެއްގަވެސް ޖިނާހް ޝާނީ ރައްކާތެރިކޮށްދޭނެކަން….ހަމްޒާއަކަށް ލާހިކެއްނޫން ޖިނާހް ހުއްޓައެއް ޝާނީއަށް ގޮތެއްހަދާކަށް….ޖިނާހްއަށް އަޑުނީވުނެއް ކަމަކު އެހެން ހުރިހާގޮތަކުންވެސް ހަމްޒާއަށްވުރެ ޤާބިލްވާނެ…“ ސަލްމާ އަދިވެސް ބެލީ ޝާނީގެ ވިސްނުން ބަދަލުކުރެވޭތޯއެވެ.
“ އެކަމަކު ދޮންތާ….ކިހިނެއް ސައުވީސް ގަޑިއިރު ޖިނާހް އަހަރެން ގާތުގަ ހުންނާނީ؟….ހަމްޒާއަކީ ތި ހީކުރާވަރަށްވުރެ މަކަރުވެރި ހުޝިޔާރު މީހެއް….ހަމަ އެންމެ ދަނޑިވަޅެއް ލިބުނަސް އޭގެ ބޭނުން އޭނަކުރާނެ…ކުރިންވެސް އެއްދުވަހަކު އަހަރެން އެގޭގަ ހުއްޓާ އެފަދަކަމެއްކުރި…ޖިނާހްއަށް އެދުވަހުވެސް އަހަރެން ގޮވިން….އެކަމު….“ ޝާނީ އެހިސާބަށް ބުނެފަ ހުއްޓާލިއެވެ.
“ ކީކޭ؟…މީގެކުރިންވެސް ޝާނީއަށް ގޯނާކުރިތަ؟…“ ސަލްމާ ހައިރާންވެފައި ސުވާލުކުރުމުން ޝާނީ ބޯހަލުވާލިއެވެ. އަދި އެދުވަހު ކަންތައް ހިނގާދިޔަގޮތް ކިޔައިދިނެވެ. ހަމްޒާ އެހާ ގޮތްކުޑަވެދާނެ ކަމަށް ފަހަރެއްގައިވެސް އޭނާ ހީކޮށްފައެއް ނެތެވެ. އޭނާ ހީކޮށްގެންހުރީ އޭނާއަށް ވަރަށް ރަނގަޅަށް ހަމްޒާ އެނގޭކަމުގައެވެ.
“ ދެން ދޮންތަ ބުނެބަލަ! އަހަރެން ޖިނާހްއާ އިނދެގެން އެގެއަށް ގޮސް އުޅޭއިރު އެފަދަ ކިތައް ދަނޑިވަޅު އޭނައަށް ލިބޭނެ…ހަމަ އެންމެ ފަހަރަކު އޭނަ އަހަރެންގެ އިތްފަތްތެރިކަމަށް އަރައިގަތަސް މުޅި އުމުރަށް އެކަމުގެ ހިތާމަ އަހަރެން ކުރަން ޖެހޭނެ…ޚުދު ޖިނާހްއަށްވެސް އެކަން އެނގޭ ދުވަހަކުން ކިހާބޮޑު ތަކުލީފަކަށްވާނެ….ޖިނާހްއާ ހަމްޒާގެ މެދުގަ ހަނގުރާމަ ނުހިނގައެއް ނުދާނެ…އޭރުން ނަތީޖާ މިއަށްވުރެވެސް ހިތިވެދާނެ….އަހަރެން ބޭނުމެއްނޫން އެހެންވާކަށް….ޖިނާހްއަށް މީހަކު މަރަން ނުކެރުނަސް ހަމްޒާއަށް ކެރޭނެ…“ ޝާނީ ވާހަކަ ދެއްކީ އޭނާއަށް ފެނިފައިވާ ހެކިތަކުގެ އަލީގައެވެ.
ޝާނީގެ ވާހަކަތައް އަޑުއަހާފައި ސަލްމާއަށްވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝާނީ ދެއްކީވެސް ތެދު ވާހަކައެވެ. ބޯޅަ މިހާރުވެސް އޮތީ ހަމްޒާގެ ކޮޅުގައެވެ. ޝާނީގެ އިތްފަތްތެރިކަން އޮތީ ނުރައްކަލުގެ ތެރޭގައެވެ. ލޯތްބަށްވުރެ މުހިއްމީ އިއްޒަތާއި އަބުރެވެ. އަންހެން ކުދިންނަކީ ހަޤީޤަތުގައިވެސް ކިހާ ބަލިކަށި ނިކަމެތި ބައެއް ހެއްޔެވެ؟ އެކުދިންނަށް އަބަދުވެސް ކޮންމެވެސް ކަހަލަ މަޖުބޫރީއަކާ އޮންނަނީ ކުރިމަތިލާން ޖެހިފައެވެ. ޤުރުބާންވުމަކީ އެމީހުންގެ ފިތުރަތެވެ. ޝާނީ ހިތްފުރޭންދެން ސަލްމާގެ ކުރިމަތީގައި ރުޔެވެ. ޚުދު ސަލްމާވެސް ޝާނީއާއެކުގައި ރުޔެވެ. ނަމަވެސް އޭނާ އަދިވެސް ހަމްޒާއާއި ޝާނީގެ ކައިވެނި ހުއްޓުވެން އޮތްގޮތަކަށް ހުއްޓުވަން މަސައްކަތްކުރާނެއެވެ. މަންމަމެންނަށް ހަޤީޤަތް ހާމަކޮށްގެންވެސް އޭނާ އެކަން ކުރާނެއެވެ. އޭނާގެ ދިރިއުޅުން ދިޔަގޮތަށް ޝާނީގެ ދިރިއުޅުން ދާކަށް އޭނާ ބޭނުމެއްނޫނެވެ.
ޝާނީގެ ކޮޓަރިން ނުކުމެ ފުރަތަމަވެސް އޭނަ ދިޔައީ މަންމައާއި ބައްޕަގާތުގައި ހަމްޒާގެ ވާހަކަ ބުނާށެވެ. ނަމަވެސް އެވަގުތު މަންމައާއި ބައްޕަގެ ގާތުގައި ހަމްޒާގެ ބައްޕަވެސް ހެވިފައި ވާހަކަދައްކަން އިން މަންޒަރު ފެނުމުން އޭނާއަށް އެވާހަކަ ބުނާކަށް ނުކެރުނެވެ. މަންމަ އުފަލުން ހެވިފައި ވާހަކަދައްކަން އިންގޮތުން، އެވާހަކަ މަންމަ ގަބޫލު ނުކޮށްފާނެއޭވެސް އޭނާގެ ހިތަށްއެރިއެވެ. އެންމެ ރަނގަޅު ގޮތަކީ އޭނާގެ ބައްޕަގާތު ވަކިން އެވާހަކަ ދެއްކުން ކަމުގައި ސަލްމާއަށް ވިސްނުނެވެ. އެހެންކަމުން އެފަދަ ފުރުސަތެއް ލިބުމުން އެވާހަކަ ދެއްކުމަށްޓަކައި އޭނާ ފަސްކޮށްލިއެވެ.
“ ސަލްމާ ހޯދާށޭ އަހަރެން މިއައީ….މަންމަ އެބައުޅޭ ސަލްމާ ނުފެނިގެން….ކޮންމެވެސް އެއްޗެއް ނުފެނިގެންނޭ ބުނީ…އަޅެދޭބަލަ ގޭދޮށަށް….“ ސަލްމާ ފެނުމާއެކީ ޖަމީލު ބުންޏެވެ.
“ އާނ…މިދަނީ ގެޔަށް ދާންވެގެން….“ އެހެން ބުނެލުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި ގެޔަށް ދިއުމަށްޓަކައި އޭނާ ހިނގައިގަތެވެ.
ސަލްމާ އެނބުރި ގޮސް ގެޔަށް ވަތް ވަގުތު ހަމްޒާ ގެއިން ނުކުންނަނީއެވެ. ހަމްޒާއާ ފެނުމާއެކު ވަގުތުން އޭނާ ރުޅިގަދަވިއެވެ. ހަމްޒާއާ ދިމާއަށް އެއްޗެއް ނުބުނެ އޭނާއަކަށް ކެތެއް ނުވިއެވެ.
“ ހަމްޒާ ތިހާ ގޮތްކުޑަވެގެން ތިއުޅެނީ ކީއްވެގެންތަ؟…ހަމްޒާދެކެ ޝާނީ ލޯބިނުވާކަން އެނގޭއިރުވެސް އޭނާގެ ފަހަތުން ނުނެއްޓިގެން ތިއުޅެނީ މޮޔަވެގެންތަ؟…“ ރުޅިއައިސްފައި ހަމްޒާއާ ހަތަރުކަޅި ހަމަކޮށްލަމުން ސަލްމާ ސުވާލުކޮށްލިގޮތުން ހަމްޒާ ހުއްޓުނެވެ. އަދި ސަލްމާ އެއައީ ޝާނީގެ ގާތުން ހުރިހާކަމެއް އޮޅުން ފިލުވައިގެންކަންވެސް އެނގުނެވެ.
“ ސަލްމާ ކީކޭތަ ތިކިޔަނީ؟…މަ ގޮތްކުޑަވެގެން ކީއްތަކުރީ؟…“ ނޭނގޭކަމަށް ހެދެމުން ހަމްޒާ އެހިއެވެ.
“ މާ ނޫންކަމަށް ހެދިގެން އުޅޭނެކަމެއްނެތް…ގޮތްކުޑަކަމުގެވެސް ހައްދެއް އޮންނަންޖެހޭނެ…ހަމްޒާ ހީނުކުރާތި، ހަމްޒާ ކުރާހާ ކަމެއްކުރަންދެން އަހަރެން މަޑުން ހުންނާނެކަމަށް…އަހަރެން ހަމަ މިއަދު އަހަރެންގެ މަންމަޔާ ބައްޕަގާތުގަ ހަމްޒާގެ ވިޔާނުދާ ވާހަކަ ބުނާނަން…އަދި ހަމްޒާގެ މަންމަމެން ގާތުގަވެސް ބުނާނަން….“ ސަލްމާ އިންޒާރެއްދިނެވެ.
“ ކޮންކަމެއްގެ ވާހަކަ ބުނާނީ؟…ބުނެބަލަ! އޭނ؟..އަހަރެން ކުރި ކަމެއްގެ ވާހަކަ ބުނެބަލަ!…“ ލާނެއްގޮތަކަށް ހިނިއައިސްފައިހުރެ ހަމްޒާ ބުނެލިއެވެ.
“ ހުރި ގޮތްކުޑަކަން…ޝާނީ ނިދާފައޮއްވާ ދަންވަރު އޭނަ ކައިރިއަށް ވަދެފަ އަދި އެބައަހައެއްނު އަހަރެން ކީއްހޭކުރީ؟…“ ރުޅިއައިވަރުން ސަލްމާއަށް އެހެންބުނެވުނީވެސް ނުހަނު ބާރަށެވެ. އެވަގުތު ގޭތެރެއިން މީހަކަށް އެއަޑު އިވިދާނެތީ ހަމްޒާ ޖެހިލުންވިއެވެ.
“ ޝުޝް…އަޑުމަޑުކުރޭ!…“ ކުއްލިއަކަށް ސަލްމާގެ އަތުގައި ހިފައި ލަތްކެއްޖަހަމުން، ކައިރީގައި ހުރި ހަމްޒާގެ ކޮޓަރި ތެރެއަށް ވައްދައި ދޮރު ލެއްޕިއެވެ. ސަލްމާ ރުޅިއައިސްގެން ހަމްޒާގެ އަތުން އޭނާގެ އަތް ވީއްލޭތޯ އުޅުނެވެ.
“ ބުނަން!….ސަލްމާ ރީއްޗެއްނޫން އަހަރެންގެ ގޮތްކުޑަ ވާހަކަ ދައްކާކަށް….އަމިއްލަ މީހާގެ ހާލާމެދު ވިސްނާލަބަލަ! އަމިއްލައަށް މާ ރަނގަޅު މީހަކަށްވެގެން އުޅުނަސް ތިއީވެސް މާ ރަނގަޅު މީހެއްނޫންދޯ؟…“ ސަލްމާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ މަލާމާތުގެ ގޮތަކަށް ހަމްޒާ ބުނެލިއެވެ.
“ ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް….އަހަރެންގެ އަތުން ދޫކުރޭ!…ގޮތްކުޑަ ފިރިހެނާ!…“ ހަމްޒާއަށް ލޯއަޅާލާފައި ދަތްކުނޑި ވިކާލަމުން ސަލްމާ ބުނެލިއެވެ.
“ ދޫ ނުކޮށްފިއްޔާ ކީއްކުރާނީ؟…ކީއްކުރެވޭނީ؟…“ ކުރިޔަށްވުރެ ބޮޑަށް ސަލްމާއާ ގާތްވެލަމުން ހަމްޒާއެހިއެވެ. ހަމްޒާ ބޭނުންވީ އަދިވެސް ބޮޑަށް ސަލްމާ ރުޅިއަރުވާލާށެވެ.
“ ކަލޭ ލަދެއްވެސް ނުގަނޭތަ؟…މަ މީ ކަލޭގެ ފަހަރިއޭ…“ ހަމްޒާގެ މޭގަ އަޅާ ދުރަށް ކޮށްޕާލަމުން، އޭނާގެ މަޤާމު ސަލްމާ ހަނދާންކޮށްދިނެވެ.
“ އޯހ….މާފުކުރޭ…ފަހަރިކަން އަހަރެން ހަނދާންނެތުނީ…އެކަމު އަހަރެން ހަނދާން އެބަހުރި މިނޫން ގުޅުމެއްވެސް އަހަރެމެންގެ އޮތްކަން…ސަލްމާ ހަމަ ކުޑަކޮށްވެސް ހަނދާނެއް ނުވޭތަ؟..“ މަލާމާތު ޒާތަކަށް ހީލަމުން ހަމްޒާ ބުންޏެވެ.
ނުނިމޭ










