Search Streamline Icon: https://streamlinehq.com

ހައްޔަރުކުރި މަސްވެރިން ދޫކޮށްލަން ރައީސް ނަޝީދު ގޮވާލައްވައިފި

Raees Nasheed Fenvaruonline

މަސްވެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެރިން މާލޭ ނެރު ކައިރީގައި ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު މަޢުރޫފް ޒާކިރާއެކު ހައްޔަރުކުރި އެހެން މަސްވެރިން ވެސް ވަގުތުން ދޫކޮށްލާން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ، ސަރުކާރުން މަސްވެރިންނަށް ވައުދުތައް ފުއްދުމުގައި ފަސްޖެހޭ ކަމަށް ބުނެ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިދިޔަ ބުދަ ދުވަހު ފެށި އިހުތިޖާޖުގެ ތެރެއިން ފުލުހުން ބައެއް މަސްވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައި، މިދިޔަ ބުދަ ދުވަހުން ފެށިގެން މަސް ދޯނިތައް މާލޭ ނެރު ކައިރިއަށް ޖަމާވެ ކުރަމުންދިޔަ އިހުތިޖާޖު ހުއްޓުވުމަށް، ފުލުހުން ދޯނިތަކަށް އަރައި ބައެއް މަސްވެރިން ހައްޔަރުކުރިއެވެ. މި އިހުތިޖާޖަކީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށް ބުނެ ކުރަމުންދާ އިހުތިޖާޖެކެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު ހިމެނުނުއިރު، އޭނާ ވަނީ އިއްޔެ ބަންދުން ދޫކޮށްލައިފައެވެ. ނަމަވެސް، އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ. އިއްޔެގެ ވަގުތެއްގައި މަޢުރޫފް ވަނީ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއްވެސް ކޮށްފައެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އަންނަނީ، މަޢުރޫފް ފިޔަވައި އިތުރު މީހުން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށް، އެ މީހުން ވެސް ދޫކޮށްލުމަށް ގޮވާލަމުންނެވެ.

ކުރީގެ ރައީސް ނަޝީދު ’އެކްސް’ގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ބަޔާންކުރައްވައިފައެވެ. އެ މަނިކުފާނު ލިޔުއްވިގޮތުގައި، މަޢުރޫފާއެކު މަސްވެރިން ހައްޔަރުކުރީ ސުލްހަވެރިކަމާއެކީ އަޑުއުފުލަން ތިއްބައެވެ.

މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ކުރި އިހުތިޖާޖުން ފުލުހުން ވަނީ މަޢުރޫފް ހިމެނޭހެން އަށް މީހަކު ހައްޔަރުކޮށްފައެވެ. އެ ތަނުން ބަންދުގެ މުއްދަތު ޖެހީ ހަތަރު މީހުންނަށެވެ. އެ ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ޖެހިއިރު، އޭގެ ތެރެއިން މަޢުރޫފް ވަނީ އިއްޔެ ދޫކޮށްލައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުން މަޢުރޫފާއި މަސްވެރިން ހައްޔަރުކުރި މައްސަލަ، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ، އައިއެލްއޯއަށް އެމްޑީޕީން އިއްޔެ ހުށަހަޅާފައިވެއެވެ. އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ، އިހުތިޖާޖު ނުހުއްޓައި އަދިވެސް ކުރިއަށްގެންދާނެ ކަމަށް ބުނެ، ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި