ޕީޕީއެމް އަދި ޕީއެންސީ ވެރިކަމެއްގައި މި ސަރުކާރުން ވިޔަސް މިހާރު ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓޭނޭ ކަމުގެ ޔަގީންކަން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ށ. ފުނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ތަރަށްޤީއަށް މިސަރުކާރުން ވިޔަސް އަދި އެހެން ސަރުކާރަކުން ވިޔަސް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓި ކުރިޔަށް ދާނޭ ކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރަށްރަށަށް ތަރައްގީ ގެންނަނީ އެއްވެސް ވަރަކަށް ދުރު ރާސްތާއަށް ވިސްނައިގެން ނޫން ކަމަށާއި ކުރާ ކޮންމެ ކަމެއް ކުރަނީ ނަމެއްގައި ކަމަށެވެ.
އަދި ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ދާއިމީ ހައްލެއް މިސަރުކާރަށް ހޯދައިދެވިފައި ނުވާ ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނުކިފާނުގެ ވެރިކަމެއްގައި މިފަދަ މައްސަަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ އަސާސީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނީ އޭނާގެ ވެރިކަމެއްގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ށ. އަތޮޅާއި ފުނަދޫއަށް ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ފުނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިދީ ބޮޑު ސަރަހައްދެއް ހިއްކައި ރަށުގެ އެއާޕޯޓުގެ ރަންވޭ ދިގު ކޮށްދެއްވާނެ ކަމަށެވެ. އަދި އެއާޕޯޓުގެ ހިދުމަތް ރޭގަނޑުގެ ވަގުތުގައި ވެސް ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ތަރައްޤީ އަކީ އެކަކު އެކަނި ގެނެވޭނޭ އެއްޗެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެވޭނީ އެންމެން ވެސް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކޮށްގެންކަމަށެވެ.













