ދެތިން ފަހަރު ޓަކި ޖެހުމަށްފަހު ޓަކި ޖެހުން ހުއްޓުނެވެ. ހުޝާމް މަޑުމަޑުން ދޮރު ކުޑަކޮށް ހުޅުވާލާފައި ބަލާލިއެވެ. އެވަގުތު ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ.
އެތައް ދުވަހަކަށްފަހު ލޯބިވާ މަލް ފެނުމުން އޭނަށް ކެތް ނުކުރެވުނެވެ.
”މަލް“ ހުޝާމް ގޮވާލިއެވެ.
މަލްދާ އެނބުރި ބަލާލިއެވެ. އެވަގުތު ހުޝާމް ދޮރު ލައްޕާލިއެވެ. އެއްޗެއް ހަދާންވެގެންނެވެ. މަލްދާއަށް ހީވި ގޮތެކޭ ހިތާ އެކުވެރި ކުއްޖަކާއެކީ ނުކުމެގެން ދިޔައީއެވެ.
ހުޝާމް ހުރީ ވަރަށް އުފާވެފައެވެ. އެތައް ދުވަހެއް ފަހުން މަލްދާ ފެނުމުންނެވެ. އެހެން ހުއްޓާ އަނެއްކާވެސް ކޮޓަރީގެ ދޮރުގައި މީހަކު ދެފަހަރު ޓަކި ޖަހާލިއެވެ. މިފަހަރު ހުޝާމް ހުރީ ވަރަށް ހުށިޔާރުވެގެންނެވެ. ދޮރު ނުހުޅުވިއެވެ. މިއަދަކީ ރަނގަޅު ދުވަހެއް ނޫނޭ ހިތާ އެދުމަތީ އޮތް ފޯނު ނަގައި ނަތާއަށް ގުޅާލިއެވެ.
އިރުކޮޅަކުން ނަތާ އައެވެ. އެހެންނަމަވެސް ނަތާ ކައިރީ މަލްދާ ފެނުނު ވާހަކަ ހުޝާމް ނުބުނެއެވެ. ނަތާ އައިސް ހުޝާމްގެ އަތަށް އެއްޗެއް ދިނެވެ.
”މީ ކޯޗެއް؟“
”ތީތި އަބަދުވެސް ގައިގައި ބާއްވާތި. އަހަރެމެން ކުރަން މިއުޅެނީ އާދައިގެ ކަމެއް ނޫން. އެހެންވީމަ ހުޝާމްގެ ރައްކަލަކަށް ތީތީ އަބަދުވެސް އަޅައިގެން ހުންނާނީ. ނަސީބެއް ހުޝާމް ދޮރު ނުހުޅުވިކަން. އާނިފް ދޮރުގައި ޓަކި ޖެހީ. އޭނައަށް ޝައްކުވީ ކަންނޭގެ ހުޝާމް ހުރިކަން. އެހެން ނޫނީ ކިހިނެއް މިތަނަށް އަންނަން އެގޭނީ.“ ނަތާ ބުނެލިއެވެ.
މިސުވާލުގެ ޖަވާބު ނަތާއަށް ނޭގުނަސް ހުޝާމްއަށް އެނގެއެވެ. ހުޝާމް ނަތާއަށް ގޮވާލިއިރު ތަންކޮޅެއް ދުރުގައި އާނިފް ހުއްޓާ އޭނާ ދެކުނެވެ.
”އަހަރެން މިއައީ ހުޝާމް ބަލާ. ހިނގާ ދަމާ ކަރީމްބެ އާ ބައްދަލުކޮށްލަން. އެބައިން ކާރުގައި.“
”އަހަންނަކަށް ނުކެރޭނެ. މަލްގެ ބައްޕަ އަހަންނާ އެހާ ޤަބޫލެއް ނޫން.“ ހުޝާމް ބުނެލިއެވެ.
”ކާކު ބުނީ ޤަބޫލެއް ނޫނޭ. ކަރީމްބެ ޤަބޫލު. އަދި ކަރީމްބެ ވެސް އަހަރެންވެސް ބޭނުން މަލްދާ އެމުސީބާތުން ސަލާމަތްކުރަން“ ނަތާ ދެރަވެފައި ބުނެލިއެވެ.
