ޑިމޮކްރެޓުންގެ ވެރިކަމެއްގައި މިހާރު އޮތް އާސަންދައިގެ ހިދުމަތަކީ އިންޝުއަރެންސް ނިޒާމަކަށް ބަދަލުކޮށް، އާސަންދައިގެ ދަށުން ރައްޔިތުން ބޭނުންވާ ކޮންމެތާކުން ވެސް ސިއްހީ ހިދުމަތް ހޯދޭނެގޮތް ހައްދަވާދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ނ. މާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި އޮތް ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް ނައްތާލާ އާސަންދަ ތައާރަފުކުރެއްވި ނަމަވެސް، މިހާރު މިވަނީ އާސަންދައަށް ރައްޔިތުން ސަލާން ޖަހަން މަޖުބޫރުކޮށްފައި ކަމަށެވެ.
އަދުގެ ސަރުކާރުން މިވަނީ އަނެއްކާ ވެސް ބޭސް ސިޓީ އަށް ސަލާން ޖަހަން މަޖުބޫރުކޮށްފައި ކަމަށާއި އާސަންދައިގެ ހިދުމަތެއް ހޯދަން ޖެހިއްޖެނަމަ، ރަށުގެ ސިޔާސީ ނުފޫޒުގަދަ މީހަކަށް ނުވަތަ އަތޮޅެއްގައި ހުންނަ ސިޔާސީ ނުފޫޒުގަދަ މީހަކަށް، ނޫނި ރައީސުލްޖުމްހޫރިއްޔާ ނޫނީ ސަރުކާރުގެ އިސްވެރިއަކަށް ނުގުޅާ އެއްކަމެއްވެސް މިހާރުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޑިމޮކްރެޓުންގެ ވެރިކަމެއްގައި މިހާރު މިއޮތް އާސަންދައަށް ސަލާންޖެހުމުގެ ކަންކަން އެކުގައި ނައްތާލައްވާނެ ކަމަށް އިލްޔާސް ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އާސަންދައިގެ ހިދުމަތް ލިބެންޖެހޭނީ ވަކި ހޮސްޕިޓަލް ތަކަކުން ނޫން ކަމަށާއި ސިއްހީ ކަންކަމުގައި ދައްކަންވީ ޑޮކްޓަރާއި ދާންވީ ހޮސްޕިޓަލު ނިންމާނީ ރައްޔިތު މީހާ ކަމަށެވެ. އެއީ ސަރުކާރުން ނިންމަން ޖެހޭނެ ކަންކަމެއް ނޫން ކަމަށާއި އެ ބަދަލު އެ ޕާޓީގެ ސަރުކާރެއްގައި ގެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.