”ތިކަން އެންމެ ބޭނުންވަނީ އަހަރެން. މިއަދު އަހަރެން ވަޒީފާ ދޫކޮށް މިތަނަށް އައިސް މިހިރީ މަލްއަށްޓަކައި. އަހަރެންގެ ލޯބި އަހަރެންގެ އަތުން ބީވިޔަ ނުދިނުމަށް. މަލްއަށްޓަކައި ފުރާނަ ދޭން ޖެހުނަސް ފަރުވާލެއްނެތް.“
”ހޫމް.. މިއުޅެނީ އާޝިޤެއް ދޯ. ދެން ހިގާ ދަމާ.“
ނަތާގެ ފަހަތުން ހުޝާމް ނުކުތީ ދެކޮޅު ހޯދަމުންނެވެ.
ނަތާ ގޮސް ކާރުގެ ދޮރު ހުޅުވާލުމުން ހުޝާމް ކާރަށް އެރިއެވެ. ކާރު މިސްރާބް ޖަހާލީ ރަށުގެ ތުނޑި އާ ދިމާލަށެވެ.
”މިރެޔަކީ ބޮޑު ރެއެއް.“ ފާއިހު ބުނެލިއެވެ.
”އާ ބޭބޭ. މިހާރު އާނިފްއަށް ޝައްކުވާނެ އަހަރެމެން ކަމަކު އުޅޭހެން.“ ނަތާ ބުނެލިއެވެ.
”އަހަރެން މިދަނީ ނަމާދަށް. މިރޭ އިޝާ ނަމާދަށްފަހު މަލްދާ ގޮވައިގެން އެންމެން އާދޭ އަހަރެން ގެޔަށް. ހަދާންކޮށް އާރިފާވެސް ގެންނާތި އެކަމަކު އޭނަ ކައިރީ ވެގެން އުޅޭ ގޮތް އަދި ނުބުނާތި.“ ފާއިހު މިހެން ބުނެ ކާރުން ފޭބިއެވެ.
ކަރީމް ފޯނު ނަގާ މީހަކަށް ގުޅާލިއެވެ.
”އަހަރެން އެބައަންނަން. ނުކުމޭ.“
ނަތާ އިނީ ހައިރާންވެފައެވެ. ތުނޑިއަށް މިސްރާބް ޖެހި ކާރު ގެޔާ ދިމާލަށް ކަރީމް އަނބުރާލުމުންނެވެ. އެކާރުގައި ހުޝާމް އިނުމުން ނަތާ ހާސްވިއެވެ. އެގޭ މީހަކަށް ނުވަތަ މަލްދާއަށް ހުޝާމް ފެނިދާނެތީ ބިރުގަތީއެވެ.
”ކަރީމްބޭ. ގެޔަށްތަ ތިދަނީ؟“ ނަތާ އަހާލިއެވެ.
އާ! ގެޔަށް މިދަނީ.“ ކަރީމް މިހެން ބުނުމުން ނަތާ އިނީ ވާނުވާގައެވެ.
ގެޔަށް އާދެވުމުން ކަރީމް ކާރު މަޑުކޮށްލިއެވެ. ފަހަތު ސީޓުގައި އިން ނަތާ އާއި ހުޝާމް އިނީ ވާނުވާގައެވެ.
ކާރުގެ ދޮރު ހުޅުވާލާފައި ކާރަށް އެރީ މަލްދާއެވެ.
”އަހަ ނަތާ! އެބައިނިން ދޯ.“ މަލްދާ ވާޙަކަ ދެއްކީ ނަތާއާއެވެ. އެހެންނަމަވެސް ބަލަހައްޓައިގެން އިނީ ހުޝާމް އަށެވެ.
”ވަރަށް ދަންނަ މޫނެއް. ކާކުތަ މީ. ބައްޕަ ރައްޓެއްސެއްތަ؟“ މަލްދާ މިހެން ބުނުމުން ހުޝާމް ވަރަށް ދެރަވިއެވެ. އެތައް ދުވަހަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ވަކިކުރަން މަލްދާއަށް ނޭގުމުންނެވެ.
”ދަރިފުޅަށް ނޭގޭތަ ކާކު ކަމެއް؟“ ކާރު ދުއްވަމުން ކަރީމް އަހާލިއެވެ.
”އެމޫނު.. ދަންނަން އެކަމަކު ހަދާނެއް ނުވޭ ކޮންތާކުން ކަމެއް ދިމާވީ. އަޅެ އަހަރެމެން ކުރިން ދިމާވިތަ؟“ ހުޝާމް ކައިރިން މަލްދާ އަހާލިއެވެ.
”މަލްއަށް އަހަރެން ނޭގުނިއްޔާ އަޅާނުލާ.“ ހުޝާމް މާޔޫސްކަންމަތީ ބުނެލިއެވެ.
”މަލް“ މަލްދާ ވިސްނާލިއެވެ.
”ދެން އެވާހަކަ ދައްކާނެ ކަމެއްނެތް. ދަރިފުޅު ކޮންތާކަށް ތިދަނީ.“ ކަރީމް އަހާލިއެވެ.
”ހުޝާމް އެބައިން އަހަރެންގެ އިންތިޒާރުގައި ރެސްޓޯރެންޓެއްގައި އެހެންވެ އޭނަ ގުޅައިގެން އެތަނަށް މިދަނީ. ހިތަށް އެރީ ބައްޕައަށް ގުޅާނަމޭ.“ މަލްދާ ވާހަކަދެއްކީ ލަދުރަކިކަމާއެކުއެވެ.
”ކަރީމްބޭ. ހުޝާމް ގެޔަށް ވައްޓާލާފަ ދާންވީ ނުން.“ ނަތާ މިހެން ބުނުމުން މަލްދާ އެނބުރި ނަތާގެ މޫނަށް ބަލާލިއެވެ.
”ހުޝާމް“
”ޔެސް ލަވް“ މަލްދާ ގޮވާލުމުން އިހްތިޔާރަކާނުލާ ހުޝާމްއަށް ބުނެލެވުނެވެ.
މަލްދާގެ ލޯ ބޮޑުވިއެވެ. މަލްދާ ގޮވާލުމުން އަބަދުވެސް ހުޝާމް އޭނައަށް ޖަވާބުދެނީ އެގޮތަށެވެ.
”ޔެސް ލަވް. އަހަރެން ދާން ޖެހިއްޖެ.“ ނޫން ކަމަށް ހަދާފައި ހުޝާމް ނަތާ އާއި ވާހަކަ ދެއްކިއެވެ. ނަތާވެސް ހީލާފައި ހުޝާމް އާ ވާހަކަ ދެއްކިއެވެ.
”ނަތާ. އާ ބިޓެއް ނެގީތަ. ނުވެސް ބުނޭ.“ މަލްދާ ބުނެލިއެވެ.
ކަރީމް ކާރު މަޑުކޮށްލުމުން ނަތާ އާއި ހުޝާމް ކާރުން ފޭބިއެވެ. ހުޝާމް އައިސް މަލްދާ އާއި ސަލާމްކޮށްލުމަށްފަހު ހީލިއެވެ.
”ކޮންމެވެސް ދުވަހަކުން މަލް ކުރިމައްޗަށް އަރާނަން އެދުވަހު ނުބުނައްޗޭ ނުދަންނަމޭ.“ ހުޝާމް މިހެން ބުނެ ނަތާއެކީ ހިގައިގަތެވެ. ކަރީމް ކާރު ދުއްވާލިއެވެ.
މަލްދާއަށް އިދެވުނީ ރޮވިފައެވެ. ހުޝާމް އެބުނި ބަހަކީ މަލްދާ ދެކެ އިންތިހާއަށް ލޯބިވާ ހުޝާމް އަބަދުވެސް ކިޔާ އެއްޗެކެވެ. އެއަޑު މަލްދާގެ ކަންފަތުގައި ގުގުމަ ގުގުމާ ހުއްޓެވެ.
ކަރީމް އިނީ ބިރުންނެވެ. މަލްދާ އެވާހަކަތައް އާނިފް ކައިރީ ބުނެފި ނަމަ އެއީ ހުޝާމްއަށް އޮތް ނުރައްކަލެކެވެ. އަދި އެމީހުން ސިއްރުން އެކުރަން އުޅޭ ކަންތައްތަކަށް އޭރުން އާނިފް ހުރަސް އަޅާނެއެވެ.
މަލްދާއަށް ގަދަޔަށް ރޮވުނެވެ.
(ނުނިމޭ)











1 ކޮމެންޓް
ާަދެންމިވާހަކަ ކިޔާލަންލިބޭނީ ކޮންދުވަހަކުން؟
މާލަސްތަކެއްނުވެ މިރީތިވާހަކަ ކިޔާލަންލިބޭނެކަމަށް އުންމީދުކުރަން